ޕޮލިސް ބޯޑަށް އާންމުންގެ ފަރާތުން މެމްބަރުން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ހުޅުވާލި ފުރުސަތަށް 5 ފަރާތެއް ކުރިމަތިލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޕޮލިސް ބޯޑަށް އާންމުންގެ ފަރާތުން މަޖިލީހުން ކަނޑައަޅާ 2 މެމްބަރުން ހޮވުމަށްޓަކައި މަޖިލީހުގެ އިދާރާއިން ހުޅުވާލި ފުރުސަތަށް އިޖާބަދީ ކުރިމަތިލި ފަރާތްތަކުގެ ނަންތައް ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާއި ގުޅޭ ދާއިމީ ކޮމެޓީއަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އިޖާބާދީ ކުރިމަތިލި 5 ބޭފުޅުންނަކީ ލަބީގް މުހައްމަދު މާހިދު މ. މަނަދޫވިއު، ޒުބައިރު އަހުމަދު މަނިކު ގ. މަލްވިނަ، ޒީނަތު އަލީ ދަފްތަރު ނަންބަރު 2616 އަދި އަލީ މުހައްމަދު މަނިކު ދަފްތަރު ނަންބަރު 1851ގެ އިތުރަށް ހާމިދު އަބްދުލް ޣަފޫރު ހ. ޝޭޑީ ކޯނަރު ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި ނަންތައް އިތުރަށް ދިރާސާކުރަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ފޮނުވަން ނިންމާފައިވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޕޮލިސް ބޯޑަށް އާންމުންގެ ފަރާތުން އައްޔަންކުރާ 2 މެމްބަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ހުޅުވާލީ މިމަހުގެ 8 ވަނަ ދުވަހުގައެވެ.

ފުލުހުންގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހޮވުމަށް ކުރިމަތިލާނީ ބަޣާވާތުގެ އަމަލުތައް ފުލުހުންގެ ތެރޭގައި ހިންގި މީހުންނާއި ގުޅޭގޮތުން ފިޔަވަޅު އެޅި އަދި ފުލުހުންގެ މަސައްކަތަކީ ޕްރޮފެޝަނަލް، ފަންނީ، ރާއްޖޭގެ ތަރައްގީއަށާއި ދިވެހިންގެ މަސްލަހަތަށް ލޯބިކުރާ ޚިދުމަތަކަށް ހަދާނެ ބޭފުޅުން ކަމާމެދު ޝައްކު ނުކުރައްވާނެ ކަމަށް ރައީސް ނަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ ބޯޑަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރ އައްޔަންކުރުމުގައި، އެމަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށާއި، ލަފާދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި، ގާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމަށް 7 މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ.

މި ބޯޑު އެކުލެވިގެންވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ 2 މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެމްބަރުންގެ އިތުރުން އާންމުކޮށް ހުޅުވާލައިގެން އާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 މެމްބަރުންގެ މައްޗަށެވެ.