ކާފަ އަބަދުވެސް ބުނާ ވާހަކައެއް އޮވެއެވެ. އެއީ ޖަމާޢަތުގައި ނަމާދު ކުރުމެވެ. އެ ކަން ނުކުރާނަމަ ކާފަ ވަރަށް ހިތްހަމަ ނުޖެހޭނެއެވެ. ކޮންމެ ނަމާދެއް ނިންމުމަށްފަހު އަހަރެން މިސްކިތުގައި އިންތޯ ކާފަ ބަލައެވެ. އަހަރެން ހިތްހަމަ ނުޖެހޭ ކަމަކަށް އެކަން ވިޔަސް، އެކަން ވެގެން ދިޔައީ ޖަމާޢަތުގައި އަހަރެން ބައިވެރިވުމަށް ލިބުނު ހިތްވަރަކަށެވެ.

ކާފައާއެކު މިސްކިތަށް ދިޔަ ދުވަހެކެވެ. ކާފަގެ ގައިން ދުވާ މީރުވަސް އަހަރެންގެ ގައިން ވެސް ދުވާ ފަދައެވެ.

"ކާފާ. ހާދަ މީރު ވަހެކޭ އެ ދުވަނީ" އަހަރެންނަށް ބުނެވުނެވެ.

"އެއީ އަތަރު ވަސް. އަން ދަރިފުޅު ވެސް މި ފުޅިން އަތަރު ކޮޅެއް އުނގުޅާލަބަލަ" އަތުމުށުން ފޮރުވާލެވޭ ވަރުގެ ކުޑަ އަތަރު ފުޅިއެއް ކާފަގެ ގަމީހު ޖީބުން ނެގުމަށްފަހު އަހަރެންގެ އަތުގައި އުނގުޅާލަ ދިނެވެ.

"ދެ އަތުން އުނގުޅާލާ. ދެން ގަމީހުގައި އުނގުޅަލާ. އޭރުން ވަސް ގިނައިރު ހުންނާނީ. އެހެން ނޫނިއްޔާ ވަރަށް އަވަހަށް ވަސްފިލާނެ" ކަންތައް ކުރަންވީ ގޮތާއި އެކަން އެ ގޮތަށް ކުރަނީ ކީއްވެގެން ކަންވެސް ކާފަ ކިޔައި ދިނެވެ.

"ކާފަ މިސްކިތަށް އަންނަ ކޮންމެ ފަހަރަކު ވެސް އަތަރު އުނގުޅަންތަ؟" އަހަރެން ސުވާލުކުރީމެވެ.

"މިއީ ކާފަ ހަނދާނުގައި ހުންނަން ފެށީއްސުރެ ކާފަ ކުރަމުން އަންނަ ކަމެއް. ކާފަ މިސްކިތަށް އަންނަނީ ވަރަށް ތައްޔާރުވެގެން. މިކަން ކާފަ ކުރަނީ ވަރަށް ކުރާހިތުން. ނަމާދަށް އައުމަކީ އެ ކަމަށް ބޭނުންވެގެން ކުރާކަމަކަށް ވާންވާނެ. ދަރިފުޅު ވެސް މިސްކިތަށް ދާންވީ އެ ކަންކުރާ ހިތުން. ކާފަމެން ބުނީމާ ނަމާދަށް ދިއުމާއި އެކަން ކުރާހިތުން އެ ކަން ކުރުމަކީ އަދި ތަފާތު ދެ ކަމެއް" ކާފަ އޮޅުން ފިލުވާދޭން ބޭނުންވީ ނަމާދަށް ދާ ސަބަބެވެ.

"ތިކަން އަހަރެންނަށް ވެސް އެނގޭ. އެކަމަކު ކޮންތާކު ކާފަ އަތަރު ހޯދަނީ؟" ކާފަގެ ވާހަކަތައް ހުއްޓުވަން އަހަރެން ކުރީ އިތުރު ސުވާލެކެވެ.

"ކާފަ ހުންނާނެ ހުސްނުވާވަރަށް އަތަރު ގެނެސްފައި. ކޮންމެ އަހަރަކު މާލެއަށް ކާފަ ކުރަނީ އެއް ދަތުރު. އެ ދަތުރު އަތަރު ގެންނަނީ" ކާފަ އޮޅުން ފިލުވައިދިނެވެ.

