• މިހާތަނަށް ވެކްސިން ދިން މީޙުންގެ އަދަދު 80،159 އަށް
  • އެކްޓިވް ކޭސަސްގެ އަދަދު 2،512 ގައި، ހޮސްޕިޓަލްތަކުގަ 162 މީހުން

ރާއްޖެއިން އިތުރު 161 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓު ކުރެވުނީ 5،000 ސާމްޕަލް ކަމަށެވެ. އޭގެތެރެއިން ޕޮޒިޓިވްވީ 161 ސާމްޕަލްއެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 139 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 4 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭ ރަށްތަކަށެވެ. 17 މީހުން ނިސްބަތްވަނީ ރިސޯޓްތަކަށެވެ. އެކަކު ނިސްބަތްވަނީ ކަނޑުމަތީގެ އުޅަނދަކަށެވެ.

އަލަށް ޕޮޒިޓިވްވި 161 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 18،930 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 155 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 16،350 އަށް އަރާފައެވެ.

އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 2،512 ގައެވެ. މީގެތެރެއިން 162 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް ބައްޔަށް ވެކްސިން ދިނުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިން މިއަދު މާލެ ސަރަހައްދުން 3،085 މީހަކަށް އަދި އަތޮޅުތެރެއިން 1،588 މީހަކަށް އަދި ރިސޯޓްތަކުން 443 މީހަކަށް ވެކްސިން ދީފައިވާ ކަމަށެވެ.

މިއާއެކު، ރާއްޖެއިން މިހާތަނަށް ކޮވިޑް ވެކްސިން ދިން މީޙުންގެ އަދަދުވަނީ 80،159 އަރާފައެވެ. އެއީ، މާލެ ސަރަހައްދުން ވެކްސިންދިން 59،077 މީހުންނާއި، އަތޮޅުތެރެއިން ވެކްސިންދިން 19،623 މީހުންނާއި، ރިސޯޓްތަކުން ވެކްސިންދިން 1،459 މީހުންނެވެ.