އަންނަ މާޗްމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޖޫރިމަނާއަކާ ނުލާ ވޯކް ޕާމިޓް ފީ ދެއްކޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ޤަވާޢިދުގައި ބަޔާންކުރާ ގޮތަށް ވަރކް ޕަރމިޓް ދޫކުރުމުގެ މަސައްކަތް މިމަހުގެ 15 ވަނަ ދުވަހު އެމިނިސްޓްރީން ފަށާފައިވާއިރު، އަލަށް ވޯކް ޕާމިޓު ދޫކުރާނީ، މިނިސްޓްރީން ބިދޭސީންގެ ވެރިފިކޭޝަނެއް ފުރިހަމަ ކުރުމަށް ފަހު އެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ހުއްދަ ދޫކުރުމާއި ބިދޭސީންގެ މައުލޫމާތު ބެލެހެއްޓުމަށް ބޭނުންކުރަމުންދާ "އެކްސްޕެޓް ސިސްޓަމް" އަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ، އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ވަރކް ޕަރމިޓް ފީ ދެއްކެވުމުގައި، ސިސްޓަމް ބޭނުންކުރާ ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާކަން އެމިނިސްޓްރީއަށް ފާހަގަކުރެވިފައިވާކަމަށެވެ.

އެހެންކަމުން، 10 މާރޗް 2021 ދުވަހުގެ ނިޔަލަށް، ޖޫރިމަނާއަކާނުލައި ވަރކް ޕަރމިޓް ފީ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމުގައި އެމިނިސްޓްރީން ބުނެފައިވެއެވެ.

ވަޒީފާ އަދާކުރުމަށް އަލަށް ގެނެވޭ ބިދޭސީންނާއި 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ގެނެވިފައިވާ ބިދޭސީންނަށް ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން ވަރކް ޕަރމިޓް ހޯދަން ޖެހެއެވެ.

ކުރިން ދޫކުރަމުންދިޔަ "އެމްޕްލޯއިމަންޓް އެޕްރޫވަލް" ދޫކުރުން ހުއްޓާލާފައިވާއިރު، ރާޢްޖޭގައި ވަޒީފާ އަދާކުރުމަށް ގެނެވޭ ބިދޭސީންނަށް ރާއްޖެ ވަނުމުގެ ހުއްދައެއްގެ ގޮތުގައި "ވަރކްޕަރމިޓް އެންޓްރީ ޕާސް" މިހާރު ދޫކުރެއެވެ.

ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ދޫކޮށްފައިވާ އެމްޕްލޯއިމަންޓް އެޕްރޫވަލްތަކުގެ ތެރެއިން 90 ދުވަސް ހަމަވެފައިނުވާ އެމްޕްލޯއިމަންޓް އެޕްރޯވަލްގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެނެވޭ ބިދޭސީންނަށް ރާއްޖެ އެތެރެވެވޭނެކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.