ކޮވިޑް-19 ވެކްސިން ޖަހަން ބޭނުންކުރާ އެއްލައްކަ ސިރިންޖު މިއަދު ލިބޭނެ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެޗްއީއޯސީން ބުނީ ރާއްޖޭގައި މިހާރު ޖަހަމުންގެންދާ ކޮވިޝީލްޑް ވެކްސިން ޖެހުމަށް ބޭނުންވާ އެއްލައްކަ ސިރިންޖު މިއަދު ރާއްޖެއަށް ލިބޭނެ ކަމަށެވެ. މިއީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ރާއްޖެއަށް ލިބޭ ސިރިންޖުތަކެއް ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.

އަދި މިއަދު އެއްވެސް ވެކްސިނެއް ނުލިބޭކަަން އެޗްއީއޯސީން ވަނީ ހާމަކޮށްފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ފެށީ މިމަހުގެ 1 ވަނަ ދުވަހުއެވެ. ރާއްޖޭގައި ބޭނުންކުރަމުންދަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީއާއި، އެސްޓްރަޒެނެކާއިން ގުޅިގެން ތަރައްގީކޮށް، އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ. ކޮވިޝީލްޑް ވެކްސިންގެ އިތުރުންވެސް އެހެނިހެން ކުންފުނިތަކުން އުފައްދާފައިވާ ވެކްސިންވެސް މިހާތަނަށް ރާއްޖެއަށް ލިބިފައިވާއިރު، މި ވެކްސިންތައް ބޭނުންކުރަން ފަށާނީ ކޮން އިރަކުން ކަމެއް އަދި ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މުޅި ރާއްޖެއިން 80،000 އަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. މީގެތެރޭގައި މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންގެ ޖުމްލަ 60،000 އާ ގާތްކުރާއިރު، އަތޮޅުތެރެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ 20،000 އާ ގާތްކުރެއެވެ.

ވެކްސިން ޖެހި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުންމަތީ ދެމިތިބުމަށް ސިއްހީ މާހިރުން ގެންދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ނަމަވެސް ދެވަނަ ޑޯޒް ނުޖަހަނީސް ކޮވިޑް-19 އިން ރައްކާތެރިކޮށް ނުދޭނެ ކަމަށާއި، ވެކްސިންގެ އެންމެ ފުރިހަމަ އަސަރު ކުރަން ފަށާނީ ދެވަނަ ޑޯޒް ޖަހާތާ 2 ހަފްތާ ފަހުން ކަމަަށް ސިއްހީ މާހިރުން ގެންދަނީ ބުނަމުންނެވެ.