ތިރީގައި މިވަނީ މަޝްހޫރު ލިއުންތެރިޔާ ނަސީމާ މުހަންމަދު ލިއުއްވާފައިވާ މަޒްމޫނެކެވެ.

****

ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާ އެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަން ހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2500 އަހަރު ވެދާނެ ކަމަށެވެ.

ދިވެހިރާއްޖޭގައި މީހުން ފުރަތަމަ ދިރިއުޅޭންފެށި ދުވަސްވަރު އެނގިއްޖެ ނަމަ، އިންޑިޔާކަނޑުގައި މީހުން ދަތުރުކުރަންފެށި ދުވަސްވަރުގެ ތާރީޚު ވެސް އެނގިދާނެއެވެ. ބައެއް މުއައްރިޚުން ވިދާޅުވާ ގޮތުގައި، އިންޑިޔާކަނޑު ހުރަސްކޮށް އުތުރުކަރަ (އިންޑިޔާގެ ސަބްކޮންޓިނަންޓް ކަމަށް މިހާރު ކިޔާ ހިސާބު) އަށާއި، ދުރުއިރުމައްޗަށް ނައުފަހަރު ދަތުރުކުރަން ފެށީއްސުރެ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅެފައިވާނެއެވެ. ސަބަބަކީ، ޖޯގްރަފީގެ ގޮތުން ދިވެހިރާއްޖެ އޮންނަނީ އިންޑިޔާކަނޑު ހުރަސްކޮށް ނައުފަހަރު ދަތުރުކުރާ މަގުތަކުގެ މެދުތެރޭގައި ކަމަށް ވުމެވެ.

އިހުޒަމާނުގައި އުޅުއްވި، އިތުބާރުކުރެވޭ ބައެއް ލިޔުންތެރީންގެ ލިޔުއްވުންތަކުގައި، ދިވެހިރާއްޖޭގެ ވާހަކަތައް ކޮންމެވެސް ވަރަކަށް ހިމަނުއްވާފައި އެބަހުއްޓެވެ. މި ފަދަ މަޢުލޫމާތު ހުރި އެންމެ ގިނަ ދުވަސްވީ ލިޔުންތަކުގެ ތެރޭގައި، މީލާދީން ފުރަތަމަ ޤަރުނުގެ ތެރޭގައި ރޯމްގައި ލިޔެވިފައިވާ "ޕެރިޕްލުސް މާރިސް އެރިތުރީ" ނަމަކަށް ކިޔުނު ނިޔަމިކަމުގެ ފޮތުގައި، އިންޑިޔާކަނޑުގައިވާ "ލިމުރިކެ" ނަމަކަށްކިޔާ ރަށެއްގެ ކައިރީގައިވާ ޖަޒީރާތަކަކުން ކަހަނބުފަތް ހޯދާ ވާހަކަ ލިޔެފައި ވެއެވެ. މި ދެންނެވި "ލިމުރިކެ" އަކީ މަލާބާރުކަރައެވެ. ކަހަނބުފަތް ހޯދާ ޖަޒީރާތަކަކީ ދިވެހިރާއްޖޭގެ ޖަޒީރާތަކެވެ. މީލާދީން ދެވަނަ ޤަރުނުގެ ތެރޭގައި، ގްރީކްގެ މަޝްހޫރު ނުޖޫމީ ޢިލްމުވެރިޔާ ޓޮލަމީގެ ލިޔުއްވުމުގައި ވެސް ދަތުރުވެރިކަމާބެހޭ ވާހަކަތަކުގައި ދިވެހިރާއްޖޭގެ މަޢުލޫމާތު ހުއްޓެވެ. ވީމާ، ދިވެހިރާއްޖެއަކީ އިހުޒަމާނުގައި ހުޅަނގުގެ ދަތުރުވެރީން ދަންނަ ތަނެއްކަން އަޅުގަނޑުމެންނަށް އެނގެއެވެ.

