އައްޑޫސިޓީން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 69 އަކަށް އަރައިފިއެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެ އެކަނިވެސް 116 ސާމްޕަލްއެއް ނަގާފައިވާއިރު، އޭގެތެރެއިން 5 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އެކްޓިވް ކޭސްގެ ގޮތުގައި މިހާރު 43 ކޭސް އުޅޭކަމަށްވެސް އެ ސެންޓަރުން މައުލޫމާތުދެއެވެ. މީގެތެރެއިން ހޮސްޕިޓަލުގައި ފަރުވާދެމުންދަނީ އެކަކަށެވެ.

އައްޑޫއިން މިހާތަނަށް 69 މީހަކު ޕޮޒިޓިވްވެފައިވާއިރު، މީގެތެރޭގައި ހިމެނެނީ ފޭދޫއިން ޕޮޒިޓިވްވި 16 މީހަކާއި، ހިތަދޫއިން ޕޮޒިޓިވްވި 21 މީހަކާއި، އަދި މަރަދޫފޭދޫއިން ޕޮޒިޓިވްވި 04 މީހެއްގެ އިތުރުން މީދޫއިން ޕޮޒިޓިވްވި 2 މީހުންނާއި، އެމްޓީސީސީ ކްލަސްޓަރ އިން ޕޮޒިޓިވްވި 26 މީހެކެެވެ.

މި ކޭސްތަކުން މިހާތަނަށް 364 ޑައިރެކްޓުން ކޮންޓެކްޓެއް ދެނެގަނެވިފައިވާކަމަށްވެސް އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން މައުލޫމާތުދެއެވެ.

އަައްޑޫސިޓީއިން މިހާތަނަށް 2408 ސާމްޕަލްސް ގަނާފައިވާކަމަށްވެސް އެ ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އައްޑޫގައި މިހާރު ވަނީ ކޮވިޑް-19އިން ރައްކާތެރިވުމަށް ވެކްސިންވެސް ޖަހަން ފަށާފައެވެ. އެގޮތުން މިހާތަނަށް 4125 މީހަކަށް ވެކްސިން ޖަހަފައިވެއެވެ. އައްޑޫގައި 5 ސެންޓަރަކުން ވެކްސިންދެއެވެ.

މިގޮތުން އައްޑޫގައި ރޭގަނޑު 8 އަކުން ފަތިހު 4 އަކާއި ހަމައަށް ކާފިއު އިއުލާނުކޮށްފައިވާއިރު، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ. އަދި އައްޑޫގެ އެއް އަވަށުން އަނެއް އަވަށަށް އިދާރާތަކުގެ ޙާއްސަ ހުއްދައެއް ނަގައިގެން ދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.