ކޮވިޑް-19ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި އދގެ ޗާޓަރުގައި ކަށަވަރުކޮށްދޭ އިންސާނީ ހައްގުތަކަށް ސަމާލުވުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެދިވަޑައިގެންފިއެވެ.
މިނިސްޓަރ މިކަމަށް އެދިވަޑައިގަތީ އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 46 ވަނަ ދައުރުގެ ހައި-ލެވެލް ސެގްމަންޓްގައި ދެއްވި ވީޑިއޯ މެސެޖުގައެވެ.
ހައި-ލެވެލް ސެގްމަންޓަކީ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މިއަހަރުގެ ސެޝަންގެ ފުރަތަމަ ސެގްމަންޓެވެ. އަދި ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކާއެކު މި އަހަރުގެ ކައުންސިލްގެ ބައްދަލުވުންތައް ކުރިއަށްދާނީ ޖެނީވާގައި ބާއްވާ ބައިތަކުގެ އިތުރުން ވަރޗުއަލް އިވެންޓްތަކެއްގެ ގޮތުގައެވެ.
މި ވީޑިއޯ މެސެޖުގައި މިނިސްޓަރ ޝާހިދު ވަނީ ކޮވިޑް-19ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
އެގޮތުން މި ގޮންޖެހުންތަކުން އަރައިގަތުމުގައި އދގެ ޗާޓަރުގައި ކަށަވަރުކޮށްދޭ އިންސާނީ ހައްގުތަކަށް ސަމާލުވުމަށް އެދި މިނިސްޓަރ ވަނީ ގޮންޖެހުންތަކުން އަރައިގަތުމަށް މިކުރެވޭ މަސައްކަތަކީ އެއްވެސް މީހަކު ބާކީ ވިޔަނުދޭނެ އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް އޮތް ފުރުސަތެއްކަމަށް ވިދާޅުވެފައެވެ.
އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ކުރިއަރުވަން ރާއްޖެއާ ރާއްޖެއިން ބޭރުގައި ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ އިންސާނީ ހައްގުތަކުގެ ދާއިރާގައި ރާއްޖެއަށް ހޯދުނު ކާމިޔާބުތަކަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތާއި ތަރައްގީގެ ފްރޭމްވޯކްގެ ކާމިޔާބުކަމަށެވެ.
މީގެ އިތުރަށް ރާއްޖޭގައި ފާހަގަކުރެވޭ އިންސާނީ ހައްގުތަކުގެ މައްސަލަތައް ހައްލުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށްވެސް މިނިސްޓަރ ޝާހިދު އަލިއަޅުއްވާލެއްވިއެވެ.
އެގޮތުން އިންސާނީ ވަގުވިޔަފާރި ހުއްޓުވުމާއި، ގާނޫނުގެ ވެރިކަން ނެގެހެއްޓުމާއި އިންތިގާލީ އިންސާފު ގާއިމްކުރުމުގެ އިތުރުން ނުރައްކަލައް ހުށަހެޅިފައިވާ މުޖްތަމައުގެ ފަރުދުންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއާއި ކުދި ޖަޒީރާ ގައުމުތަކަށް އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި ދިމާވާ އިތުރު ގޮންޖެހުންތަކާ ގުޅޭ ގޮތުން މިނިސްޓަރ ވަނީ ވާހަކަފުޅު ދައްކަވާފައި ކަމަށް މިނިސްޓްރީން ބުނެއެވެ.
އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 46 ވަނަ ބައްދަލުވުން ކުރިއަށްދާނީ 22 ފެބްރުއަރީ އިން 23 މާރޗް އަށެވެ. އެކިއެކި އެޖެންޑާ އައިޓަމްތަކުގެ ދަށުން ރާއްޖެއިން 13 އިންޓަވެންޝަނެއް ދިވެހިރާއްޖެއިން މިފަހަރުގެ ސެޝަންގައި ހަދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
އަދި އދގެ ސްޕެޝަލް ރެޕަޓުއަރ އޮން ޓޯޗަރ އެންޑް އަދަރ ކްރުއެލް، އިންހިއުމޭން އޮރ ޑީގްރޭޑިންގ ޓްރީޓްމަންޓް އޮރ ޕަނިޝްމަންޓް 2019 ވަނަ އަހަރު ދިވެހިރާއްޖެއަށް ކުރެއްވި ޒިޔާރަތާ ބެހޭ ރިޕޯޓް އޭނާ މި ސެޝަނަށް ހުށަހަޅުއްވާނެއެވެ. އަދި ދިވެހިރާއްޖެއާ ގުޅޭ ޔޫޕީއާރް އައުޓްކަމް ރިޕޯޓް އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން މިފަހަރުގެ ސެޝަންގައި އެޑޮޕްޓް ކުރާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.