މިދިޔަ އަހަރު އިންޑިއާގެ ލޮކްޑައުންތެރޭގައި ދެވަނަ ދަރިފުޅަށް ބަލިވެއިންކަން ހާމަކުރި ބޮލީވުޑްގެ ޑީވާ/ކާމިޔާބު ބަތަލާ ކަރީނާ ކަޕޫރު އަދި ފިރިމީހާ އެކްޓަރު ސައިފް އަލީ ޚާންއާ ދެމީހުންނަށް ލިބުނީ ފިރިހެން ކުއްޖަކެވެ. މިމަހުގެ 21 ވަނަ ދުވަހު ކަރީނާ ވިހާފައިވަނީ މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައެވެ.

އުމުރުން 40 އަހަރުގެ ބަތަލާ ކަރީނާގެ ދެވަނަ ދަރިފުޅެވެ.

މީގެކުރިން ސައިފް އަލީ ޚާންއަށްވަނީ ބަތަލާ އަމްރީތާ ސިންގްއާ ދެމީހުންގެ ކައިވެންޏަށް ދެކުދިން ލިބިފައެވެ. އެއީ މިވަގުތު ބޮލީވުޑުގެ އެންމެ ކުރީސަފުގައި ފިޔަޖަހަމުން އަންނަ ތަރި ސާރާ އަލީ ޚާން އަދި ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމަކާއި ލޯބި ލިބިފައިވާ އިބްރާހިމް ޚާންއެވެ.

ސައިފްއާއި ކަރީނާގެ ކައިވެއްޏަށް އެންމެ ފުރަތަމަ ލިބުނު ދަރިފުޅު ތައިމޫރުއަކީ އިންޑިއާގެ މީޑިއާގެ ސަމާލުކަން އެންމެބޮޑަށް ހޯދަމުން އަންނަ ސެލެބްރިޓީ ކިޑެވެ.

ކަރީނާ ކަޕޫރުއަކީ މާބަނޑުވުމާ ގުޅިގެންވެސް އޭނާގެ އެކްޓިންގް ކެރިއަރ އެއްވެސް ޖެހިލުމެއްނެތި ކުރިއަށްގެންދިޔަ ފަންނާނެކެވެ.

މިހާތަނަށް ގިނަ ބަޔަކު ދެކެމުން އައިސްފައިވަނީ ބޮލީވުޑުގެ ބަތަލާއިން ޒަވާޖީ ހަޔާތް ފެށުމަށްފަހު ދަރިން ލިބުމުން އެމީހުންގެ އެކްޓިން ކެރިއަރ ފަނޑުވެގެންދާ ކަމަށެވެ.

އެހެންނަމަވެސް ފުރަތަމަ ދަރިފުޅަށް ބަލިވެއިން ދުވަހުން ފެށިގެން ވިހެއުމުގެ އެންމެ ފަހު ވަގުތާ ހަމައަށްވެސް ކަރީނާ ދިޔައީ އޭނާގެ އެކްޓިންގް މަސައްކަތްތަކާއެކު ކެރިގެން ކުރިއަށެވެ.

އޭނާ ދެކޭގޮތުގައި މާބަނޑުވުމަކީ ތިމާއަށްޖެހޭ ބޮޑު ބައްޔެއް ނޫންކަމުން ކިރިޔާވެސް ހިތްވަރެއް ހުރިއްޔާ ކުރަންހުރި މަސައްކަތް ކުރުމަކީ ނުވަތަ އާމްދަނީ ހޯދުމަށް މަސައްކަތްކުރުމަކީ އެކަމުގައި އެއްވެސް މައްސަލައެއް އޮތްކަމެއްނޫނެވެ.

ކަރީނާގެ މި ހިތްވަރަށް އޭރުވެސް ބޮލީވުޑުގެ ގިނަ ފަންނާނުންތަކެއްގެ ތަރުހީބާއި އެއްބާރުލުންވަނީ ލިބިގެން ގޮސްފައެވެ.

ކަރީނާ ނަމޫނާއަކަށް ބަލައިގެން ފަހަކަށްއައިސް ބޮލީވުޑުގެ ގިނަ ބަތަލާއިންދަނީ ޒަވާޖީ ހަޔާތަށްފަހު ދަރިއަކު ލިބުމުންވެސް އެމީހުންގެ ކެރިއަރއާއެކު ކުރިޔަށެވެ. އޭގެތެރޭގައި ދާދިފަހުން ދަރިއަކު ލިބުނު އަނުޝްކާ ޝަރުމާ ހިމެނެއެވެ.

ކަރީނާގެ އިތުރުން އަނުޝްކާއަކީވެސް އަންހެނުން ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްކުރާ ފަންނާނެކެވެ.

ކޮންމެއަކަސް ކަރީނާއާއި ސައިފްގެ ދެވަނަ ދަރިފުޅުގެ އެއްވެސް ފޮޓޯއެއް މީޑިއާ ހިއްސާކޮށްފައިނުވާތީ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދަނީ ކުޑަކުޑަ ތައިމޫރުގެ ކޮއްކޮގެ ފޮޓޯއެއް ފެންނާނެ ވަގުތަކަށެވެ.

ތައިމޫރުއަށް ލިބިފައިވާ މީޑިއާގެ ސަމާލުކަމުގެ ސަބަބުން ބައެއްފަހަރު އެކަމާ ވަރަށް ހިތްހަމަނުޖެހޭކަމަށް ކަރީނާގެ ދެމަފިރިން އެކިފަހަރުމަތިން ވަނީ ތަކުރާރުކޮށް މީޑިއާގައި އެވާހަކަ ހިއްސާކޮށްފައެވެ.

އެހެންކަމުން މިފަހަރު މިދެމަފިރިން އެންމެ ބޮޑު އިސްކަމެއްދޭން ނިންމާފައިވަނީ ލިބިފައިވާ ދަރިފުޅު މީޑިއާއާ ވީހާވެސް ދުރުން ގެންގުޅުމަށެވެ.