ކޮވިޑް-19އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއިން ކަނޑައަޅާފައިވާ ގައިޑްލައިނާ ޚިލާފަށް ސޯލްޓް ކެފޭގައި ބޭއްވި ކައިވެނި ޕާޓީއެއް ހުއްޓުވައިފިއެވެ.
ފުލުހުން ބުނީ، ގައިޑްލައިނާ ޚިލާފަށް ބޭއްވި ކައިވެނި ޕާޓީއެއް މިއަދު ހަވީރު 17:30 ހާއިރު ހުއްޓުވާފައިވާކަމަށެވެ. އަދި ސޯލްޓް ކެފޭ ޖޫރިމަނާ ކޮށްފައިވާކަމަށްވެސް ފުލުހުން މައުލޫމާތުދީފައިވެއެވެ.
ފުލުހުން ބުނީ ސޯލްޓް ކެފޭގައި އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް ޕާޓިއެއް ކުރިއަށްދާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ގޮސް ހުއްޓާލުމަށް އެދި ނަސޭހަތްދިން ކަމަށެވެ. އެހެންނަމަވެސް އިތުރަށް ޕާޓީ ކުރިއަށް ގެންދާތީ ފުލުހުން ދެވަނަފަހަރަށް ގޮސް ޕާޓީ އެއްކޮށް ހުއްޓުވާފައިވާ ކަމަށެވެ.
ގައިޑްލައިނާ ޚިލާފަށް ކައިވެނި ޕާޓީ ބޭއްވުމުން ފިޔަވަޅުއަޅާފައިވަނީ، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުންތަކާއި ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ 4 ވަނަ މާއްދާގެ (ރ) ގެ ދަށުންނެވެ. އެގޮތުން ސޯލްޓް ކެފޭ ވަނީ 5000 ރުފިޔާއިން ޖޫރިމަނާކޮށްފަ ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ.
ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުން އަންނާތީ، އެޗްޕީއޭއިން ވަނީ މާލެ ސަރަހަށްދުގައާއި، ރަށްރަށުގައިވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.
އެގޮތުން މިދިޔަ މަހުގެ 27އިން ފެށިގެން މާލެ ސަރަހައްދުގައި ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުންވެސް ހުއްޓާލުމަށް އަންގާފައިވެއެވެ.
ގައިޑްލައިނާ ޚިލާފަށް ބޭއްވި ކައިވެނި ޕާޓީއެއް ހުއްޓުވާފައިވާއިރު، މާލެ ތެރޭގައި ކުރިއަށްގެންދާ މުޒާރަހާތަކާއި އެއްވުންތައްވެސް ފުލުހުން އަންނަނީ ހުއްޓުވަމުންނެވެ.