އައު ގައިޑްލައިން ތަަކަކާއިއެކު އަލުން ފަރިތަކުރުމުގެ ހުއްދަ ކުލަބުތަކަށް ވަރަށް އަވަހަށް ލިބިގެންދާނެކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ބައްސާމް މިކަން ހާމަކޮށްފައިވަނީ ލީގުގެ ކުޅުން އަލުން ފެށުމަށާއި، ފަރިތަކުރުންތައް ފެށުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙާއި، ޞިއްޙަތާ ބެހޭ ވަޒީރު އަޙްމަދު ނަސީމުގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އިސް އޮފިޝަލުންނާ ހޯމަ ދުވަހު ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައެވެ.

ބައްސާމްގެ ޓުވީޓުގައި ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ހެލްތް މިނިސްޓަރުގެ އިތުރުން އެޗްޕީއޭގެ އިސް އޮފިޝަލުންނާއިއެކު ވަރަށް އުންމީދީ ބައްދަލުވުމެއް ބޭއްވިއްޖެ ކަމަށާއި އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އައު ގައިޑްލައިން ތަކަކާއިއެކު ކުލަބުތަކަށް ފަރިތަކުރުންތަށް ފެށިގެންދާނެ ކަމަށެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ބޮޑުތަނުން ގޯސްވާން ފެށުމާއިއެކު ރައްކާތެރިވުމުގެ ގޮތުން އެޗްޕީއޭއިން ނެރުނު ހަރުކަށި އުސޫލުތަކަށް އަމަލުކުރުމުގެ ގޮތުން، ދިވެހި ލީގުގެ ކުޅުމާއި، ފަރިތަކުރުންތައް މެދުކަނޑާލަން އަންގާފައިވަނީ މިމަހުގެ ތިންވަނަ ދުވަހުއެވެ. އަދި ކުއްލިގޮތަކަށް އެއްވެސް މަޝްވަރާކުރުމެއްނެތި މިގޮތަށް ލިގު މެދުކަނޑާލުމާއިއެކު ކުޅުންތެރިންނާއި، ކުލ،ަބުތަކުގެ ކޯޗުންނާއި ވެރިންގެ އިތުރުން، ބައްސާމް އާއި ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިފަރާތްތަކުން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ފަރިތަކުރުންތައްވެސް އަދި ފުޓުބޯޅަ ސީޒަންވެސް ފަށާފައިވަނީ އެޗްޕީއޭ އާއި އެފްއޭއެމް ގުޅިގެން ބޭއްވި މަޝްވަރާތަކަށްފަހު އެކުލަވާލި ގައިޑްލައިން ތަކަކާއިއެކު ހާއްސަ ހުއްދައެއްގެ ދަށުން ކަމަށްވެފައި، މިހާތަނަށް އައިއިރުވެސް ހުރިހާ ކުލަބުތަކުންވެސް އަދި އެފްއޭއެމް އިންވެސް މިހުރިހާ ގައިޑްލައިންތަކަކަށް ފުރިހަމައަށް އަމަލުކުރަމުންދިޔައިރު އަދި ފުޓުބޯޅައިގެ ތެރެއިން އެއްވެސް ކޭހެއް ފެނިފައިނުވަނިސް މިގޮތަށް މަޝްވަރާކުރުމެއްނެތި ލީގު މެދުކަނޑާލަން އެންގުމެވެ.

ދެވަނަ ބުރުގެ މެދުތެރެއިން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ވަގުތީ ގޮތުން މެދުކަނޑާލިއިރު، މި ސީޒަން ފެށުމަށް އެންމެ ފުރަތަމަ ކުލަބުތަކުން އޮކްޓޯބަރު މަހު ފަރިތަކުރުންތައް ފެށީވެސް އެފްއޭއެމާއި އެޗްޕީއޭ ގުޅިގެން އެކުލަވާލި ހާއްސަ އުސޫލުތަކެއްގެ ދަށުންނެވެ. އަދި އޭގެ ފަހުން އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން މި ސީޒަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުއެވެ. އެގޮތުން ޗެރިޓީ ޝީލްޑް މެޗުން ސީޒަން ފެށިއިރު، ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށާފައިވަނީ އެ މަހުގެ 13 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރުގެ މެދުތެރެއިން ލީގު މެދުކަނޑާލިއިރު، މިހާތަނަށް ލީގުގައި ވަނީ ޖުމްލަ 34 މެޗު ކުޅެފައެވެ.