- ވެކްސިން ޖެހިޔަސް މަގުމަތިން ޓެސްޓުކޮށްފާނެ، އެއްބާރުލުން ދެއްވާ: ޑރ. މުރާދު
ކުރިއާ އަޅާބަލާއިރު އަލަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގަ އެޑްމިޓްކުރަންޖެހޭ މީހުންގެ އުމުރުފުރާ ތަންކޮޅެއް ޅަކަން ފާހަގަކުރެވޭ ކަމަށް ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ހޯމަ ދުވަހުގެރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި، ކްލިނިކަލް މެނޭޖްމަންޓް އެޑްވައިޒަރީ ޓީމުގެ ފަރާތުން މައުލޫމާތު ހިއްސާ ކުރައްވަމުން ޑރ. މޫސާ މުރާދު ވިދާޅުވީ، ޚާއްސަކޮށް މެދުއުމުރުގެ މީހުން ތަންކޮޅެއް ގިނައިން މިހާރު އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ ކަމަށެވެ.
އަދި ހަމަ އެއާއެކު، އެހާ ބޮޑެތި އަލާމާތްތަކެއް ފެންނަން ނެތްކަމުގައިވިޔަސް، ކުއްލިއަކަށް ހާލު ދެރަވާ މީހުންވެސް ވަރަށް ގިނަވަމުންދާކަން ވަރަށް ގިނަ ފަހަރަށް ފާހަގަކުރެވޭ ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.
ޑރ. މޫސާ މުރާދު ވިދާޅުވީ، މިހާރު ވެކްސިންޖަހަން ފެށިފައިވީ ނަމަވެސް، ވެކްސިން އަދި ހަމަ ޖަހާތަނުން އެވަގުތަކުން މީހާއަށް ރާއްކާތެރިކަމެއް ނުލިބޭކަން އެންމެނަށްވެސް އެނގޭނޭ ކަމަށެވެ. ވެކްސިންގެ ރައްކާތެރިކަމަކީ %100 ޔަގީން ރައްކާތެރިކަމެއްވެސް ނޫންކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.
މިހެން ކަން ހުރުމުން، ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ކަމުގައިވިޔަސް، ކުރިއެކޭ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.
އާބާދީގެ ބޮޑު ބަޔަކަށް ދެޑޯޒް ހަމަވެ ވެކްސިންތަކުން ލިބެންޖެހޭ ފުރިހަމަ ރައްކާތެރިކަން އަބާދީގެ ބޮޑުބަޔަކަށް ނުލިބޭހާ ހިނދަކު މި ބަލިމަޑުކަމުން އަރައިގަނެވެން ނެތްކަމަށާއި، އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅުން އެއީ ވަރަށް މުހިންމު ކަމެއްކަމަށް ޑރ. މޫސާ މުރާދު ވިދާޅުވިއެވެ.
ވެކްސިން ޖެހިޔަސް މަގުމަތިން ޓެސްޓްކުރުމާއި، ބައެއް ކަހަލަ ފިޔަވަޅުތަކާ ކުރިމަތިލާންޖެހެތީ އެކަމާ ގުޅޭގޮތުން ބައެއް މީހުން ސުވާލުކުރާ ކަމަށް ޑރ. މުރާދު ފާހަގަ ކކުރެއްވިއެވެ.
އެކަމަށް ޖަވާބު ދެއްވަމުން ޑރ. މުރާދު ވިދާޅުވީ، މުޖުތަމައުން ކޭސްތައް މަދުކުރަން މަސައްކަތް ކުރާއިރު ހުރިހާ ދިމާއަކުން ކޭސްތައް މަދުކުރެވޭތޯ ބަލަން އެބަޖެހޭ ކަމަށެވެ.
އެހެންވެ، ސްކްރީން ކުރުމާއި، މަދުމަތިން ޓެސްޓްތައް ހެދުމާއި، މިހުރިހާ ކަމެއްވެސް ކުރިއަށް ގެންދަންޖެހޭ ކަމަށާއި، އެކަންކަމުގަ އާންމުން އެއްބާރުލުން ދިނުމާއި، އަލާމާތްތައް ފެންނަނަމަ ޓެސްޓްކުރުމަކީ މުހިންމު ކަމެއް ކަމަށް ޑރ. މޫސާ މުރާދު ވިދާޅުވިއެވެ.