ރޫމީންގެ އެހެން ލިޔުންތެރިއެއް ކަމުގައިވީ އަމިއާނުސް މަރުސެލިނުސް (320- 390މ) ލިޔުއްވި ތާރީޚީ ލިޔުއްވުމެއްގައި، މީލާދީން 362 ވަނަ އަހަރު، އެ ޤައުމުގެ ޖޫލިއަން ރަސްގެފާނުގެ އަރިއަހަށް ދިވީންގެ (ދިވެހީންގެ) ވަފުދެއް ރަސްމީ ގޮތުން ވެދުން ހިފައިގެން ދިޔަކަމަށް ވިދާޅުވެފައިވެއެވެ. މި ލިޔުމުގައި ސަރަންދީވީންގެ (ސިންގަޅައިންގެ) ވާހަކަ ލިޔުއްވައިފައި ވަނީ ތަފާތު ބައެއްގެ ގޮތުގައެވެ. ރަސްމީ ދިވެހި ވަފުދެއް އެ ހިސާބަށް ދަތުރުކޮށްފައި ވާނީ، އެ ޒަމާނުގެ ދިވެހީންނަކީ އަމިއްލަ ވެރިކަމެއް ހިންގަމުންގެންދިޔަ ބަޔަކަށް ވާތީ ކަމާއި ތަންދޮރު ވެސް ފިލާފައިވާ ބަޔަކަށް ވާތީ ކަމާމެދު ޝައްކެއް ނުކުރެވެއެވެ. ދިވީންނާއި ސަރަންދީވީންގެ ނަން ވަކީން ލިޔެފައިވަނީ މި ދެބައި މީހުންނަކީ ދެ ޤައުމެއްގެ މީހުންކަން އެ ޒަމާނުގެ ރޫމީންނަށް ވެސް އެނގިފައިވާތީއެވެ.

ސީނުކަރައިގެ ޓޭންގް ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރުގެ ރެކޯޑުތަކެއްގައި، މީލާދީގެ 658 ވަނަ އަހަރާއި 662 ވަނަ އަހަރު، ސީނުކަރައިގެ ރަސްގެފާނު އަރިހަށް ދިވެހީން ވެދުން ހިފައިގެން ދަތުރުކުރި ކަމަށް ލިޔެފައިވެއެވެ. ވެދުމުގައި ހުރީ ރާއްޖޭގައި އުފައްދާ ތަކެތި ކަމަށާއި، އަދި ސީނުކަރައަށް އައުމަށް އެމީހުންނަށް ކުރަންޖެހުނީ ވަރަށް ދިގު ދަތުރެއް ކަމަށް ވެސް އެ ރެކޯޑުގައި ވެއެވެ. މިދެންނެވި ވެދުން ފޮނުއްވައިފައި ވަނީ އެއިރު ދިވެހިރާއްޖޭގެ ތަޚުތުގައި އިންނެވި ސިރީ ބަލާދީއްތިޔަ މަހާރަދުންނެވެ. މިކަންކަން ހިނގާފައިވަނީ ރާއްޖެ އިސްލާމްވުމުގެ ގާތްގަނޑަކަށް 500 އަހަރު ކުރިންނެވެ. އެ ލިޔުމުން ޤަބޫލުކުރެވޭ ގޮތުގައި، އެ ޒަމާނުގައި ސީނުކަރައާއި ދިވެހިރާއްޖެއާ ދެމެދުގައި މުޢާމަލާތްތަކެއް ކުރެވުނެވެ. އެއިރު ދިވެހިރާއްޖޭގައި ރަސްކަމެއް އޮތުމާ އެކު، ރަސްކަމެއް ހިނގާނީ، އަދި އެހެން ޤައުމަކަށް އެ ރަސްކަމުން ވެދުން ފޮނުއްވާނީ، އެކަށީގެންވާ ރަނގަޅު އާދަކާދަތަކެއް ރާއްޖޭގައި އޮތީމާ ކަމަށް ބެލެވެއެވެ. އަދި ބޭރު އެހެން ޤައުމުތަކުގެ މަޢުލޫމާތު އެ ޒަމާނުގެ ދިވެހީންނަށް އެނގޭތީއެވެ. މި މަޢުލޫމާތުން ދޭހަވަނީ، އެއިރު ވެސް ރާއްޖޭގައި އެތަކެއް ސަތޭކަ އަހަރު ވަންދެން ދިވެހީން ވަޒަންވެރިވެ އުޅެފައިވާ ކަމެވެ.

