ކޮވިޑް-19 އިން ރައްކާތެރިވުމަށް ފުވައްމުލައް ސިޓީގައި އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކުގެ މުއްދަތު އަނެއްކާވެސް 7 ދުވަހަށް އިތުރު ކޮށްފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ހުކުރު ދުވަހުގެރޭ އާންމު ކުރެއްވި އެންގުމުގައި ބުނެފައިވަނީ، ފުވައްމުލައް ސިޓީގައި އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކުގެ މުއްދަތު 27 ފެބްރުއަރީ 2021 އިން ފެށިގެން 7 ދުވަހަށް އިތުރުކުރުމަށް ނިންމަވާފައިވާ ކަމަށެވެ.

ކޮވިޑް ބަލީގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެން ފުވައްމުުލައް ސިޓީގައި ވަކި ގަޑިތަކެއްގައި ކާފިއު ހިންގައި ޚާއްސަ ފިޔަވަޅުތަކެއް އެޅީ މި ފެބްރުއަރީމަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ.

އޭގެފަހުން، އެ މުއްދަތު އެންމެ ފުރަތަމަ 7 ދުވަހަށް އިތުރުކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އަނެއްކާވެސް މިވަނީ ހަފްތާއަކަށް މުއްދަތު އިތުރުކޮށްފައެވެ.

ފުވައްމުލައް ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން، ރޭގަނޑު 8:30 އިން ފަތިހު 4:00 އަށް ކާފިއު ހިންގާފައި ވާއިރު، އެ ވަގުތުތަކުގައި އެއްގަމު އުޅަނދު ދުއްވުމާއި، އާންމުން ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ.

މީގެއިތުރުންވެސް ހަފްލާތަކާއި އެއްވުންތައް ބޭއްވުން މަނާކުރުމުގެ އިތުރުން، ފުވައްމުލައް ސިޓީގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ހުއްޓާލުމަަށްވެސް އަންގާފައިވެއެވެ.

އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނައިން އާންމު ތަންތަނަށާއި މަގުމައްޗަށް މީހުން އެއްވެ އުޅުން ހުއްޓާލުމަށާއި، ސެލޫންތަކާއި، ޖިމް، ބޯކޮށާ ތަންތަން ބަންދުކުރުމުގެ އިތުރުން، ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލުމަށާއި ޔުނިވާަރސިޓީތަކާއި، ކޮލެޖްތަކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓާލުމަށްވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، ފެބްރުއަރީ 12 ގައި އެޅުއްވި ފިޔަވަޅުތަކުގެ ދަށުން އަންގަވާފާއި ވެއެވެ.

މި ފިޔަވަޅުތަކުގެ އިތުރުންވެސް، ފުވައްމުލަކުގައި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދޭ ފަރާތްތަކުންނާއި ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުމަށާއި، ފިހާރަތަކާއި ބޭންކުތައް ފަދަ އާންމު ޚިދުމަތްދޭ ތަންތަނުގައި ހިދުމަތް ދޭއިރު ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައަޅައިގެން ޚިދުމަތް ދޭންވެސް އަންގަވާފައި ވެއެވެ.

މީގެ އިތުރުން ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓްތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓާލަން އެންގި ނަމަވެސް، ޑެލިވަރީގެ ޚިދުމަތް ދެވޭނެ ކަމަށް އަންގާފައި ވެއެވެ.

ކޮވިޑް ބަލީގެ ހާލަތާ ގުޅިގެން މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުގެ ފަތިސްނަމާދުން ފެށިގެން ފުވައްމުލައް ސިޓީގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލަންވެސް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.

ފުވައްމުލައް ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަން އެންގީ އެއް ހަފްތާގެ މުއްދަތަށެވެ. ނަމަވެސް، އެ މުއްދަތު އިސްލާމިކް މިނިސްޓްރީން އިތުރުކުރި ކަމެއް އަދި ސާފެއް ނުވެއެވެ.

މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލި ނަމަވެސް، މިސްކިތްތަކުން ގަވާއިދުން ބަންގި ގޮވަމުންދެއެވެ.