"ކޮންމެހެން އަތަރު ޖަހަން ޖެހޭތަ؟" ކާފަގެ މޫނަށް ބަލަހައްޓައިގެން ހުރެ އަހަރެން އިތުރު ސުވާލެއް ކުރީމެވެ.

"ކޮންމެހެން ޖަހާކަށް ނުޖެހޭ. ނަމަވެސް އެ ޖެހުމުން ކާފަ ހިތްހަމަ ޖެހޭ. އެހެންވީމާ ނުޖަހަންވީ ސަބަބެއް ވެސް ނެތް. ކާފަ ގަބޫލުކުރަނީ އެއީ ސާފުތާހިރުވެ ރީތިވުމުގެ ބައެއްކަމަށް. އެހެންވީމާ އެ ކަންކުރުން މޮޅު އިތުރުކަމަށް ކާފައަށް ވިސްނެނީ" ކާފަ ހާމަކުރީ ކާފަ ގަބޫލުކުރާ ގޮތެވެ.

ކާފައާއި އަހަރެންނަށް މިސްކިތަށް ދެވުނީ އެކުއެކީގައެވެ. އޭރު މުދިންބެ ވެސް މިސްކިތަށް އަރަނީއެވެ. އަހަރެން ވެސް ކާފައާއެކު މިސްކިތަށް އަރައި ސުންނަތް ކޮށްލީމެވެ.

މިސްކިތުގައި އިނދެ އަހަރެންނަށް ވިސްނެމުން ދިޔައީ ކާފަގެ ވާހަކަތަކެވެ. ތެދެކެވެ. ކާފަ މިސްކިތަށް އަންނަނީ އަންނަ ހިތުންނެވެ. އަހަރެންގެ ހަޔާތުގައި ކޮންމެ ދުވަހަކު ކޮންމެ ވަގުތެއްގެ ވެސް ބަންގިދިނުމުގެ ކުރިން މިސްކިތުގައި ކާފަ ހުރެއެވެ. އެ ކަމަށް ކާފަ ސަމާލުކަން ދެއެވެ. އެ ކަމަކީ އެންމެ މުހިންމު ކަންތައް ކަމުގައި ކާފަ ދެކެއެވެ. އެކަމަކު އަހަރެންނަށް މި އުޅެވެނީ ކިހިނެއް ހެއްޔެވެ؟ ނަމާދާ މެދު ކަންތައް މި ކުރެވެނީ ކޮން ގޮތަކަށް ހެއްޔެވެ؟ އެތައް ސުވާލަކުން އަހަރެންގެ އަމިއްލަ ނަފުސު ހިސާބު ކޮށްލީމެވެ. އެއާއެކު ޢަޒުމެއް ވެސް ކަނޑައެޅީމެވެ.

ނަމާދުކޮށް ނިންމައިގެން އަހަރެން ގެއަށް ހިނގައިގަތީ ކާފައާއެކުއެވެ. ގެއަށް ގޮސް ކާފަގެ ކޮޓަރީއަށް ވަނީ ކާފައާ ސުވާލުތަކެއް ކުރާނަމޭ ހިތައެވެ.

"ކާފާ.. ދުވަހަކު ވެސް ބަންގީގެ ފަހުން މިސްކިތަށް ދާން ޖެހުނުތަ؟" އަހަރެންގެ ހިތުގައި އޮތް އެއް ސުވާލު ކާފައަށް ހުށަހެޅީމެވެ.

"ކާފަ ކުޑައިރު އުޅުނީ ދަރިފުޅު ތި އުޅުނު ގޮތަށް. ބައެއް ނަމާދުތަކަށް ފަރުވާ ކުޑަކުރެވުނު. އެ ދުވަސްވަރު ބައެއް ފަހަރު މިސްކިތަށް ދެވުނީ ބަންގިގޮވާ ފަހުން. އެކަމަކު މިހާރު އިރާދަކުރެއްވިއްޔާ އެ ގޮތަކަށް ކަންތައް ދިމައެއް ނުވާނެ" ހިނިތުންވެލަމުން ކާފަ ބުނެލިއެވެ.

