ހިޔާ މަޝްރޫޢު ދަށުން ދޭން ނިންމި އެއް ކޮޓަރީގެ ފްލެޓްތަކަށް ހެދިގޮތެއް ހާމަކުރުމަށް ގޮވާލާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
މި މައްސަލައަކީ އިޖްތިމާއީ ގެދޮރުވެރިކަމަށް ޚާއްސަކޮށްގެން ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް އެޅި އެއް ކޮޓަރީގެ ފްލެޓްތަކާމެދު މި ސަރުކާރުން ކަންކުރި ގޮތުގެ ތަފްސީލް ހާމަކުރުމަށް ގޮވާލާ ހުށަހެޅި މައްސަލައެކެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށް ވީހާވެސް ގިނަ ބަޔަކަށް ގެދޮރުވެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރީ ސަރުކާރުން ހިންގި "ހިޔާ މަޝްރޫޢު"ގެ ދަށުން ސަރުކާރުގެ ކުންފުނިތަކުން ބިނާކުރި ހައުސިންގ ޔުނިޓުތަކުގެ ތެރެއިން އެޗްޑީސީ މެދުވެރިކޮށް ދިނުމަށް ޚާއްސަކުރި އެއް ކޮޓަރީގެ ފްލެޓުތައް ނެތްކަމަށް ބުނެ އެ ފްލެޓްތަކުގެ ހައްގުވެރިންގެ ލިސްޓްތައް ސަރުކާރުން ބާތިލްކޮށްފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"ހިޔާ މަޝްރޫޢު" އަކީ ކުންފުނިތަކާއި ސަރުކާރާއި އެއްބަސްވެގެން ހިންގަން ފެށި މަޝްރޫޢެއްކަން ފާހަގަކުރައްވާ އެކަމުގެ ތަފްސީލް ހާމަކުރުމަށް ގޮވާލާ ޝިޔާމް ހުށައެޅުއްވި މައްސަލާގައި ވަނީ، ގެދޮރުވެރިކުރުމެގެ މަޝްރޫޢުގެ ދަށުން ކޮންމެ ކުންފުންޏަކުން އަޅާ ޓަވަރުތަކުގެ ފުރަތަމަ 4 ފަންގިފިލާގައި ހުންނާނީ 1 ކޮޓަރީގެ އެޕާޓުމެންޓުތަކެއް ކަމަށް އޭރުގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި އެ އެޕާޓުމެންޓުތައް ދިނުމަށް ނިންމާފައިވަނީ އެޗްޑީސީއަށްކަމަށް މެމްބަރުގެ މައްސަލާގައި ފާހަގަކުރައްވާފައިވެއެވެ.
އަދި އެ ޔުނިޓުތަކަކީ "ހިޔާ މަޝްރޫޢު"ގެ ދަށުން ދިނުމަށް ނިންމާފައިވާ ގެދޮރުކަމަށާއި، އެ ގެދޮރު ދިނުމަށް ނިންމާފައިވަނީ ދެ އުސޫލެއްގެ ތެރެއިންކަމަށް މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ޝިޔާމް ވަނީ ވިދާޅުވެފައެވެ.
އެއް ކޮޓަރީގެ ފުލެޓުތަކަކީ ވުޖޫދުގައި ނެތް ފުލެޓުތަކެއް ކަމަށް މި ސަރުކާރުގެ ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް ފުރަތަމަ ވިދާޅުވެފައިވާކަން ފާހަގަކުރައްވާ މެމްބަރު ޝިޔާމް ހުށަހެޅުއްވި މައްސަލާގައި ވަނީ ފަހުން މަޖިލީހުގައި މިނިސްޓަރ ވާހަކަދައްކަވަމުން އެއް ކޮޓަރީގެ ފުލެޓުތައް ނިންމާފައިވަނީ ހަމައެކަނި އެމްޑަބްލިއުއެސްސީން ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
އަދި ލިބެން ހުރީ އެންމެ 36 ފުލެޓު ކަމުގައި މިނިސްޓަރ އަސްލަމް ވިދާޅުވިނަމަވެސް ހުޅުމާލެ ދެވަނަ ފިޔަވަހި ބަލައިލުމުން އެތަނުގައި މިހާރުވެސް ސަރުކާރުގެ ކުންފުނިތަކުން ބިނާކޮށްފައިވާ 12 ޓަވަރު ފެންނަން އެބަހުރި ކަމަށާއި އެ ހުރިހާ ޓަވަރެއްގެ 4 ފަންގިފިލާގައި ހުރި އެޕާޓުމެންޓުތަކުގެ އަދަދު 900 އަށްވުރެ ގިނަވާނެކަމަށް ޝިޔާމްގެ ހުށައެޅުއްވި މައްސަލާގައިވެއެވެ.