އިސްރާއީލުން ވަށައިގެން ބަންދުކޮށް ހިސާރުކޮށްފައި އޮންނަ، ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެންމެފަހުން ކޮވިޑް-19 ވެކްސިން ދޭން ފަށައިފިއެވެ.

ޣައްޒާގެ ރައްޔިތުންނަށް ވެކްސިންދޭން މިފެށީ، ރަޝިޔާއާއި، ޔޫއޭއީން ފޮނުވި ވެކްސިން، ޣައްޒާއާ ހަމައަށް ފޯރުމާއެކުގައެވެ.

ރަޝިޔާއިން ފޮނުވި ސްޕުޓްނިކް5 ވެކްސިންގެ 22،000 ޑޯޒްގެ ވެކްސިން އެންމެ ފުރަތަމަ ދޭން ފެށީ، ޣައްޒާގެ ސިއްހީ ޚިދުމަތްތެރިންނަށެވެ. ވެކްސިން ދޭން ފެށީ އެތައްސަތޭކަ ނޫސްވެރިންގެ ކުރިމަތީގައެވެ.

ފަލަސްތީނު ސަރުކާރުގެ މިނިސްޓްރީ އޮފް ހެލްތުގެ މަންދޫބު މިދުހަތު މަހިސެން ވިދާޅުވީ، އެންމެ ފުރަތަމަ ވެކްސިން ދޭން ފަށާފައިވަނީ، ކޮވިޑް ބަލިމީހުންނަށް ފަރުވާ ދިނުމުގައި އައިސީޔޫއާއި އެހެންވެސް އިމަޖެންސީ ތަންތަނުގައި މަސައްކަތްކުރާ ސިއްހީ އެހީތެރިންނަށް ކަމަށެވެ.

ޣައްޒާގެ އާންމުންނަށް މިހާރުވަނީ، ވެކްސިން ޖެހުމަށް ރަޖިސްޓަރީކުރަން އޮންލައިންކޮށް ހުޅުވާލާފައެވެ.

ރަޝިޔާއިން 22،000 ޑޯޒްގެ ވެކްސިން ފޮނުވި ނަމަވެސް، ޔޫއޭއީން ދިނީ ކިހާ ޑޯޒެއްގެ ވެކްސިނެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ޣައްޒާގެ އާބާދީގައި ގާތްގަނޑަކަށް 2 މިލިއަން މީހުން ހިމެނޭއިރު، އޭގެތެރެއިން 1.4 މިލިއަން މީހުންނަކީ ބޮޑެތި މީހުންނާއި، އުމުރުން ދުވަސްވީ މީހުންނެވެ.

ކޮވިޑްބަލީގައި ޣައްޒާއިން އެކަނިވެސް މިހާތަނަށް 543 މީހުން މަރުވެފައިވާއިރު، 54،400 މީހުންނަށް ބަލިޖެހިފައި ވެއެވެ.

ޣައްޒާގެ އާބާދީއާ އަޅާ ބަލާއިރު އަދި މިހާތަނަށް ޣައްޒާއަށް ލިބިފައިވަނީ ވަރަށް މަދު މިންވަރެއްގެ ވެކްސިނެވެ.

ޣައްޒާ މިހާލަތުގައި އޮތްއިރު، ހުޅަނގު އައްސޭރިއަށްވެސް ލިބިފައިވަނީ މަދު މިންވަރެއްގެ ވެކްސިނެވެ.

ރަޝިޔާއިން ފޮނުވައިދިން 10،000 ޑޯޒް ވެކްސިނާއި، އިސްރާއީލުން ދިން 2،000 ޑޯޒް ވެކްސިނާއެކު، ހުޅަނގު އައްސޭރީގައި ވެކްސިން ޖަހަން ފަށާފައިވަނީ މި ފެބްރުއަރީމަހުގެ 2 ވަނަ ދުވަހުއެވެ.

މީގެތެރެއިން 2،000 ޑޯޒް ވެކްސިން ޣައްޒާއަށް ފޮނުވަން ފަލަސްތީނު ސަރުކާރުން ފުރަތަމަ ކުރި މަސައްކަތަށް އިސްރާއީލުން ހުރަސްއަޅައި، ޣައްޒާއަށް ވެކްސިން ގެންދަން ހުއްދަ ދީފައެއް ނުވެއެވެ. ނަމަވެސް، ދުނިޔޭގެ ފިއްތުންތައް ބޮޑުވެ ފަހުންވަނީ ހުއްދަ ދީފައެވެ.

ހުޅަނގު އައްސޭރިއާއި، ޣައްޒާ ހިމެނޭގޮތުން ފަލަސްތީނު އާބާދީގައި 8 މިލިއަން މީހުން ހިމެނޭއިރު، ފަލަސްތީނު ސަރުކާރުން އުންމީދުކުރަނީ އާބާދީގެ %20 އަށް ޑަބްލިޔޫއެޗްއޯގެ ކޮވެކްސް ޕްރޮގްރާމްގެ ތެރެއިން ލިބޭ ވެކްސިން ދިނުމަށެވެ.

ނަމަވެސް، ކޮވެކްސް ޕްރޮގްރާމްގެ ދަށުން އަދި ގައުމުތަކަށް ވެކްސިން ދޭކަށް ނުފަށައެވެ.

ކޮވެކްސް ޕްރޮގްރާމުން ލިބޭ ވެކްސިންގެ އިތުރަށްވެސް، ވެކްސިން ގަތުމަށް ފަލަސްތީނަށް 30 މިލިއަން އެމެރިކާ ޑޮލަރު ބޭނުންވާ ކަމަށް ވޯލްޑް ބޭންކުން ހޯމަދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައި ވެއެވެ.