އޮޅުދޫކަރައިގެ (ލަންކާގެ) އާސާރީ ލިޔުމެއް ކަމަށްވަ "މަހަވަންސާ" ގައި، މީލާދީ ސަނަތުގެ، 500 އަހަރު ކުރީން ހުޅަނގުއުތުރު އިންޑިޔާގެ ރަށެއްކަމަށް ބުނެވޭ "ސިންހަޕުރަ" އިން، އެ ރަށުގެ ރަސްގެފާނުގެ ދަރިކަލުން، ޕްރިންސް ވިޖަޔާ އޮޅުދޫކަރައަށް ވަޑައިގެންނެވި އިރު، އެ ބޭފުޅުން ދަތުރުކުރެއްވި ނައުތަކުގެ ތެރެއިން ނަވެއް ދިވެހިރާއްޖެއަށް އައިކަމަށް ބުނެފައިވެއެވެ. މި ވާހަކައިގައި ޙަޤީޤަތެއް އެކުލެވިފައިވުން އެކަށީގެންވެއެވެ. މިހެނީ، ދިވެހިބަހުގެ އަޞްލާއި ސިންގަޅަ ބަހާ ހުރި ގާތްކަމާއި، މީހުންގެ ސިފައަށް ބަލާއިރު، މި ދެ ނަސްލުގެ މީހުންގެ މެދުގައި ތިމާގެކަން ހުރި ކަމަށް ފެންނާތީއެވެ. އެހެންވީމަ މި ދެރަށުގައި އެއް ރަށަކުން އައި ބައެއް އުޅުނު ކަމަށް ވެދާނެއެވެ. މިހާރުގެ ބައެއް ލިންގުއިސްޓުން (ބަހުގެ މާހިރުން) ވިދާޅުވާ ފަދައިން، ފެންނަން ހުރި ހެކިތަކަށް ބަލާ އިރު، މި ދެބަހަކީ އެއް މައި ބަހަކުން ހެދިފައިވާ ދެ ބަހެއް ކަމަށްވުން އެކަށީގެންވެއެވެ.

އިސްވެ ދެންނެވި ނައު އުތުރުކަރައިން ދިވެހިރާއްޖެއަށް އައިއިރު، މި ބިމުގައި މީހުން ދިރިއުޅެން ފަށައިފި ކަމަށް ބަލަންޖެހެއެވެ. މިހެން ދަންނަވަން ޖެހެނީ، ތޯރް ހަޔަދާލް ލިޔުއްވައިފައިވާ "ދަ މޯލްޑިވް މިސްޓްރީ" ގައި ހިމެނިފައިވާ ވާހަކައަކަށް ބަލާފައެވެ. އޭގައި އޭނާ ބައްލަވައިފައި ވަނީ، އުތުރުކަރައިގެ ހުޅަނގު ސަރަޙައްދުގައި، އިންޑަސް ކޯރުގެކައިރީގައި އެވޭލާ ޒަމާނުގައި އޮތް "އިންޑަސްވާދީގެ ރަށްވެހިކަމާ" ރާއްޖެއާ ކޮންމެވެސް ގުޅުމެއް އޮތް ކަމަށެވެ. މި ދެންނެވި އިންޑަސްވާދީގެ ރަށްވެހިކަން އުވިގެންދިޔައީ، ގާތްގަނޑަކަށް މީލާދީ ސަނަތުގެ 1500 އަހަރު ކުރީންނެވެ. ހަޔަދާލް ވިދާޅުވެފައިވާ ގޮތުގައި އެ ރަށްވެހިކަމުގައި ބޭނުންކުރި ލޯތާލް ނަމަކަށް ކިޔުނު ބަނދަރުގެ ބިނާތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ބޮލިތަކެއް ފެނުނެވެ. އެ ޒަމާނުގައި މިބޮލި، "މޯލްޑިވް ކައުރީ" ލިބެނީ ހަމައެކަނި ދިވެހިރާއްޖެއިންނެވެ. ވީމާ އެ މީހުންނަށް މި ބޮލި ލިބިފައިވާނީ މި ރާއްޖޭގައި ދިރިއުޅުނު ބައެއްގެ އަތުން އެތަކެތި ހޯދައިގެންނެވެ. ޤަބޫލުކުރެވޭ ގޮތުގައި މި ބޮލިހިލާ ގޮތް އެނގޭނީ މި ފަސްގަނޑުގައި އެކަން ކޮށްއުޅުނު ބަޔަކަށެވެ.

އިންޑިޔާ ކަނޑުގައި ރާއްޖެ އޮންނަ މަޤާމަށް ބަލާއިރު، ދިވެހީންގެ ކާބަފައިން މި ރާއްޖެއަށް އައުން އެކަށީގެންވާ އެތައް ރަށެއް ވެއެވެ. މިރަށްރަށަށް ބަލައިލާއިރު، އެންމެ ކައިރީގައިވާ އެއް ރަށަކީ ލަންކާއެވެ. ޖޯގްރަފީގެ ގޮތުން ރާއްޖެއާއި ލަންކާ ދާދި ކައިރީގައި އޮތުމުގެ ސަބަބުން، ލަންކާއިން ރާއްޖެއަށް މީހުން ހިޖުރަކުރުމަކީ ހިނގައިފައިވެދާނެ ކަމެކެވެ. ލަންކާގެ މީހުންނަކީ، މާގިނައިން ކަނޑުދަތުރުކޮށް އުޅުނު ބައެއް ކަމަކަށް އެނގިފައެއް ނުވެއެވެ. އެބައި މީހުންގެ ޚާއްޞަ ނައުފަހަރުގެ ވާހަކައެއް އިވިފައެއް ނޯވެއެވެ. އަދި ލަންކާގެ ތާރީޚީ ލިޔުމެއްގައި ވެސް އެރަށުގެ މީހުން ރާއްޖެއަށް ހިޖުރަކުރި ވާހަކަ ލިޔެފައިވާތީ ނުފެންނަނީ، މާގިނަ މީހުން އެއްފަހަރެއްގެ މަތިން އައިސްފައި ނުވާތީ ކަމަށް ވެސް ވެދާނެއެވެ. މަދު ޢަދަދެއްގެ މީހުން އެ ރަށުން އެކި ފަހަރު މަތިން އައިސްފައިވާ ކަމަށް ލަފާކުރެވެނީ، މީލާދީގެ ދިހަވަނަ ޤަރުނާއި ބާރަ ވަނަ ޤަރުނާ ދެމެދުގައެވެ. މިއީ މި ރާއްޖޭގައި ދިވެހީން އުޅެންފެށިތާ މާ ފަހުގެ ދުވަސްވަރެކެވެ.

މީލާދީން 1899 ވަނަ އަހަރު، ޕްރޮފެސަރ ޖޯން ސްޓޭންލީ ގާޑިނަރް ދިވެހިރާއްޖެއަށް ވަޑައިގެން، ދިވެހީންގެ އަޞްލު ހޯއްދެވުމުގެ ގޮތުން މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ. މި ކަމަށް ޓަކައި ރާއްޖޭގެ އެކިރަށްރަށުގެ ދިވެހީންގެ އިސްކޮޅާއި، ބޮލާއި، ހަށިގަނޑުގެ ސައިންޓިފިކް މިންތަކެއް ނެންގެވިއެވެ. މި މަޢުލޫމާތުގެ ދިރާސާގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގައި މައިގަނޑުގޮތެއްގައި އުޅެނީ، ތިރީގައި މި ދަންނަވާ ރަށްރަށުގެ ނަސްލުތަކުގެ މީހުން ކަމަށެވެ.

1. އިންޑިޔާގެ ސަބްކޮންޓިނެންޓާއި ލަންކާ

2. ޢަރަބިކަރަ

3. އެފްރިކާ

4. އަސޭކަރަ (މިހާރުގެ އިންޑޮނީޝިއާއާއި މެލޭޝިއާ)

މި ރިޕޯޓަށް ބަލާއިރު، މި ދެންނެވި ނަސްލުތަކުގެ ސިފަތައް، މީލާދީން 1899 ވަނަ އަހަރު ދިވެހީންގެ ތެރޭގައި ހުރިކަން ޕްރޮފެސަރ ގާޑިނަރުގެ ދިރާސާއިން އަޅުގަނޑުމެންނަށް ދޭހަވެއެވެ. ނަމަވެސް އެ ނަސްލުތަކުގެ މީހުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ވަނީ، އެއަށްވުރެ ކުރީގެ އެކި ދުވަސްވަރުގައިކަން، ތާރީޚުންނާއި އެކިއެކި ލިޔުންތަކުން އަޅުގަނޑުމެންނަށް ގަބޫލުކުރެވެއެވެ.

މިހާރުގެ ދިވެހީންގެ ސިފައަށް ބަލައިލާއިރު، ގިނަ މީހުން ވައްތަރުވަނީ ދެކުނު އިންޑިޔާގެ މީހުންނާއި ލަންކާގެ މީހުންނާއެވެ. އިންޑޮނީޝިއާގެ މީހުންގެ ސިފަތައް ހުންނަ މީހުން ވެސް އަޅުގަނޑުމެންގެ ތެރޭގައި މަދެއް ނޫނެވެ. ހަމުގެ ކުލަ ދޮންވެފައި، ލޮލުގެ ކަޅި މުށިކުލައިގައި ހުންނަ މީހުން ވެސް ދިވެހީންގެ ތެރޭގައި އެބަތިއްބެވެ. މޫނުގެ ސިފައިގައި ޢަރަބީންގެ ވައްތަރާއި، އެފްރިކާ މީހުންގެ ގޮތްތައް ހުންނަ މީހުން ވެސް ފެނެއެވެ. އަދި ބައެއް ރަށްރަށުން އެއް ނަސްލެއްގެ ސިފަތައް މާ ގިނައިން ފެންނަން އެބަހުރި ވެސް މެއެވެ. ވީމާ، މި ފަދަ ކަންތައްތަކަށް ވިސްނާލާ އިރު، އެކި ފަހަރުމަތިން އެކި ޤައުމުގެ ދަތުރުވެރީން އައިސް، އެބައި މީހުން އެއް ރަށެއްގައި ވަޒަންވެރިވެ އުޅެފައިވާ ކަމަށް ފެނެއެވެ. މިހެންވުމުން، އެ ރަށެއްގައި އެ ނަސްލެއްގެ މީހުން ގިނައިން ތިބުމަކީ އެކަށީގެންވާ ކަމެކެވެ.

ދިވެހީންގެ ޒަމާންވީ އާދަކާދައަށް ބަލާއިރު، ހުޅަނގު ދެކުނު އިންޑިޔާގެ މީހުންނާ އެއްކަހަލަ ކަންތައް ވަރަށް ގިނައެވެ. މި ދެންނެވި އާދަކާދަތަކަކީ އެންމެ ކުރީއްސުރެ ދިވެހީން ގެންގުޅުނު ގޮތްތަކެވެ. އާދެ! ދޯނި ބަނުން، ޅާނބުލައިގެން ރުކަށް އެރުން، ގެދޮރު އެޅުން، އަދި ކާބޯތަކެތި ތައްޔާރުކުރާ ގޮތްތައް ވެސް މީގެ ތެރޭގައި ހިމެނެއެވެ. އަޅުގަނޑުމެން ބޭނުންކުރާ "ދޯނިބަނުން" މި ބަހަކީ، މަލާބާރު މީހުން ފަދައިން ދޯނިފަހަރު ރޯނުން ބަން ދުވަސްވަރަކު ބޭނުންކުރި ބަހެއް ކަމަށް ވެދާނެއެވެ. ދާދި ފަހަކާ ޖެހެންދެން، ލަކްޝަދީބުގައިވެސް ދޯނި ބަނދެ އުޅުނީ މި ގޮތަށް ކަމަށް ވެއެވެ. ދޯނިބަންނަން އަޅުގަނޑުމެން މިހާރު މި ގެންގުޅޭ ގޮތްތަކަކީ، ފަހުގެ ދުވަސްވަރެއްގައި ޢަރަބީންގެ ފަރާތުން ދަސްކުރި ގޮތްތަކެއް ކަމަށް ވެސް ވެދާނެއެވެ. ކުރިން ދެންނެވި ފަދައިން، މަލާބާރުގައި އިންޑިޔާކަނޑުގެ އައްސޭރީގައި އުޅޭ މީހުންގެ ވަރަށް ގިނަ އާދަކާދަ ދިވެހީންގެ އާދަކާދައާ ވަރަށް ވައްތަރެވެ. މި ހިސާބުގެ މީހުން ޢާއްމުކޮށް ކޮށްއުޅުނު މަސައްކަތަކީ މަސްވެރިކަމެވެ. މި މީހުންނަކީ ކަނޑުމައްޗަށް ވަރަށް ފަރިތަ ބައެކެވެ.

