ތ.ވޭމަންޑޫގެ ކަރަންޓުގެ ޚިދުމަތް މިރެޔަށް އިޔާދަކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ވޭމަންޑޫ އިންޖީނުގޭގައި ރޯވެ މުޅިރަށުން ކަރަންޓް ކެނޑިފައިވަނީ އިއްޔެގައެވެ.

ކަރަންޓު މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ތ. ގުރައިދޫއިން 360 ކިލޯވޮޓްގެ ޖެންސެޓެއް މިއަދު ހެނދުނު އެރަށަށް ގެންގޮސްފައިވާ ކަމަށް ފެނަކައިން މައުލޫމާތު ދެއެވެ.

އަލިފާނުގެ ހާދިސާ ހިނގުމާއެކު އެރަށުގެ ހާލަތު ބެއްލެވުމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އިއްޔެ ވަނީ ވޭމަންޑޫއަށް ވަޑައިގެންފައެވެ.

ވޭމަންޑޫ އިންޖީނުގޭގައި އަލިފާން ރޯވީ، އިންޖީނުގޭގައި މަރާމާތުގެ މަސައްކަތްތަކެއް ކުރިއަށްދާތީ ރަށުގެ އެކި ސަރަހައްދުތަކުން 30 މިނެޓުން 30 މިނެޓުން ކަރަންޓު ކަނޑަމުންދަނިކޮށެވެ.