"މިވާހަކަ ބިނާކޮށް ލިޔެފައިމިވަނީ ހަގީގީ ހާދިސާއެއްގެ މައްޗަށެވެ. 2004 ވަނަ އަހަރު އަޅުގަނޑު ތ. އަތޮޅުގެ ރަށްތަކަށް ކުރި ޒިޔާރަތެއްގައި އެއަތޮޅު ރަށަކުން ދިމާވި ދެމީހަކު، ލޯބިވިތާ 45 އަހަރު ފަހުން ކުރެވުނު ކައިވެންޏެއްގެ މައްޗަށް ބިނާ ކޮށެވެ. މިދެމީހުންގެ ލޯބީގެވާހަކަ އެދުވަސްވަރު "ފިޔެސް" މަޖައްލާގައި އަޅުގަނޑު ޝާއިއު ކުރީމެވެ. ރާއްޖޭގެ ދެކުނުން ތަޖުރިބާ ކުރެވުނު މިވާހަކަ މިހާރު މިވަނީ އުތުރަށް ބަދަލު ކުރެވިފައެވެ. އަދި ވާހަކައިގައި އުޅޭ މީހުންގެ ނަންތަކާއި ރަށްވެސް މިވަނީ ބަދަލު ކުރެވިފައެވެ. މިހާރު މިވާހަކައިގެ ނަމަކީ އިބްރާހިމްގެ ހުވަފެނެވެ. މިވާހަކައިން އެނގިގެންދާނެ އެއް ހަގީގަތަކީ ސާފު ތެދުވެރި ލޯތްބަކީ ކިތަންމެ ދުވަހެއް ވިއަސް ހިތުން ފިލުވާލަން ދަތި އަސަރު ހުރި ވަރުގަދަ ބާރެއް އެކުލެވޭ ގުޅުމެއް ކަމެވެ"

**

(18 ފެބްރުއަރީ 2021 އާ ގުޅޭ)

ޞިއްޙީ މަރުކަޒުން ދޫކޮށްލި ކަމުގައި ވިޔަސް އިބުރާހިމުގެ ބިނދުނު އަތުގައި އެޅި ޕްލާސްޓަރު ނައްޓަން އަދި ކައިރިވެސް ނުވެއެވެ. ގެއަށް އާދެވުމާއެކު ކުރިއަށް ވުރެ މިނިވަން ކަމާއެކު ހަލީމައާއި ފޯނުން ވާހަކަ ދެކެވޭ ގޮތް މެދުވެރިވިއެވެ. ކަނޑައެޅިގެން އިންނަ ވާހަކައާއި ލޯބިވާ ވާހަކަ ނުބުނި ކަމުގައި ވިޔަސް މިހާރު އެވަނީ ލޯބި ވެވިފައެވެ. އިސްވެ ކޮންމެ މީހަކު ކައިވެންޏަށް އެދުނު ކަމުގައި ވިޔަސް އެކަން ވާކަށް ލަހެއްފަހެއް ދެން ނޯންނާ ނެއެވެ.

ޒުވާން ދުވަސް ވަރު ލޯބިވެގެން އެކުގައި ހޭދަކުރި ހަވީރުތަކާއި ރޭތަކުގެ ވާހަކައާއި ހަލީމާ ގެންނަ ކާތަކެތިން ދިން މީރު ރަހަތަކުގެ ވާހަކަ އެވެ. އެކަކު އަނެކަކުގެ ބަލި ހާލުގެ ވާހަކަ އެވެ. މީހެއްގެ އެހީތެރި ކަމަށް ބޭނުންވާ ކަމުގެ ހިތުގެ ޝަކުވާ އެވެ. މިހާރު ހީވަނީ އަލަށް ރައްޓެހިވެގެން އުޅޭ ޒުވާން ދެ ކުދިން ހެނެވެ. ބައެއް ފަހަރަށް ފޯނަށް ޖަވާބު ނުދެވި ދިޔައަސް ޝަކުވާކޮށް ސުވާލު ގިނަ ކޮށްލައެވެ.

