އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް މާލީ ގޮތުން ލިބިފައިވާ ގެއްލުންތަކުގެ ބަދަލު ހޯދައި ދިނުމަށް ގޮވާލައި ހުށަހެޅި ރިޕޯޓު މަޖިލީހުން ފާސްކޮށްފިއެވެ.
އެ ރިޕޯޓު ފާސްވީ 46 މެމްބަރުންގެ ވޯޓާއެކުއެވެ.
މަޖިލީހުން ފާސްކުރި ރިޕޯޓްގައި ވަނީ އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންގެ ކިބައިން ނިގުޅައިގަނެވިފައިވާ ހައްގުތަކާއި އެ ދަރިވަރުންނަށް މާލީގޮތުން ލިބިފައިވާ ގެއްލުންތަކުގެ ބަދަލު ފްލައިން ސްކޫލް ހިންގާ އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސްގެ ކިބައިން ދަރިވަރުންނަށް ސަރުކާރުން ހޯދައިދިނުމަށާއި ދަރިވަރުންގެ ކިބައިން ނިގުޅައިގަނެވިފައިވާ ހައްގުތަކާމެދު ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީކުރުވައި، އެފަރާތްތަކާމެދު ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުން ފިޔަވަޅު އެޅުމަށެވެ.
އަދި ކުރިއަށް އޮތްތަނުގައި ރާއްޖޭގައި މިފަދަ އިންސްޓިޓިއުޓްތައް ހިންގުމުގެ ހުއްދަ ދޭންޖެހޭނީ، ހަރުދަނާ ގަވާއިދުތައް ހެދުމަށްފަހު އެ ގަވާއިދުތަކުގެ ތެރެއިން ކަމަށާއި ބިދޭސީ ދަރިވަރުންނާއި ދިވެހި ދަރިވަރުންގެ މެދުގައި ސްކޫލުން ތަފާތުކުރާކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
ފްލައިން ސްކޫލުގެ ދަރިވަރުންގެ ކަންބޮޑުވުންތައް ބަޔާންކޮށް މަޖިލީހަށް ހުށަހެޅި ސިޓީ އިޖްތިމާއީ ކޮމިޓީން ދިރާސާކުރި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ ކޮމިޓީގެ މުގައްރިރު އަދި ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲއެވެ.