އިންޑިޔާ ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ވެދެއްވާ އެހީތެރިކަން މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ފާހަގަކުރައްވައިފިއެވެ.
މިނިސްޓަރ މިކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވާފައިވަނީ އިންޑިޔާގެ ކުރީގެ ފޯރިން ސެކްރެޓަރީ ވިޖޭ ގޮކްހާލޭއާއެ ބޭއްވި ވާރޗުއަލް ޕެނަލް ޑިސްކަޝަންގެ ތެރެއިންނެވެ.
މި ބައްދަލުވުމަކީ "ދަ އޭޝިއާ އިކޮނޮމިކް ޑައިލޮގް" ނަމުގައި އިންޑިޔާގެ މިނިސްޓްރީ އޮފް އެކްސްޓާރނަލް އެފެއާޒްގެ ދަށުން ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ މިނިސްޓްރީ އޮފް އެކްސްޓާރނަލް އެފެއާޒް އަދި ޕޫނޭ އިންޓަރނޭޝަނަލް ސެންޓަރުގައެވެ.
އިންޑިޔާގެ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންގެ ނަމުގައި ބޭއްވި މިބައްދަލުވުމުގައި މިނިސްޓަރ ޝާހިދުވަނީ، ރާއްޖޭގެ އުމްރާނީ ތަރައްގީއަށާއި، ގައުމު ކުރިއެރުމަށްޓަކައި އިންޑިއާ ފަރާތުން ވެދެއްވާ އެހީތެރިކަން ފާހަގަ ކުރައްވާފައެވެ.
އަދި އިންޑިއާގެ އެހީގައި ހިންގާ ކުދި ޕްރޮޖެކްޓުތަކުގެ ތެރޭގައި އަތޮޅުތެރެއަށް ބޮޑެތި ފައިދާތައްކުރާ ޕްރޮޖެކްޓުތައް ހިމެނޭކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން އިންޑިއާ ކަނޑުގެ އަމާންކަމަށްޓަކައި އިންޑިޔާއިން އަދާކުރަމުންދާ ލީޑަރޝިޕް ރޯލް ފާހަގަކުރައްވާ އިންޑިޔާގެ "ނެއިބަރހޫޑް ފަސްޓް" އަދި "ސާގަރް" ޕޮލިސީއަށްވެސް ޝާހިދުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
ހަމައެހެންމެ، އިންޑިޔާ މެދުވެރިކޮށް މޫސުމަށް އަންނަ ބަދަލުތަށް އަޅާ ފިޔަވަޅުތަކާމެދު ބޭއްވޭ އެއްބަސްވުންތަކާއި، އިންޓަރނޭޝަނަލް ސޯލަރ އެލަޔަންސް، ކޯލިޝަން ފޯ ޑިސާރސްޓަރ ރެސިލިއަންޓް އިންފްރާ ސްޓްރަކްޗަރގެ ވާހަކަތައް ފާހަގަކުރެއްވިއެވެ.
މިއީ މިހާތަނަށް ބޭއްވުނު އޭޝިއާ އިކޮނޮމިކް ޑައިލޮގްގެ ފަސްވަނަ އެޑިޝަނެވެ. އަދި ޕޫނޭ އިންޓަރނޭޝަނަލް ސެންޓަރުން ބާއްވާ ދެވަނަ ސެޝަނެވެ.