"ކާފައަށް ތި ބަދަލު އައީ ކީއްވެ؟" އަނެއްކާ ވެސް އަހަރެން ސުވާލުކުރީމެވެ. އަހަރެން ވެސް އެ ބަދަލު ގެނަން ބޭނުންވާތީއެވެ.

"ބުނަން ދަރިފުޅާ. އެ ބަދަލު އައީ ވަރަށް އަސަރު ހުރި ކަމަކާއެކު. އެކަން މެދުވެރިވީ އިރު ކާފަ ހުރީ ދަރިފުޅު ތިހުރި ޢުމުރުގައި" ކާފަގެ ވާހަކަ ކުރިއަށް ދާލެއް ލަސްކަމުން އަހަރެން އިތުރު ސުވާލެއް ކުރީމެވެ.

"އަސްލު ވީގޮތަކީ ކޮބައި؟ ދިމާވީ ކޮން ކަމެއް؟"

"ދަރިފުޅުގެ މުނިކާފައަކީ މި ރަށު ކުޑަ މިސްކިތުގެ މުދިމު. އެ ކާފަ އަކީ ވެސް ގަވައިދުން މިސްކިތަށް ދިޔަ މީހެއް. ކާފަ މި ގެންގުޅޭހެން އަތަރު ގެންގުޅުނު ކާފައެއް. މުނިކާފަ އެންމެ ހިތްހަމަ ނުޖެހެނީ ޖަމާއަތަށް ކާފަ މިސްކިތަށް ނުދާތީ. އެކަމާ ހިތްހަމަ ނުޖެހިގެން މުނިކާފަ ހެދިގޮތަކީ ކާފަ މިސްކިތުގައި ބައިންދާ ނަސޭހަތް ދިނީ. އެ ދުވަހު އެކަން ކުރި ވަގުތު މިސްކިތުގައި އެއްވެސް މީހަކު ނެތް. ތިބީ މުނިކާފައާއި ކާފަ. އެދުވަހު މުނިކާފަ ވަރަށް ރުއި. ހިތުގައި ޖެހިގެން އެ ވާހަކަ ދެއްކި. އަދި އެންމެ ފަހު ނަސޭހަތަކަށް ވެސް ދޭން އޮތީ ޖަމާޢަތުގައި ނަމާދުކުރަން ކަމުގައި ބުނި. އެ ނަސޭހަތް ދޭން އަބަދު މުނިކާފަ ނުހުންނާނެކަމާއި އެކަމަކީ ކާފައަށާއި ކާފަގެ މުސްތަގުބަލަށް މުހިންމު ކަމެއްކަން ބުނެދިން. މުނިކާފަގެ އެ އަސަރުދަ ވާހަކަތަކުން ކާފަގެ ހިތް މަޑުމޮޅިވި. ކާފައަށް ވިސްނުނު. ކާފައަށް އުޅެވުނީ އެންމެ ރަނގަޅަށް ނޫންކަން ގަބޫލުކުރެވުނު" އެހިސާބަށް ކާފަގެ ވާހަކަ ކުރިއަށް ގެންދިއުމަށް ފަހު ވާހަކަ މެދު ކަނޑާލިއެވެ. ކާފައަށް އުނދަނގޫ ވާ ގޮތްތަކެއް ވިއެވެ.

"ކިހިނެއްވީ ކާފާ. ދެންވީ ކިހިނެއް؟" ޝައުގުވެރިކަމާއެކު އަހަރެންނަށް ސުވާލުކުރެވުނެވެ. ފުން ނޭވާއެއް ލަމުން ކާފަގެ ވާހަކަ ފެށިއެވެ.

