މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތިން އަތޮޅެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހަކު ހައްޔަރުކޮށް އެމައްސަލަތައް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
މި ތިން އޮޕަރޭޝަން ހިންގާފައިވަނީ ހދ. ނޮޅިވަރަމާއި ރ. ދުވާފަރުގެ އިތުރުން ނ. ވެލިދޫގައެވެ.
ނޮޅިވަރަމުގައި ހިންގި އޮޕަރޭޝަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިންޓެލިޖެންސާއި ކުޅުދުއްފުށި ޕޮލިސް އަދި ނޮޅިވަރަމް ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މިމަހުގެ 21 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެއޮޕަރޭޝަނުގައި 31 އަހަރުގެ ދިވެހި ފިރިހެނަކާއި 40 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އަދި އެމީހުން ދިރިއުޅޭތަން ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ސެލޯފިން ކޮޅު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބޭތިއްބުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވެއެވެ.
ވެލިދޫގައި ހިންގި އޮޕަރޭޝަނަކީ ވެލިދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިންޓެލިޖެންސާއި ވެލިދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
ފުލުހުން ބުނީ، މިމަހުގެ 21 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެ ރަށު ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އަށް ސެލޯފިންކޮޅާއި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށެވެ.
މީގެއިތުރުން، މިމަހުގެ 20 ވަނަ ދުވަހު ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީވެސް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ އިންޓެލިޖެންސާއި ދުވާފަރު ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 15 ހޮޅިކޮޅު ފެނިފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ދުވާފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހު ގެ މުއްދަތު ދީފައިވެއެވެ.