• މިހާތަނަށް ވެކްސިން ދިން މީޙުންގެ އަދަދު 105،492 އަށް
  • އެކްޓިވް ކޭސްގެ އަދަދު 2،397 ގައި، ހޮސްޕިޓަލްތަކުގަ 170 މީހުން

ރާއްޖެއިން އިތުރު 118 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓު ކުރެވުނީ 3،952 ސާމްޕަލް ކަމަށެވެ. އޭގެތެރެއިން ޕޮޒިޓިވްވީ 118 ސާމްޕަލްއެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 92 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 5 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭ ރަށްތަކަށެވެ. 16 މީހުން ނިސްބަތްވަނީ ރިސޯޓްތަކަށެވެ. 5 މީހަކު ނިސްބަތްވަނީ ކަނޑުމަތީގެ އުޅަނދަކަށެވެ.

އަލަށް ޕޮޒިޓިވްވި 118 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 19،597 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 130 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 17،132 އަށް އަރާފައެވެ.

އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 2،397 ގައެވެ. މީގެތެރެއިން 170 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

ކޮވިޑް ބަލީގައި ރާއްޖެއިން ރޭގައިވަނީ އިތުރު މީހަކު މަރުވެފައެވެ.

ރޭ މެންދަމު 00:22 ގައި މަރުވި މީހާއަކީ އުމުރުން 80 އަހަރުގެ ދިވެހި އަންހެނެކެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް ބައްޔަށް ވެކްސިން ދިނުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިން މާލެ ސަރަހައްދުން މިއަދު 3،147 މީހަކަށް އަދި އަތޮޅުތެރެއިން 2،926 މީހަކަށް ވެކްސިން ދީފައިވާ ކަމަށެވެ.

މިއާއެކު، ރާއްޖެއިން މިހާތަނަށް ކޮވިޑް ވެކްސިން ދިން މީޙުންގެ އަދަދުވަނީ 105،492 އަރާފައެވެ. އެއީ، މާލެ ސަރަހައްދުން ވެކްސިންދިން 72،872 މީހުންނާއި، އަތޮޅުތެރެއިން ވެކްސިންދިން 32،620 މީހުންނެވެ.