"ދެންވީ ގޮތަކީ... އެ ނަސޭހަތަށް ފަހު މުނިކާފަ ދިނީ މުނިކާފަގެ އަތުގައި އޮތް އަތަރު ފުޅި. އަދި ބުނި. އޭގެ ވަހުން ރޫހު ތާޒާ ކޮށްލާށޭ. އެ ވަހުން މުނިކާފަ ހަނދާން ކޮށްދޭނޭ. އެހެން ބުނުމަށްފަހު މުނިކާފަ އެދުނީ މުނިކާފަ ސުންނަތް ނަމާދެއް ކޮށްލަންދެން ކާފަ މިސްކިތުގައި ކުޑައިރުކޮޅަކު މަޑުކޮށްލުމަށް. މުނިކާފަގެ އެ އެދުމަށް އިޖާބަދީ މިސްކިތުގެ ފަހަތު ސަފެއްގައި މަޑުކޮށްލައިގެން ކާފަ އިނިން" އެހެން ބުނި ވަގުތު ކާފަގެ ދެ ލޮލުން ކަރުނަ ނީރޭ މަންޒަރު އަހަރެންނަށް ފެނުނެވެ. އަހަރެން އިސްދަށަށް ޖަހާލައި އެ މަންޒަރު ނުފެންނަކަމަށް ހެދީމެވެ.

"ދަރިފުޅާ. މުނިކާފަ ސަޖިދައަށް ގޮސް ދެނެއް ނުތެދުވި. އެތައް އިރެއް ވީއިރު ވެސް އޮތީ ސަޖިދާގައި. ބައިގަޑިއެއް ހައިއިރު ފަހުން ކާފަ ގޮސް ބެލިއިރު މުނިކާފަ ......" ކާފަގެ ވާހަކަ ހުއްޓާލިއެވެ. އަހަރެންގެ ލޮލުން ވެސް ކަރުނަ ހިލުނެވެ. އެ މުނިކާފަގެ މާތްކަން ހިތަށް އަރައި ހެޔޮ ދުއާކުރެވުނެވެ.

"ދަރިފުޅާ މިއީ ވަގުތީ ތަނެއް. މިތަނުގެ ނިމުން އަންނާނީ ކޮންއިރަކު ކިހިނެއް ކަމެއް އެކަކަށް ވެސް ނޭނގޭނެ. މުނިކާފަގެ އެ ވަކިވުން ވެގެން ދިޔައީ ކާފަގެ މުޅި ހަޔާތް ބަދަލުކޮށްލި ކަމަކަށް. މުނިކާފަ ބޭނުންކުރި އެ އަތަރުގެ ވަސް ވެގެން ދިޔައީ ހަގީގަތުގައި ވެސް ކާފައަށް ނަމާދު ހަނދާންކޮށްދޭ ބައިވެރިއަކަށް" ކާފަގެ ވާހަކަ އަހަރެން ގަބޫލުކުރީމެވެ.

އެ ޖަޒުބާތީ އިހުސާސްތަކުން އަހަރެން ފެންވަރާލީމެވެ. އެ ވާހަކަތަކުން ހަޔާތުގެ މިސްރާބު ބަދަލުކޮށްލަން ނިންމީމެވެ. މާދަމާވެސް މިއަދުވެސް މަރުވެދާނެ ކަން ހަނދާންކުރީމެވެ. ހަޔާތަށް ބަދަލެއް އަންނަން ޖެހޭކަން ގަބޫލުކުރީމެވެ.

ކާފަގެ ކޮޓަރިން އަހަރެން ނުކުތީ އެ ކޮޓަރިއަށް އަހަރެން ވަން އިރު ހުރި އިހުސާސްތަކާއެކުގައެއް ނޫނެވެ. އެ އިހުސާސްތަކަށް ހޭލައްވައިލީ ކާފަގެ ވާހަކަތަކުންނެވެ. ކާފަގެ ތަޖުރިބާއިންނެވެ.

މިއަދު އަހަރެންނަށް ބަދަލު އަތުވެއްޖެއެވެ. ކާފައާއެކު މިސްކިތަށް ދާން ފެށިއްޖެއެވެ. އަތަރުފުޅި ބޭނުން ކުރަން ވެސް ފެށިއްޖެއެވެ. އޭގެ ވަހުން ނަމާދު ހަނދާން ކޮށްދެއެވެ. ކާފަ މަތިން ވެސް ހަނދާން ވެއެވެ. (ނިމުނީ)