އިބުރާހިމުގެ އަތުގައި އަޅާފައި އޮތް ޕްލާސްޓަރު ނައްޓައިފިއެވެ. މިހާރު ކޮންމެ ދުވަހަކު ފަތިހު މޫދަށް ދިޔުމާ ބޭސްވެރިއެއް ކައިރިއަށް ގޮސް ތެޔޮ ދަމާ ހަދައެވެ. އިބުރާހިމަށް ހީވަނީ ޒުވާން ދުވަސްވަރު އަލުން އައީހެންނެވެ. އަބަދުވެސް ފެންވަރާ ނަލަވުމާ މީރުވަސް ދުވާ ސެންޓްލުމާ އާ ގަމީހާ މުންޑު ހޯދުން ވެގެން ދިޔައީ އިބުރާހިމުގެ ދަރިންނަށް ވެސް ލިބުނު އުފަލަކަށެވެ. ބައްޕައަށް މިއައި ބަދަލާއި ގުޅިގެން ބައެއް ދަރިން ސުވާލުވެސް ކޮށް ހެދި އެވެ. އެއީ ޝައްކުވާ ކަހަލަ ކަންކަން ފެންނާތީ އެވެ. ނަމަވެސް އެއްބަސް ވާ ގޮތެއް ނުވިއެވެ. އިބްރާހީމަށް ހީވަނީ ކުރަން މިއުޅޭ ކަންތަކާ ގުޅިގެން، ދަރިން ނުގަބޫލު ވެދާނެހެންނެވެ. މާޒީގައި ދެ އާއިލާ ދެމެދު ހިނގާފައި ވާ ދެބަސް ވުންތަކުގެ ހިޔަނި މިކައިވެންޏަށް އެޅިދާނެ ކަމުގެ ބިރަށް ވެސް މެއެވެ.

ރަޖަބު މަސް ފެށުނު އިރު އިބުރާހިމާއި ހަލީމަގެ ގުޅުމަށް ތިން މަސް ވެއްޖެއެވެ. މިހާރު އިބުރާހިމުގެ އަތްވެސް ރަނގަޅު ވެއްޖެއެވެ. ހަލީމަގެ ބަލިވެސް ވަރަށް ބޮޑުތަން ރަނގަޅު ވެއްޖެއެވެ. މިހާރު އަސާ ނުލައި ރީތިކޮށް ހިނގާ ގޭތެރޭގެ މަސައްކަތުގައި އުޅެވޭވަރު ވެއްޖެއެވެ.

ހަލީމަ ވެސް އިބުރާހިމު ފަދައިން ސްރީލަންކާ ދަތުރަށް ފަހު މޫދަށް ދިއުމާ ތެޔޮ ދެމުމާ އަމިއްލައަށް ކުރި ކަސްރަތުގެ ސަބަބުން އެވަނީ ހީނުކުރާހާ އަވަހަށް ރަނގަޅު ވެފައެވެ. ބަލާ މީހަކަށް މިހާރު ކުރިން ބަލިވެ އުޅުނު މީހެކޭ ބުނާ ވަރުވެސް ނުވެއެވެ. ލޯތްބަކީ ގަދަފަދަ އަދި ކޮންމެ ތާކަށްވެސް ދަމާ ކޫއްތާފައި ގެންދާ ފަދަ ބާރަކާ އިހުސާސްތަކެއް ހުރި އެއްޗެއްތާއޭ ބައެއްފަހަރަށް ހަލީމަގެ ހިތަށް ވެސް އަރައެވެ. އިބުރާހިމު ކުރާ ހިތްވަރާ އުޅޭގޮތުގެ ބޯކޮޅު ހަލީމައައީ ބަލަމުންނެވެ. ކުރިއަށްވުރެ ނަލަކޮށް ހުރުމާ ރީތި އަންނައުނު ލުމާ ހުކުރު ދުވަސް ދުވަހު ތުނޑިން ދިމާ ވާއިރު ޖަހާފައި ހުންނަ ސެންޓްގެ ވަހުން މިއީ ހަމަ ހަލީމައަށް ދައްކަން، ލޯބި ފަތަހަ ކުރެވޭތޯ ކުރާހާ މަސައްކަތްކަން ވަރަށް ރަނގަޅަށް އެނގެއެވެ.

