ކޮވިޑް-19 އިން ރައްކާތެރިވުމަށް ބުދަ ދުވަހުން ފެށިގެން 7 ދުވަހުގެ މުއްދަތަށް އައްޑޫ ސިޓީ ހުޅުދޫ، މީދޫގައި ޚާއްސަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އަންގާރަ ދުވަހުގެރޭ އާންމު ކުރެއްވި އެންގުމުގައި 24 ފެބްރުއަރީ 2021 ވާ ބުދަ ދުވަހުން ފެށިގެން ހުޅުދޫއާއި މީދޫގައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް އަންގަވާފައި ވެއެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި، ޕާޓީތަކާއި، ރަސްމިއްޔާތުތަކާއި ހަފްލާތައް ބޭއްވުން ހުއްޓާލުމާއި، ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން ހިމެނެއެވެ.

އަދި ހުޅުދޫއާއި މީދޫގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓާލުމަށާއި، އެއްގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ހުއްޓާލުންވެސް ހިމެނެއެވެ. މީގެތެރޭގައި، ޒަރޫރީ ބޭނުންތަކާއި، ސިއްހީ ފަރުވާ ހޯދުމަށް ދާންޖެހޭ ދިއުމެއް ނުހިމެނޭ ކަމަށް އެންގުމުގައި ވެއެވެ.

މިކަންކަމުގެ އިތުރުން، އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓާލުމާއި، ސެލޫންތަކާއި، ޖިމްތަކާއި ބޯކޮށާ ތަންތަން ބަންދުކުރުމަށްވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމުގައި ވެއެވެ.

ހަމަ އެއާއެކު، ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލުމަށާއި، ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތްދޭ ފަރާތްތަކުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތާއި، ޓެކްސީގެ ޚިދުމަތް ދިނުމަށްވެސް އަންގަވާފައި ވެއެވެ.

ފިހާރަތަކާއި، ބޭންކްތައްފަދަ އާންމު ޚިދުމަތްދޭ ތަންތަނުގައި ޚިދުމަތް ދޭއިރު އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުމަށްވެސް އަންގަވާފައި ވެއެވެ.

މީގެއިތުރުންވެސް، ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި ސްކޫލްތަކަށް ދަރިވަރުން ހާޟިރުވެގެން ކްލާސްތައް ކުރިއަށް ގެންދިއުން ހުއްޓާލުމަށާއި، ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓްތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓާލުމަށްވެސް އެންގުމުގައި ވެއެވެ.

އެހެން ނަމަވެސް، ޑެލިވަރީގެ ޚިދުމަތް ދެވިދާނެ ކަމަށް ބުނެފައި ވެއެވެ.

ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރި ނަމަވެސް، އޭގެތެރޭގައި ސިފައިންނާއި ފުލުހުންނާއި، ސިއްހީ ޚިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި، އެމްބިއުލެންސާއި، އައްޑޫ ސިޓީގެ ހުޅުމީދޫ ޓާސްކްފޯހުގެ ފާސް ލިބިފައިވާ ފަރާތްތަކާއި، އިމަޖެންސީކޮށް ސިއްހީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތައް އިސްތިސްނާވާނެ ކަމަށްވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެގުމުގައި ބަޔާން ކުރައްވާފައި ވެއެވެ.

ހުޅުދޫއާއި މީދޫގައި ހަފްތާއަކަށް ކާފިއު ހިންގަން ނިންމިއިރު، އައްޑޫ ސިޓީގެ ގުޅިފައިވާ އެހެން ރަށްތަކުގައި އިއުލާންކުރި ކާފިއު އަންގާރަދުވަހުވަނީ އުވާލާފައެވެ.

ހުޅުދޫއާއި މީދޫގައި ރޭގަނޑަށް ކާފިއު ހިންގައި ފިޔަވަޅުތަކެއް އެޅީ، ހުޅުދޫ، މީދޫއިން ނެގި ރެންޑަމް ސާމްޕަލްއެއް ޕޮޒިޓިވްވެ އަދި އިތުރު އެކަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ.