ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް، "ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު" ގެ ނަމުގައި ޤައުމީ ފެންވަރުގެ އިނާމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

މި އިނާމު މިއަހަރުގެ ޖުމްހޫރީ ދުވަހުން ފެށިގެން ދޭގޮތަށް ނިންމަވައި، އެކަމުގެ މައުލޫމާތު ވަޒީރުންގެ މަޖިލީހާ މިއަދު ވަނީ ހިއްސާ ކުރައްވާފައެވެ.

މިއަދު މެންދުރުފަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މި އިނާމުގެ ތަފްޞީލު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދައުލަތަށް ވަރަށްދިގު މުއްދަތެއްގައި އިޚްލާސްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ގިނަ އަދަދެއްގެ ބޭފުޅުން ތިއްބެވުމާއެކު، އެބޭފުޅުންގެ ޚިދުމަތްތަކަކީވެސް ޤައުމީ ފެންވަރެއްގައި ބަލައިގަނެ، ފާހަގަކުރަންޖެހޭނެ ޚިދުމަތްތަކެއްކަމަށެވެ.

އެހެންކަމުން، ދައުލަތަށް 35 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ޚިދުމަތް، ކަނޑައެޅޭ މިންގަނޑުތަކެއްގެ މަތިން ބަލައި، އެ މިންގަނޑުތަކުގެ މައްޗަށް ރިއާޔަތް ކުރުމަށްފަހު، އެފަދަ ބޭފުޅުންނަށް މި އަހަރުން ފެށިގެން ޝަރަފުވެރިކަމުގެ ޤައުމީ އިނާމެކޭ އެއްފެންވަރެއްގައި އިނާމެއް އެރުވުމަށް ނިންމެވީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެކަމާބެހޭ މަސައްކަތް، ޤައުމީ އިނާމާބެހޭ ކޮމިޓީއާ މިހާރު ހަވާލުކުރައްވާފައިވާ ކަމަށާއި، އިނާމު ދެއްވުމުގެ އުސޫލު އެކޮމިޓީން ކަނޑައެޅުމުން، އެ އުސޫލަށް މިނިސްޓްރީތަކާއި އެހެން މުއައްސަސާތަކުގެ ޚިޔާލު ހޯދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހި ސަރުކާރުން މިހާރުވެސް ގެންދަނީ ޤައުމީ ފެންވަރުގައި މި ގައުމަށް ޚިދުމަތްކޮށްދެއްވާފައިވާ އަދި ކޮށްދެމުންދާ ބޭފުޅުންގެ މަސައްކަތް ފާހަގަކޮށް، ޤައުމީ އިނާމު ދެމުންނެވެ.