ގެއްލިގެން، ވަގަށް ނެގުމުން ނުވަތަ އެހެނިހެން ސަބަބުތަކާއި ގުޅިގެން ކެންސަލްކުރާ ޕާސްޕޯޓުތަކުގެ މަޢުލޫމާތު އިންޓަޕޯލްގައި ހިމަނަން ނިންމާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ، ދިވެހީން ދަތުރުކުރުމަށް ދޫކުރެވޭ ޕާސްޕޯޓު އާއި ދަތުރުކުރުމުގެ ވަގުތީ ލިޔުން ގެއްލިގެން ނުވަތަ ވަގަންނެގުމާއި ގުޅިގެން ރިޕޯޓު ކުރުމުން އެ މަޢުލޫމާތު އިންޓަރޕޯލްގެ "ސްޓޯލަން އެންޑް ލޮސްޓް ޓްރެވަލް ޑޮކިއުމެންޓް" (އެސްއެލްޓީޑީ) ޑާޓާބޭސްގައި 25 ފެބުރުއަރީ 2021 އިން ފެށިގެން ހިމަނަމުން ދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

އެފަދަ ހާލަތަކާއި ގުޅިގެންް ރިޕޯޓުކުރާ ވަގުތުން ފެށިގެން ޕާސްޕޯޓަކީ ދަތުރުކުރުމަށް ބޭނުންކުރެވޭ ސައްޚަ ލިޔެކިއުމަކަށް ނުވާތީވެ، ރިޕޯޓުކުރާ ފަހުން ޕާސްޕޯޓު ފެނިއްޖެ ހާލަތެއްގައި ވެސް ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ ޤައުމުތަކުން އެތެރެވެ ބޭރުވުމަށް ސައްޚަ ލިޔެކިއުމެއްގެ ގޮތުގައި އެފަދަ ޕާސްޕޯޓެއް ބޭނުން ނުކުރެވޭނެކަމަށް އިމިގްރޭޝަނުން ބުނެފައިވެއެެވެ.

އެސްއެލްޓީޑީ ގައި ޕާސްޕޯޓު ގެއްލިފައިވާކަމަށް ނަވަތަ ވަގަށް ނަގާފައިވާ ކަމަށް މަޢުލޫމާތު ހިމެނިއްޖެނަމަ، އިންޓަރޕޯލުގެ މެމްބަރުންގެ ގޮތުގައިވާ 194 ގައުމަކަށް އެ މަޢުލޫމާތު ފެންނަން ހުންނާނެއެވެ.

އެހެންކަމުން ޕާސްޕޯޓް ގެއްލިގެން ރިޕޯޓު ކުރާފަހުން ޕާސްޕޯޓު ފެނިގެން އެޕާސްޕޯޓު ދަތުރު ކުރުމަށް ބޭނުން ކޮށްފިނަމަ، ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ ޤައުމުތަކުގެ އިމިގްރޭޝަނުން ހުއްޓުވަމުން ދާނެއެވެ.

ގެއްލިގެން ނުވަތަ ވަގަށް ނެގުމާއި ގުޅިގެން ރިޕޯރޓު ކުރުމަށްފަހު ޕާސްޕޯޓު ފެނިއްޖެ ހާލަތެއްގައި، ކުރިމަތިވެދާނެ ދަތިއުނދަގޫ ހާލަތަކުން ރައްކާތެރިވުމަށްޓަކައި އެފަދަ ޕާސްޕޯޓު ދަތުރުފަތުރު ކުރުމަށް ބޭނުން ކުރުމުގެ ބަަދަލުގައި އިމިގްރޭޝަނަށް ރައްދު ކޮށްދިނުމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.