މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ 168،000 އިން މައްޗަށް އަރައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ކޮންމެ ދުވަހަކު އާންމުކުރާ ތަފާސް ހިސާބުތައް ދައްކާގޮތުން މި ހިނގާ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް މިމަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ ވަނީ 76،105 އަށް އަރާފައެވެ. އަދި މިދިޔަ ޖެނުއަރީމަހު ރާއްޖެ ޒިޔާރަތްކުރި 92،103 ފަތުރުވެރިންނާއެކު މިއަހަރުގެ މިހާތަނަށް 168،208 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. އެއީ 62،960 ފަތުރުވެރިންނެވެ. ދެވަނަ ރަޝިއާއިން 61،387 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ޔުނައިޓެޑް ކިންގްޑަމްއިން 52،720 ފަތުރުވެރިއަކު ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ޖުލައި 15 ގައި ރާއްޖެގެ ބޯޑަރު އަލުން ހުޅުވާލައި، ރާއްޖެގެ ފަތުރުވެރިކަން އަލުން ފަށައިގަތް ފަހުން މިހާތަނަށް 649 ޓުއަރިސްޓް އެކޮމޮޑޭޝަން ފެސިލިޓީއެއް ވަނީ ހިދުމަތަށް ހުޅުވާލާފައެވެ. މީގެ ތެރޭގައި ހިމެނެނީ 354 ގެސްޓްހައުސްއަކާއި، 147 ރިސޯޓު އަދި 137 ސަފާރީގެ އިތުރުން 11 ހޮޓަލެކެވެ.

މި ތަންތަނުން ޖުމްލަ 44،729 އެނދު ހިދުމަތަށް ހުޅުވާލާފައިވާކަންވެސް ޓުއަރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އެގޮތުން ރިސޯޓުތަކުގައި 34،076 އެނދުގެ ހިދުމަތް ދެމުންދާއިރު، ގެސްޓްހައުސްތަކުން 6،530 އެނދު ހިދުމަތަށް ހުޅުވާލާފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ. އަދި ސަފާރީތަކުގައި 2،665 އެނދުގެ ހިދުމަތް ދެމުންދާއިރު، 1،458 އެނދުގެ ހިދުމަތް ހޮޓަލުތަކުގައި ދެމުންދާކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ބަލާލާއިރު ރާއްޖޭގެ ފަތުރުވެރިކަން ދުވަހަކަށްވުރެ ދުވަހެއް އަންނަނީ ރަނގަޅުވަމުންނެވެ. އެގޮތުން މިމަހުގެ 21 ވަނަ ދުވަހު 5،100 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށް، މިއަހަރުތެރޭ އެއްދުވަހެއްގެ މައްޗަށް އެންމެގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ދުވަހަށް ވަނީ ވެފައެވެ.