މެދު އަދި މަތީފަންތީގެ ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ހުޅުމާލޭގައި މިކްސްޑް ޔޫސް ގެތަކެއް އެޅުމުގެ މަސައްކަތް 3 ކުންފުންޏަކާ ހަވަލުކުރަން ނިންމައިފިއެވެ.

ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނީ މާލެ ސަރަޙައްދުގެ ތޮށްޖެހުން ކުޑަކުރުމަށާއި މި ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ ޒަމާނީ މާހައުލެއް ޤާއިމުކޮށް، ގެދޮރުވެރިކަމުގެ ސިޔާސަތު ތަންފީޒު ކުރުމަށް ގިނަ މަސައްކަތްތަކެއް އެކުންފުނިން ކުރަމުންދާކަމަށެވެ. މިގޮތުން މެދު އަދި މަތީފަންތީގެ ގެދޮރުވެރިކަމަށް ހާއްސަކޮށްގެ ގިނަ ޕްރޮޖެކްޓްތަކެއް މީގެ ކުރިންވެސް ހުޅުމާލޭގައި ހިންގާފައިވާކަން އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.

ގެދޮރުވެރިކަމަށް އޮންނަ ތަރުހީބަށް ބަލައި، މިކަމުގެ ގިނަ ޕްރޮޖެކްޓުތަކެއް އާންމުންނާ ހަމައަށް ނެރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 355 ޔުނިޓްގެ މިކްސްޑް ޔޫސް ރެސިޑެންޝަލް ޕްރޮޖެކްޓެއް ހިންގަން ނިންމާފައިވާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

މި މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށް، މި ޕްރޮޖެކްޓުގެ 300 ޔުނިޓު އެޅުމުގެ މަސައްކަތަށް ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން 3 ކުންފުންޏަކަށް، ކޮންޑިޝަނަލް ސިޓީގައި ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފުރުސަތު ދީފައިވާނެކަމަށް އެޗްޑީސީން ހާމަކުރެއެވެ.

މި ތިން ކުންފުންޏަކީ ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަން، ސާސްއީ އާއި ގްލަޓް ޖޮއިންޓް ވެންޗަރ އަދި އެސްޖޭ ކޮންސްޓްރަކްޝަންކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ. މި ޕްރޮޖެކްޓުގެ ބާކީ 55 ޔުނިޓް ތަރައްޤީކުރާނެ ފަރާތެއް ހޮވުމުގެ އިވެލުއޭޝަން މަސައްކަތްވެސް މިހާރު ނިމިފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ ކޮންޑިޝަނަލް އެވޯޑް ކުރުމުގެ މަސައްކަތްކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ މިމަޝްރޫއުގެ ދަށުން އިމާރަތްކުރާ ގެތައް ވެގެންދާނީ މިގޮތަށް އިމާރާތް ކުރި ގެތަކުގެ ތެރެއިން، އާއްމުނަށް އެއްމެ ކުޑަ އަގުގައި ހުޅުވާލާނެ ގެތަކަށް ކަމުގައެވެ. މިކަން ކުރުމަށްޓަކައި އެޗްޑީސީން ވަނީ އާއްމުކޮށް ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއް އަމިއްލަ ފަރާތްތަކަށް ދިނުމުގައި ގެންގުޅޭ އުސޫލަށް ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން ކޮންމެ ޕްރޮޖެކްޓަކުންވެސް 60 އިންސައްތަ ޔުނިޓް ވިއްކުމަށް ކަނޑައެޅޭ އެއްމެ ކުޑަ އަގަށް އިމަރާތްކުރާ ކުންފުނިން އުނި އިތުރު ނުގެނައުމަށް އަންގާފައިވާނެ ކަމަށާއި، އިތުރު ފީއެއް ނުވަތަ އެޑް އޮންގެ ގޮތުގައި އެއްވެސް އިތުރު ފައިސާއެއް ނަގާނަމަ ޔުނިޓް ގަންނަ އާއްމު ފަރާތުގެ އެއްވެސް އިޢުތިރާޒެއް ނެތް ކަމުގެ ފޯމެއްގައި ސޮއިކުރުމަށް ވަނީ ކަނޑައަޅާފައެވެ.

މިގޮތަށް މިކަން ކުރުމުން ބައެއް ހާލަތްތަކުގައި އިތުރަށް އެޑް-އޮންގެ ގޮތުގައި ނަގާ ފައިސާ ނެގުން ހުއްޓުމަކަށް އައިސް އަތްފޯރާފަށުގައި ރަނގަޅު ފެންވަރުގެ ބޯހިޔާވަހަކަމުގެ ފުރުސަތު އާއްމު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

މިގޮތުން ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަންގެ ފަރާތުން ޔުނިޓްތައް ވިއްކުމަށް ހުށަހަޅާފައިވާ އަގަކީ އަކަފޫޓަކަށް 1،800 ރުފިޔާއެވެ. އަދި އެސްއޭއެސްއީ އާއި ގްލަޓް ޖޮއިންޓް ވެންޗަރ އިން ހުށަހަޅާފައިވާ އަގަކީ އަކަފޫޓަކަށް 2،185 ރުފިޔާއެވެ. މީގެއިތުރުން އެސްޖޭ ކޮންސްޓްރަކްޝަންއިން ހުށަހަޅަފައިވަނީ އަކަފޫޓަކަށް 1،987 ރުފިޔާކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ. މިއީ މިހާތަނަށް މި ކެޓަގަރީން ހައުސިންގ ޔުނިޓް ވިއްކުމަށް ހުށަހަޅާފައިވާ އެއްމެ ކުޑަ އަގުތައްކަން އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.