މިހިނގާ 2021 ވަނަ އަހަރުގެ މިހާތަނަށް އިންޑިއާއިން 40،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްއިވަނީވެސް އިންޑިއާއިންނެވެ. އެގައުމުން 40،045 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.

މިއީ މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 23.1 އިންސައްތައެވެ. މިދިޔަ އަހަރު އިންޑިއާއިން ޒިޔާރަތް ކޮށްފައިވަނީ 62،960 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހަތަނަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިންގެ 21.5 އިންސައްތައެވެ.

މީގެއިތުރުން ޔޫކްރެއިން، ކަޒަކިސްތާން، ރޮމޭނިއާ، ޖާރމަނީ، އަދި ފްރާންސްގެ އިތުރުން ސްވިޒަލޭންޑުންވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 180،468 އަށް އަރާފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ 136،694 ފަތުރުވެރިންނެވެ.

އެވްރެޖްކޮށް މިހާރު ދުވާލަކަށް ރާއްޖެއަށް 3399 ފަތުުރުވެރިން ޒިޔާރަތް ކުރާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެއިތުރުން މިދިޔަ އަހަރުގެ ޖުލައި 15 ގައި ރާއްޖެގެ ބޯޑަރު އަލުން ހުޅުވާލައި، ރާއްޖެގެ ފަތުރުވެރިކަން އަލުން ފަށައިގަތް ފަހުން މިހާތަނަށް 656 ޓުއަރިސްޓް އެކޮމޮޑޭޝަން ފެސިލިޓީއެއް ވަނީ ހިދުމަތަށް ހުޅުވާލާފައެވެ.

މީގެތެރޭގައި ހިމެނެނީ 358 ގެސްޓްހައުސްއަކާއި، 147 ރިސޯޓު އަދި 140 ސަފާރީގެ އިތުރުން 11 ހޮޓަލެކެވެ.

މިތަންތަނުން ޖުމްލަ 44،829 އެނދު ވަނީ ހިދުމަތަށް ހުޅުވަލާފައެވެ. އެގޮތުން ރިސޯޓުތަކުގައި 34،076 އެނދުގެ ހިދުމަތް ދެމުންދާއިރު، ގެސްޓްހައުސްތަކުން 6،572 އެނދު ހިދުމަތަށް ހުޅުވާލާފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.

ސަފާރީތަކުގައި 2723 އެނދުގެ ހިދުމަތް ދެމުންދާއިރު، ހޮޓަލުތަކުގައި 1،458 އެނދުގެ ހިދުމަތް ދެމުންދާ ކަމަށްވެސް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.