ފުވައްމުލައް ސިޓީގައި މިއަދު ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓްގައި އަނިޔާވި 2 މީހުންވެސް މަރުވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގީ ފުވައްމުކަލު ސިޓީގެ ފުނާޑު އަވަށުން ނައިބް ތުއްތު މަގުގައި، އެދެ މީހުން ދުއްވާފައި ދިޔަ ކާރު ކޮންޓްރޯލް ނުވެގެންނެވެ. ކާރު ގޮސް ޖެހިފައިވަނީ މަގުގެ އެއް ފަރާތުގައި ބިޔަކޮށް ހެދިފައިވާ ކިނބި ގަސްތަކެއްގައެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަގޮތުގައި ގަސްތަކުގައި ޖެހުމުގެ ސަބަބުން ކާރަށްވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ. އަދި ކާރުގެ ކުރީކޮޅު އޮތީ އެއްކޮށް ފުނޑުފުނޑުވެފައެވެ.

އެކްސިޑެންޓް ހިނގުމާއެކު، ކާރުން ދަތުރުކުރި ދެމީހުންގެ ތެރެއިން އެކަކު ފުރަތަމަ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ދެވަނަ މީހާ ކާރުތެރޭގައި ތާށިވެފައި އޮތުމުގެ ސަބަބުން އޭނާ ކާރުން ނެރެވުނީ ގިނަ އިރުތަކެއްގެ މަސައްކަތުންނެވެ.

މަންޒަރު ދުށް މީހުން ބުނާގޮތުންނާއި އަދި ފޮޓޯތަކުން ފެންނަ ގޮތުގައި ދެމީހުންގެ ހަށިގަނޑު ކާރުތެރެއިން ނެރުނު އިރު ބޮލަށާއި ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައި ހުއްޓެވެ.

އެދެ މީހުން ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.

މި އެކްސިޑެންޓްގައި މަރުވެފައިވަނީ އުމުރުން 19 އަހަރާއި، 24 އަހަރުގެ ދެ ޒުވާނުންނެވެ.

ފުލުހުން ބުނެފައިވަނީ، އެކްސިޑެންޓްވި ކާރު ދުއްވަން އިނީ 19 އަހަރުގެ ޒުވާނާ ކަމަށާއި، އޭނާއަކީ ކާރު ދުއްވުމުގެ ކެޓެގަރީގެ ލައިސަންސް އޮތް މީހެއް ކަމަށެވެ.

--

17:45 - ފުވައްމުލަކު ކާރު އެކްސިޑެންޓްގައި އަނިޔާވި 2 މީހުންވެސް މަރުވެއްޖެއެވެ.

މިކަން ފުވައްމުލަކު ހޮސްޕިޓަލުން ވަނީ ވީނިއުސްއަށް ކަށަވަރު ކޮށްދީފައެވެ.

އެކްސިޑެންޓްގައި އަނިޔާވި 2 މީހުންވެސް މިހާރުވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މި އެކްސިޑެންޓްގައި މަރުވި އެކަކީ އުމުރުން 24 އަހަރުގެ ޒުވާނެއް ކަމަށާއި، އަނެއްމީހާގެ އުމުރު އަދި ސާފު ނުވާކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ފުވައްމުކަލު ސިޓީގެ ފުނާޑު އަވަށުން ނައިބް ތުއްތު މަގުގައި މި އެކްސިޑެންޓް ހިނގީ، އެދެ މީހުން ދުއްވާފައި ދިޔަ ކާރު ކޮންޓްރޯލް ނުވެގެންނެވެ.

ކާރު ގޮސް ޖެހިފައިވަނީ މަގުގެ އެއް ފަރާތުގައި ބިޔަކޮށް ހެދިފައިވާ ކިނބި ގަސްތަކެއްގައެވެ.

----

ފުވައްމުލަކު ނައިބް ތުއްތު މަގުގައި ކާރެއް ކޮންޓްރޯލް ނުވެ ގޮސް، ގަސްތަކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މަންޒަރު ފެނުނު ފަރާތަކުން ވީނިއުސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެކްސިޑެންޓް ވެފައިވަނީ ސްޕޯޓްސް ކާރެއް ކަމަށާއި، ކާރު ކޮންޓްރޯލް ނުވެގޮސް ގަސްތަކުގައި ޖެހުނުއިރު އޭގައި 2 މީހުން ތިބި ކަމަށެވެ.

އެކްސިޑެންޓްވި ކާރުގައި ތިބި 2 މީހުންގެ ތެރެއިން އެކަކު މިހާރު ކާރުތެރެއިން ނެރެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އަނެއްމީހާ ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވީނިއުސްއާ މައުލޫމާތު ހިއްސާކުރި ފަރާތުން ބުނެފައި ވެއެވެ.

އެކްސިޑެންޓްވި ކާރުގައި ތިބި 2 މީހުން މަރުވެއްޖެ ކަމަށް ބައެއް ރިޕޯޓްތައް ފެތުރެމުންދިޔަ ނަމަވެސް، ފުވައްމުލަކުގެ ކަމާބެހޭ އިދާރާތަކުން އެކަން އަދި ކަށަވަރު ކޮށެއް ނުދެއެވެ.

އިތުރު ތަފްސީލް އަންނަނީ ...............