ވިލާ ހަކަތައިގެ އަހަރީ ދުވަހާއި ގުޅިގެން ވިލާ ގޭހުގެ ކޮމްޕޮސިޓް ފުޅި ހެޔޮ އަގުގައި ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ވިލާ ހަކަތައިން ބުނީ މި ޕްރޮމޯޝަނަކީ މާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން މިއަދުން ފެށިގެން އަންނަ މާޗްމަހުގެ 26 ގެ ނިޔަލަށް ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.

މި ޕްރޮމޯޝަންގެ ތެރެއިން އެ ކުންފުންޏަށް އަލަށް ރަޖިސްޓްރީވާ ގޭބީސީތަކަށް ފުޅީގެ އަގު ނުލައި، 200ރ. ދައްކައިގެން ގެހާއެކު ފުޅި ލިބޭނެކަމަށް ވިލާ ހަކަތައިން ބުނެއެވެ. އަދި ވިލާ ގޭހުގެ ދަގަނޑު ފުޅި ގެންގުޅޭ ކަސްޓަމަރުންނަށްވެސް ފައިބަރ ފުޅިއަށް 200ރ. ދައްކައިގެން ގޭހާއެކު ފުޅި ބަދަލުކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވިލާ ހަކަތައިން މައުލޫމާތު ދެއެވެ.

ވިލާ ހަކަތައިން ބުނީ މި ޕްރޮމޯޝަން ކުރިއަށްގެންދާނީ ވަކި އަދަދެއްގެ ފުޅިތަކެއް ލިބޭގޮތަށް ކަމަށެވެ. އެހެންކަމުން އަވަހަށް ރަޖިސްޓްރީކުރުމަށް ވިލާ ހަކަތައިން ވަނީ އެދިފައެވެ. މީގެ އިތުރުން މި ޕްރޮމޯޝަންގެ ތެރެއިން ވިލާ ހަކަތައިގައި އަލަށް ރަޖިސްޓްރީވާ ކަސްޓަމަރުންނަށް ވަރަށް ޚާއްސަ ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ވިލާ ހަކަތައިން ބުނޭއެވެ.

މި ލަކީޑްރޯއިން ފުރަތަމަ ހޮވޭ ނަސީބުވެރިއަކަށް ޕެރެޑައިސް އައިލެންދޤ ރިސޯޓުގައި 4 މީހުންނަށް ދެރޭ ހުރުމާއި، ކެއުމުގެ އިތުރުން ޓްރާންސްފާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ދެވަނަ ނަސީބުވެރިޔާއަށް ޕެރެޑައިސް އައިލެންޑް ރިސޯޓުގައ ދެމީހުންނަށް ދެރޭ ހުރުމާއި، ކެއުމާއި، އަދި ޓްރާންސްފާ ލިބޭނެކަމަށް ވިލާ ހަކަތައިން ބުނެއެވެ.ތިންވަނަ ނަސީބުވެރިޔާއަށް އައިފޯން 12 މެކްސް ޕްރޯއެއް ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

މާލެއާއި ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް www.villagas.mv/promo މި ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ވިލާ ގޭހުން މައުލޫމާތުދެއެވެ. އަދި ވިލާ ގޭހުގެ ހޮޓްލައިން 7725566 ނަމްބަރަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 17:00 އާއި ހަމައަށް ގުޅައިގެންވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.