މާލޭ ސަރަޙައްދުގެ ސްކޫލްތަކުގެ އެލްކޭޖީ އިން ފެށިގެން ގްރޭޑް 8 އާ ހަމައަށް، އޮންލައިންކޮށް ކިޔަވައިދޭން އެޑިއުކޭޝަން މިިނިސްޓްރީން އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މިދުވަސްވަރު ކޮވިޑް-19ގެ ކޭސްތައް މާލެ ސަރަޙައްދުގައި ހަލުވިކަމާއެކު ފެތުރެމުން ދިއުމާއެކު، މިހާރު އެޅިފައި ހުރި ފިޔަވަޅުތަކުން ބަލި ފެތުރޭ މިންވަރަށް ބަދަލު އަންނަމުން ނުދާކަން ފާހަގަކުރެވޭ ކަމަށެވެ.

މިވަގުތު ބަލި ފެތުރެމުންދާ މިންވަރާއި ޙާލަތަށް ބަލައި ބަލި ފެތުރުމުގެ ރިސްކް އަވަހަށް ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެގޮތުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެދުމުގެމަތިން ކުރިއަށް އޮތް 2 ހަފްތާއަށް މާލޭ ސަރަޙައްދުގެ ސްކޫލްތަކުގެ އެލްކޭޖީ އިން ފެށިގެން ގްރޭޑް 8 ގެ ކިޔެވުންކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންނަށް ކަމުގައި މިނިސްޓްރީް ބުނެފައިވެއެވެ.

މީގެކުރިން، އޮންލައިންކޮށް ކިޔަވައި ދެމުން ގެންދިޔައީ ގްރޭދޤ 1 އިން 6 އަށެވެ.

ކޮވިޑް ބަލި ކޮންޓްރޯލްކުރުމަށް މާލެ ސަރަހަށްދުގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން ހެނދުނު 6:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުންވެސް ވަނީ މަނާކޮށްފައެެެވެ.

މީގެއިތުރުން މިއަދުން ފެށިގެން އެއް ހަފްތާގެ މުއްދަތަށް ރޭގަނޑު 8:00 އިން ފެށިގެން ހޮޓާ، ކެފޭ، ރެސްޓޯރަންޓްތައް، އެފަދަ ތަންތަނަށް މީހުން ގޮސްގެން ޚިިދުމަތް ހޯދުމަށް ބަންދުކުރަންވެސް އަންގާފައިވެއެެވެ.