ޒޯން 1 ގެ ކުނި މެނޭޖުކުރުމުގެ މަޝްރޫއުގެ ދަށުން ކުނި މެނޭޖުކުރާ މަރުކަޒުތައް ގާއިމުކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން 4 ރަށެއްގެ ކައުންސިލްތަކާއި އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މިއީ 2021 ވަނައަހަރުގެ ދައުލަތުގެ ބަޖެޓުން ހަރަދު ކޮށްގެން ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން 5 މިލިއަން ރުފިޔާ އަށްވުރެ ކުޑަ މަޝްރޫޢުތައް އެރަށެއްގެ ރަށު ނުވަތަ ސިޓީ ކައުންސިލްތަށް މެދުވެރިކޮށް ތަންފީޒުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ރަށު ކައުންސިލްތަކާ ހަވާލުކުރި މަސައްކަތެކެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، މިއުސޫލުން މަސައްކަތް ހަވާލުކުރުމުގެ އެންމެ ބޮޑު މަގްސަދަކީ ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަކީ ކައުންސިލްގެ ބެލުމުގެ ދަށުން، ކައުންސިލްގެ ލަފާއާއި އެކު ކުރިޔަށް ގެންދާ، ކައުންސިލްތައް ބާރުވެރި ކުރުނަވި މަޝްރޫއުތެކެއް ކަމުގައި މިމަޝްރޫއުތައް ހެދުންކަމަށެވެ.

އެމްއޯޔޫގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއިއެކު ސޮއިކޮށްފައިވާ ކައުންސިލްތަކަކީ، ހއ. ފިއްލަދޫ، ހއ. ބާރަށް، ށ. ކޮމަންޑޫ އަދި ށ. ފުނަދޫ ކައުންސިލެވެ. މި މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 3589612.00 (ތިން މިލިއަން، ފަސްލައްކަށް އަށްޑިހަ ނުވަހާސް، ހަސްތޭކަ ބާރަ ރުފިޔާ) އެވެ.

މި އެމްއޯޔޫ ގެ ދަށުން ކައުންސިލްތަކުން ތަންފީޒުކުރާ މަޝްރޫޢުތަކުގެ އެއްމެހާ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެކައުންސިލަކުންނެވެ. މީގެ ތެރޭގައި އެރަށެއްގެ ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމަށް ޓެންޑަރކޮށް ކޮންޓްރެކްޓަރ ޢައްޔަންކުރުމާއި އެފަރާތާއިއެކު އެއްބަސްވުންތަކުގައި ސޮއިކުރުމާއި އަދި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ނުވަތަ އެންވަޔަރަންމަންޓް މެނޭޖްމަންޓް ޕްލޭން (އީއެމްޕީ) ހަދަންޖެހޭނަމަ އެމަސައްކަތްތައްވެސް ކަނޑައެޅިފައި އޮންނަ އުޞޫލުން ކުރިއަށްގެންދާނީ އެރަށެއްގެ ރަށު ކައުންސިލަކުންނެވެ.

މި އެމްއޯޔޫގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ދައުރަކީ ކޮންމެ ރަށެއްގައިވެސް މަޝްރޫޢު ކުރިއަށްދާގޮތް ބަލާ މޮނިޓަރ ކުރުމާއި އެރަށަކަށް ބޭނުންވާ ބަޖެޓް ހަމަ ޖެހިފައި އޮންނަ އުޞޫލުން އެރަށެއްގެ ކައުންސިލަށް ޓްރާންސްފަރ ކުރުމެވެ. އެހެންކަމުން ކޮންޓްރެކްޓަރުންގެ ބިލްތަކަށް ފައިސާ ދެއްކުމަކީވެސް ރަށު ކައުންސިލްގެ ދައުރެއްގެ ގޮތުގައި މި އެމްއޯޔޫ ތަކުގައިވަނީ ކަނޑައަޅާފައެވެ.

ކޮންމެ ރަށެއްގައިވެސް ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކޮށް ނިމުން އެތަންތަނާއި އަދި އެތަންތަނުގައި ބެހެއްޓޭ އިކުއިޕްމަންޓްތައް އެސެޓް ޓްރާންސްފަރ ހެދުމަށްފަހު އެރަށެއްގެ ރަށު ކައުންސިލްގެ މިލްކެއްގޮތުގައި ހަމަޖެއްސުމަށްވެސް ކަނޑައަޅާފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މައުލޫމާތުދެއެވެ.