މާލޭގައި އޮންނަ މިނިވަން ފަންސާހުގެ ބޮޑުބެރު މުބާރާތަށް އިހަވަންދޫގެ ޒުވާނުން ވެސް އައީ ތައްޔާރު ވަމުންނެވެ. އިބުރާހިމަކީ ކުރީގައި ވަރަށް މޮޅަށް ބޮޑުބެރު ޖަހާ އަދި ލަވަކިޔާ އުޅުނު މީހެކެވެ. އަދި މިހާރުވެސް ރަށުގެ ޒުވާނުންގެ އެދުރެކެވެ. މިމުބާރާތައް ތައްޔާރު ވުމަށް ފަރިތަކުރާ ކޮންމެ ރެއަކު އިބުރާހިމުގެ ތަޖުރިބާއާއި ހުނަރު އައީ ދަސްކޮށް ދެމުންނެވެ. އިބުރާހަމަކީ ސަމާސާ މިޒާޖެއްގެ މީހަކަށް ވުމާއެކު ގިނަ ޒުވާނުންގެ އެކުވެރިއަކަށް އިބުރާހިމު ވަނީ ވެފައެވެ.

ބެރު ފަރިތަކުރާއިރު ވެސް ކޮންމެ ރެއަކުހެން ވަކި ގަޑިއެއް ޖެހުމުން އިބުރާހިމު ގެއްލޭކަން ބައެއް ޒުވާނުންނަށް ފާހަގަ ވެގެން އިބުރާހިމުގެ ބޯކޮޅު ބަލަން ނިންމައިފިއެވެ.

ދިހައެއް ޖެހުމާއެކު ފާޚާނާއަކަށް ދާން ޖެހިއްޖެއޭ އެބަ އަންނަ މޭ ކިޔާފައި އިބުރާހިމު ހިނގައި ގަތުމުން އޭނާގެ ބޯކޮޅު ބަލަން ކުއްޖަކު ފަސް ފަހަތުން ހިނގައި ގެންފިއެވެ. ތަންކޮޅަކަށް ގޮސް ޖީބުން ފޯނު ނަގައި ހަލީމައާ ގުޅާލައިފިއެވެ. އެ ހިސާބަކީ ތަންކޮޅެއް އަނދިރި ހިސާބަކަށް ވުމުން ފަސް ފަހަތުން ދިޔަ ލައްޓި ހަސަނު، އިބުރާހިމަށް ނުފެންނަ ހެން ބޮނދައިގެން ގޮސް ދައްކާ ވާހަކަ އިވޭހާ ހިސާބުގައި މަޑުކޮށްލައިފިއެވެ.

ހަލީމަ އަހަރެން މިރޭ ވަރަށް މުހިންމު ވާހަކަ އެއް ބުނަން ބޭނުން އެއީ....... މިކަމާ ހަލީމަ ދެކޮޅު ނަހަދާނެ ކަމަށް އަހަރެން ދެކެނީ މިއީ އެތައް އަހަރެއްގެ އިންތިޒާރު ދެން ކެތެއް ނުވާނެ .......... އިބުރާހިމުގެ އަޑު ބެދި ކުރަކިވެ ހިންދިރުވޭ ގޮތް ވާން ފަށައިފިއެވެ. ފަޔަށް ހިނިއަރާހެން ވެސް ހީވެއެވެ. ކުޑަ ގިފިއްޔަށް ދާން ޖެހޭހެން ވެސް ހީވެއެވެ.

ފުންނޭވާއެއް ލުމަށް ފަހު ތުރުތުރު އަޅައަޅާ އޮތް ފިނި އަޑަކުން ބުނެފިއެވެ. އަހަރެން ހަލީމައާ ކައިވެނި ކުރަން ބޭނުމެވެ. މިކަމާ ދެކޮޅު ނަހަދައްޗެވެ. އަހަރެންގެ ފުރާނަ ފަދައިން ލޮލުގެ ކޮއި ފަދައިން މަލެއްހެން ހަލީމަ ގެންގުޅޭނަމެވެ.

