ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ ގުޅޭގޮތުން ދޮގުވާހަކަ ނުފެތުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ގޮވާލައިފިއެވެ.

ޖެންޑަރ މިނިސްޓްރީން މިކަމަށް ގޮވަލާފައިމިވަނީ، އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ "އަމާން ވެށި"ތަކުގައި އުޅޭ ކުދިންގެ އަހުލާގާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ވަގުތެއްގައެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ، ކުޑަކުދިންނަކީ ބޮޑެތި މީހުންނާ ޙަވާލުކުރެވިފައިވާ އަމާނާތަކަށް ވީހިނދު، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަޤުވާމީ މުޢާހަދާތަކުގެ ދަށުން އެންމެހައި ޙައްޤުތަކެއް ކަށަވަރުކޮށްދިނުމަށް ބާރުއަޅާކަމަށެވެ.

ޢާއިލީ ވެއްޓެއްގައި ކުޑަކުދިންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ޙާލަތްތަކުގައި އެކުދިންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުގެ މައްޗަށް ލާޒިމުވެއެވެ. އެގޮތުން، ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ މިފަދަ ކުދިން މިފާއިތުވެދިޔަ މުއްދަތުތަކުގައި ދިރިއުޅެމުންދިޔައީ މާލޭ ސަރަޙައްދުގައި ޤައިމުކުރެވިފައިވާ ދެ މަރުކަޒެއްގައެވެ.

އެހެންނަމަވެސް، ދައުލަތުގެ ބެލުމުގެދަށުގައި ދިރިއުޅޭ ކުދިން ވެސް ބާކީވުމުގެ އިހުސާސްވިޔަ ނުދީ، އެހެން ކުދިންނެކޭ އެއްފަދައިން މުޖުތަމަޢުގެ ތެރޭގައި ހެދިބޮޑުވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ގޮތުން އަތޮޅުތެރޭގައި އެކަމަށް ޚާއްޞަކުރެވިގެން ޤާއިމުކުރާ "އަމާން ވެށި"ތަކަށް ބަދަލުކުރުމުގެ މަސައްކަތް ޖެންޑަރ މިނިސްޓްރީން ވަނީ ފަށައިފައެވެ.

ޖެންޑަރ މިިނިސްޓްރީގެ ބަޔާނުގައި ބުނީ، މިފަދަ މަސައްކަތެއް އެހައި ފުޅާ ދާއިރާއެއްގައި ކުރަމުންދާއިރު، އެމަސައްކަތުގައި ހުރި ގޮންޖެހުންތައް ދެނެގަނެއް، އެ ކަންކަން ޙައްލުކުރުމުގައި ގުޅުންހުރި ފަރާތްތަކާއެކު އެމުނިސްޓްރީން މަސައްކަތްކުރަމުން ދާކަމަށެވެ. އެހެންނަމަވެސް، އެފަދަ ގޮންޖެހުންތަކަށް ރިޢާޔަތްކުރުމެއްނެތި ބައެއް ފަރާތްތަކުން ދައްކާ ޙަޤީޤަތާ ޚިލާފު ވާހަކަތަކުގެ ނޭދެވޭ އަސަރު، އެ ކުދިންނަށް ފޯރާ ޙާލަތްތައް އަންނަކަމަށް ޖެންޑަރ މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ޤާނޫނުގެ 10ވަނަ މާއްދާ "އަޅައިލުމާއި ޙިމާޔަތް ލިބުން"ގެ (ހ) އަދި އެ ޤާނޫނުގެ 33ވަނަ މާއްދާ "ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މަޢުލޫމާތު ޢާންމުނުކުރުން"ގެ (ހ)އާ ޚިލާފަށް، ބައެއް ފަރާތްތަކުން މަޢުލޫމާތު ފަތުރާކަމީ އެމިނިސްޓްރީން ކަންބޮޑުވާ ކަމެއްކަމަށްވެސް ބުނެފައިވެއެވެ.

އެ ކުދިންނާ ގުޅޭ ގޮތުން ޙަޤީޤަތާ ޚިލާފު ވާހަކަ މުޖުތަމަޢުގެ ތެރޭގައި ފެތުރުމާއި، އެކުދިންނާމެދު ބައެއް ފަރާތްތަކުން ހިތްހަމަނުޖެހޭ ފަދަ ޝުޢޫރު ފާޅުކުރެވިގެންދާ ޙާލަތުތައް އަންނަކަމަށާއި، އެ ފަދަ ބައެއް ހާދިސާތައް އެމިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ހަޔާތުގައި ކުރިމަތިވެފައިވާ ބައެއް ހާދިސާތަކާއި ޙާލަތްތަކުގެ ސަބަބުން އެފަދަ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންދާއިރު، އެކުދިން މުޖުތަމަޢުއަށް ރުޖޫއަކުރުމުގައި ގޮންޖެހުންތަކެއް ހުންނާނެކަން ޤަބޫލުކުރަން ޖެހޭކަންވެސް އެ މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އަދި މިފަދަ ގޮންޖެހުތައް ޙައްލުކުރުމުގައި، ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުގެ ދައުރުގެ އިތުރުން މުޅި މުޖުތަމަޢުގެ ޒިންމާތަކެއް ވާކަން ވެސް ފާހަގަކޮށްފައިވެއެވެ.