ރައްކާތެރިގޮތުގައި ކުނި މެނޭޖު ނުކުރެވުމުގެ މައްސަލައަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިހެން ހައްލުނުކުރެވި އޮތް ތިމާވެށީގެ ބޮޑު މައްސަލައެކެވެ. 2009 ވަނަ އަހަރު ވޭސްޓް މެނެޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން އުފެދުމުގެ ކުރިން ރާއްޖޭގެ ރަށްރަށުގައާއި އަދި ވެރިކަންކުރާ ރަށް، މާލެއިންވެސް ކުނި ނައްތާލެވޭވެ ހަރުދަނާ ނިޒާމެއް ގާއިމްކޮށްފައެއް ނުވެއެވެ.

އެހެންކަމުން ކޮންމެ ރަށެއްގައި ކުނި ޖަމާކުރަން ކުނި ގޮނޑެއް އޮވެއެވެ. މި ކުނިގޮނޑުތަކުގައި ފަރުބަދައިގެ އުސްމިނަށް ކުނި ޖަމާކޮށްފައިހުރެއެވެ. މިތަންތަނުގައި ހުންނަ ކުންޏަކީ އަމިއްލައަށް ނެތިދާ ތަކެއްޗަށް ނުވުމުގެ ސަބަބުން އެތައް އަހަރެއް ވެގެނދާއިރުވެސް މިތަކެއްޗަށް ބަދަލެއް ނައިސް އެހުރި ތަނެއްގައި އެ އުސްމިނުގައި އެ ކުނިފަރުބަދަ އޮވެއެވެ.

ކުނި ނައްތާލުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް 2009 ވަނަ އަހަރު ވެމްކޯ ވުޖޫދުވެގެން އައިފަހުން ވެމްކޯއިން ރަށްރަށުން ކުނި ނައްތާލުމުގެ މަސައްކަތް ކުރަން ފެށިނަމަވެސް އަދިވެސް ބައެއް ރަށްރަށުގެ ކުނިގޮނޑުތައް ހަމަ އެހުރިގޮތައް ހުންނަތަން ފެނެއެވެ. މިއަހަރަށް މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ މިމައްސަލައަކީ ވަރަށް ގިނަ ރަށްރަށަށް ދިމާވެފައިވާ މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

މީގެ ތެރެއިން އެންމެ ބޮޑަށް ކުނި ޖަމާވެފައިހުރި ރާއްޖޭގެ 20 ރަށަކުން ކުނި ބޭރުކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްފައި ވާކަންވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މި 20 ރަށުގައި ޖަމާވެފައިހުރި ކުނި ނެގުމުގެ މަސައްކަތް 7 މަސްތެރޭ ނިންމަން ވެމްކޯއާ ހަވާލުކޮށްފައިވާއިރު، ވެމްކޯއިން ވަނީ އެ ދުވަހުން ފެށިގެން މި 20 ރަށުގައި ޖަމާކޮށްފައިހުރި ކުނި ނައްތާލުމުގެ މަސައްކަތް ފަށާފައެވެ.

މިމަސައްކަތް ވަރަށް ހަލުވި ސްޕީޑެއްގައި ކުރިއަށްދާއިރު، މިމަސައްކަތާ ގުޅޭގޮތުން ވީނިއުސްއިން ދެނެވި ސުވާލަކަށް ޖަވާބުދެއްވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އާދަމް މުހައްމަދު ވަނީ މިމަސައްކަތަކީ އެތައް އަހަރެއްވަންދެން ޖަމާކޮށްފައިހުރި ކުނި އެ ރަށްރަށުން ބޭރުކުރުމުގެ މަސައްކަތްކަން ފަހަގަ ކުރައްވާފައެވެ. މިއީ އެއްދުވަހަކުން ނިންމާލެވޭނެ މަސައްކަތެއް ނޫން ކަމަށާއި، މިހާތަނަށް ކ. ގުރައިދޫ އަދި ކ. ތުލުސްދޫގައި ޖަމާކޮށްފައިހުރި ކުނި ނައްތާލެވިފައިވާކަން އާދަމް ފާހަގަކުރެއްވިއެވެ.