މިހާތަނަށް ބުނިތަނާ އެއަޑު އަހަން އޮތް ލައްޓި ހަސަނު ހިނިއައިސްގެން ނޯވެވިގެން ބަޑުގައި އަތްއަޅައިގެން ގުދަށްގުދަށް އޮވެ ދުއްވައި ގަނެފިއެވެ. އިބްރާހީމަށް ވެސް ކޮންމެވެސް މީހަކު ދުއްވައި ގަންކަން އެނގުނެވެ. އެމީހަކަށް ފުރަގަސް ދީގެން ހުރުމާ އަނދިރި ކަމުން ކާކުކަން އެނގޭ ވަރެއް ނުވިއެވެ.

ލައްޓި ހަސަނު ހެމުން ކޮށި އަރަމުން އައިސް ބެރުޖަހާ ގެއަށް ވަދެއްޖެއެވެ. ހުރިހާ ޒުވާނުން އައިސް އޭނާ ވަށައިލައިފިއެވެ. ހުނުމެއް ނުހުއްޓުނެވެ. ފެންފޮދެއް ބޯލައި ދެތިން ފަހަރު ފުންނޭވާއެއް ލުމަށް ފަހު ބުންޏެވެ.

"އިބުރާހިމު ވަރުގަދަ ކަމެއް ކުރަން ނިންމައިފި ކޮންމެ ވެސް މީހަކާ އިންނަން އަހައިފި އަހަރެންނަށް އިވުނީ ހަލީމައޭ ބުނި އަޑު، ..... ކޮން ހަލީމަ އެއްކަމެއް ނޭނގުނު، އިބުރާހިމު ލައްވާ މިރޭ ޖެހޭނެ ތިކަން އޮޅުން ފިލުވަން އަދި ޖެހޭނެ ސައި އަތުލަން."

މިހާތަނަށް ވާހަކަ ދިޔައިރު އިބުރާހިމު އައިސް ބެރުޖަހާ ގެއަށް ވަދެއްޖެއެވެ. މާ ނޫންކަމަށް ހަދާފައި ކޮބާ ބެރުޖެހުން ނިންމައިލީހޭ ސަޔެއް ވެސް ނެތްހޭ އަހައި ލައިފިއެވެ. މިހާރު ސައިދޭން ޖެހޭނީ އިބުރާހިމޭ ކިޔާ އެންމެން ދިމާ ކޮށްލައިފިއެވެ. އެމީހުންގެ ވާހަކަތަކާ އެއްބަސް ނުވާން ވަރަށް ދެކޮޅު ހެދިއެވެ. ނަމަވެސް ހަގީގަތް ފަޅާއެރުމުން ދެން ހެދޭނެ ގޮތެއް ނެތުމުން އެއްބަސް ވެއްޖެއެވެ. އެކަމަކު ވަރަށް ބޮޑު ޝަރުތެއް އިބުރާހިމު ކުރިމަތި ކުރުވިއެވެ. އެކަން އެހެން މީހުންނަށް ސިއްރެއްގެ ގޮތުގައި ބޭއްވުމަށެވެ. އަދި ސާޅީސް އަހަރު ކުރީގެ ލޯބީގެ ވާހަކަ ވެސް ކޮންމެވެސް ވަރަކަށް ކިޔައި ދިނެވެ.

ހުރިހާ ޒުވާނުން ވެސް ނިންމީ އެމީހުން މާލެއަށް މުބާރާތައް ދިޔުމުގެ ކުރިން މިކައިވެނި ކުރެވޭ ވަރަށް އިންތިޒާމު ކުރުމަށެވެ. މިހާރު އިބުރާހިމު ހުރީ ކޮލުގައި ހުރި ނުވެއްޓޭ ދަތްތައް ވެސް ދައްކާލައިގެންނެވެ. އުފަލުން ފެންކަޅިވެފައެވެ. ހަލީމަ އާނބަސް ބުނީތީއެވެ. އަދި އެންމެ ބޮޑު ކަންތައް އޮތީއެވެ. ދަރިންނާ އާއިލާ މީހުންގެ ހިތް ހަލާލު ހޯދުމެވެ. (ނުނިމޭ)

****

އެޑިޓަރުގެ ނޯޓު: މިވާހަކައިގެ 11 ވަނަ ބައި ޝާއިއު ކުރެވޭނީ ދެން އަންނަ ބުރާސްފަތި ދުވަހުއެވެ.