ޓްރާންސް މޯލްޑިވިއަން އެއަރވޭސް، ޓީއެމްއޭ އިން އެތެރޭގެ އުދުންތައް ފަށަން ތައްޔާރުވަމުންދާކަމަށް އެކުންފުނިން ބުނެފިއެވެ.

ޓީއެމްއޭއިން ބުނީ، އެކުންފުނިން ވީލް ބޭސްޑް އޮޕަރޭޝަންތައް ފެށުމަށް ނިންމައި އޭޓީއާރު މަރުކާގެ މަތިންދާބޯޓެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. މި ދަތުރުތަކުގެ ބޭނުމަކީ ޓޫރިސްޓުން އުފުލުމުގެ ޚިދުމަތް 24 ގަޑިއިރު މެދުކެނޑުމެއް ނެތި ދިނުންކަމަށް ޓީއެމްއޭއިން ބުނެއެވެ.

ޓީއެމްއޭ އިން އެތެރޭގެ އުދުހުންތައް ފަށަން ނިންމާފައިވާއިރު، އެކުންފުނިން މި އޮޕަރޭޝަންތަކުގެ މައި ހަބެއްގެ ގޮތުގައި ބޭނުން ކުރަން ނިންމާފައިވަނީ ޅ. މަޑިވަރުގައި އަލަށް ހަދާ ޑޮމެސްޓިކް އެއާޕޯޓެވެ.

ސީޕްލޭން އޮޕަރޭޓްކުރާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، ޓީީއެމްއޭއިން ސީޕްލޭންގެ ހިދުމަތް ފެށީ މީގެ 30 އަހަރު ކުރިންނެވެ.

އެ ކުންފުނިން 80 އަށް ވުރެ ގިނަ ރިސޯޓަށް މިހާރު ދުވާލަކު 150 އަށް ވުރެ ގިނަ ދަތުރުކުރެ އެވެ. އެ ކުންފުނީގެ އޮޕަރޭޝަންގައި މިހާރު ވެސް 56 ބޯޓު ބޭނުންކުރެ އެވެ. ޓީއެމްއޭގެ އޮޮޕަރޭޝަން އިތުރަށް ފުޅާ ކުރުމުގެ ގޮތުން މި އަހަރުގެ ތިންވަނަ ކްއާޓަރުގައި އިތުރު ސީޕްލޭން ގެނެސް، ސީޕްލޭންގެ އަަދަދު 60 އަށް އިތުރުކުރުމަށްވެސް އެކުންފުނިން ނިންމާފައިވެއެވެ.

ޓީއެމްއޭއިން އެތެރޭގެ އުދުހުންތަކުގެ އޮޕަރޭޝަންތައް ފަށަން ނިންމާފައިވާއިރު، މިހާރު ރާއްޖޭގައި ތިން އިންޓަނޭޝަނަލް އެއާޕޯޓާއެކު 14 އެއާޕޯޓެއް ހިންގައެވެ. އަދި މީގެއިތުރަށްވެސް ގިނަ އެއާޕޯޓްތަކެއް ހުޅުވުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.