އާދަމް ވިދާޅުވީ މިމަސައްކަތުގެ ތެރެއިން މިވަގުތު އެންމެ ގިނަ އަދަދެއްގެ ކުނި ބޭރުކުރަމުންދަނީ ހދ. ކުޅުދުއްފުށި، ޏ. ފުވައްމުލަކު އަދި ގދ. ތިނަދޫއިން ކަމަށެވެ. އަދި އދ. މާމިގިއްޔާއި، ދ. ކުޑަހުވަދޫއިންވެސް ގިނަ އަދަދެއްގެ ކުނި ނެރެންޖެހޭކަމަށްވެސް އާދަމް ފާހަގަކުރެއްވިއެވެ.

އެގޮތުން ކުޅުދުއްފުށިން 130 އިންސައްތަ ކުނި މިހާރު ބޭރުކޮށްފައިވާ ކަމަށާއި، އަދި ފުވައްމުލަކުން 450 ޓަނުގެ ކުނި މިހާތަނަށް ބޭރުކޮށްފައި ވާކަމަށް އާދަމް ވިދާޅުވިއެވެ.

މީގެ އިތުރުން ފޮނަދޫއިން 40 އިންސައްތަ ކުނި މިހާރު ބޭރުކޮށްފައިވާ ކަމަށާއި، މި މަސައްކަތް އެއްކޮށް ނިމޭއިރު، 4،000 ޓަނުގެ ކުނި ލ. ފޮނަދޫއިން ބޭރުކުރެވޭނެކަމަށް ލަފާކުރެވޭކަމަށް އާދަމް ވިދާޅުވިއެވެ.

މި 7 މަސްތެރޭ 20 ރަށުގައި ހުރި ކުނި ބޭރުކުރުމުގެ މަސައްކަތް ނިންމައި، ދެވަނަ ބުރުގައި އިތުރު ރަށްރަށުން ކުނި ބޭރުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އާދަމް ވިދާޅުވިއެވެ. އަދި އެއް އަރައުތެރޭ މުޅި ރައްޖޭގައި ކުނި ޖަމާވެފައިހުރި ރަށްރަށުން ކުނި ނައްތާލުމަކީ އެ ކުންފުނީގެ އަމާޒެއްކަމަށްވެސް ވިދާޅުވިއެވެ.

އާދަމް އިތުރަށް ވިދާޅުވީ ރާއްޖެގެ ރަށްރަށުގައި ގިނަ އަދަދަކަށް ކުނި ޖަމާވެފައިހުރުމުގެ ސަބަބުން ރަށްރަށުގެ ކައުންސިލްތަކަށް އެ ރަށްރަށުން ރައްކާތެރިކަމާއެކު ކުނި ނައްތާލުމަށް ބޮޑެތި ހުރަސްތަކަކާ ކުރިމަތިވާ ކަމަށެވެ.

އެހެންނަވެސް ވެމްކޯއިން ރަށްރަށުގައި ގިނަ ދުވަސްތަކެއްވަންދެން ޖަމާކޮށްފައިހުރި ކުނި ނައްތާލުމަށް ކުރަމުންދާ މަސައްކަތް ނިމުމާއެކު ރަށްރަށުގެ ކައުންސިލްތަކަށް އެރަށްރަށުގެ ކުނި މެނޭޖްކުރަން ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ ކުނި މެނޭޖްކުރުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އަމާޒުހިފާފައިވާއިރު، މިކަން ދާއިމީ ގޮތެއްގައި ޙައްލުކުރުމަށްޓަކައި، ރާއްޖޭގެ ތިން ސަރަޙައްދެއްގައި ކުނި މެނޭޖްކުރާނެ ވަސީލަތްތައް ތަރައްޤީކުރަމުން އަންނަކަންވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ ބަޔާން އިއްވަވަމުން ފާހަގަކުރައްވާފައެވެ.

މިދާއިރާއިން ކުރިއަށްއޮތް ތަނުގައި، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ރަށު ފެންވަރުގައި ރައްކާތެރިކަމާއެކު ކުނި މެނޭޖްކޮށް، ކުނިން މަންފާ ހޯދޭނެ ނިޒާމެއް ޤާއިމުކޮށްދިނުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.