ކުރިން ދެންނެވި ފަދައިން، މަލާބާރުކަރައިގެ އިންޑިޔާކަނޑުގެ އައްސޭރިފަށުގައި އުޅޭ މީހުންގެ ވަރަށް ގިނަ އާދަކާދަ ދިވެހީންގެ ކުރީގެ އާދަކާދައާ ވަރަށް ވައްތަރެވެ. މި ހިސާބުގެ މީހުން ޢާއްމުކޮށް ކޮށްއުޅުނު މަސައްކަތަކީ މަސްވެރިކަމެވެ. އެހެންކަމާ އެކު މި މީހުންނަކީ ކަނޑުމައްޗަށް ވަރަށް ފަރިތަ ބައެކެވެ. އަދި މި މީހުންނަކީ މަސްވެރިކަން ކުރުމުގައި ވަރަށް ދުރަށް ދަތުރުކޮށް އުޅުނު ބައެއް ވެސް މެއެވެ. ރާއެރުމަކީ ވެސް އެ މީހުންގެ ތެރޭގައި ވަރަށް ގިނަ މީހުން ކޮށްއުޅުނު މަސައްކަތެކެވެ. މި މީހުންނަކީ އެ ޒަމާނުގައި ދަނޑުވެރިކަން ކޮށްއުޅުނު ބައެއް ނޫނެވެ. މި ފަދައިން އުޅުނު މަސްވެރީންގެ ތެރޭގައި "މުއްކަވާރުން"ނާއި "ޕަރަވާއިން" ހިމެނުނެވެ. މި މީހުންނަކީ މަލާބާރުގެ ރަސްރަސްކަލުންގެ ވެރިކަމާ ދުރުގައި، އެ މީހުންގެ އަމިއްލަ މިނިވަންކަން ހިފަހައްޓައިގެން، މިނިވަން ގޮތަކަށް މަސްވެރިކަން ކޮށްގެން ދިރިއުޅުނު ބައެކެވެ.

ދިވެހިރާއްޖޭގައި މީހުން ފުރަތަމަ ވަޒަންވެރިވީ ޒަމާނުގައި، މަލާބާރުކަރައިގެ މަސްވެރީންތަކެއް ރާއްޖެއަށް އައިސް، އެކި ރަށްރަށުގައި ވަޒަންވެރިވެ، ޢާއިލާތަކެއް އުފައްދައިފައި ވުމަކީ އެކަށީގެންވާ ކަމެކެވެ. އެ މީހުންގެ މަސްދޯނިފަހަރުގައި ރާއްޖެއާ ހަމައަށް އައުމަކީ، ކަނޑުމައްޗަށް އެހާ ފަރިތަ ބަޔަކަށް އުނދަގޫ ކަމަކަށް ނުވާނެއެވެ. މި ކަމާ މެދު ވިސްނާލާއިރު، ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ދިރިއުޅެންފެށި ޑްރެވީޑިއަން ނަސްލުގެ ބަޔަކީ، މި ދެންނެވި ފަދަ މަސްވެރި ޢާއިލާތައް ކަމަށް ވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ތަންދޮރުފިލާފައި ތިބި މީހުންނާއި، ރަސްމަތިފުށުގެ މީހުން ރާއްޖެއަށް އައިސް ވަޒަންވެރިވެފައި ވަނީ އޭގެ ފަހުގައި ކަމަށް ލަފާކުރެވިފައި ވެއެވެ. އެކި ގޮތްގޮތުން ބަލާއިރު ވެސް ދިވެހީންގެ އަސްލުވަނީ މަސްވެރިކަމާ ގުޅިފައިކަމީ، ޒަމާނުއްސުރެ ދިވެހީން ވެސް ދަންނަ އަދި އެ ކަމަށް ޓަކައި ފަޚުރުވެރިވާ ކަމެކެވެ. މި ކަމަށް އިތުރު ބާރުވެރިކަމެއް ލިބެނީ، ދިވެހިރާއްޖޭގެ ރަށްރަށަށް ޒަމާނުއްސުރެ ކިޔަމުން އަންނަ ނަންތަކުންނެވެ. ބުނެވޭ ގޮތުގައި، ގިނަ ދުވަސް ވުމުން ވެސް، އެންމެ ކުޑަކޮށް ބަދަލުތައް އަންނަނީ ތަންތަނަށް ކިޔާ ނަންނަމަށެވެ. ދިވެހިރާއްޖޭގެ ރަށްރަށުގެ ނަންތަކަށް ބަލާއިރު، ގިނަ ނަންނަމަކީ ޑްރަވީޑިއަން އަޞްލުން އައިސްފައިވާ ނަންނަމެވެ. ދިވެހިބަހުގައި ވެސް ޑްރެވީޑިއަން ބަހުގެ އަސަރު ހުރިކަމަށް ބަސްވާރުން ވިދާޅުވެފައި ވެއެވެ. އަދި ވަރަށް ގިނަ ނަންނަމަކީ، ކަނޑުމަތީގައި ގިނައިން އުޅޭ މީހުން، އެ މީހުންގެ ދަތުރުތަކުގައި އެކި ރަށްރަށް ފާހަގަކުރުމަށް، އެރަށެއްގެ ސިފަ ނުވަތަ އޮންނަ މަޤާމު ފާހަގަކުރުމަށް، ކިޔާނޭ ފަދަ ނަންނަމެވެ. މިސާލަކަށް "ކަނޑުމޫނުފުށި" (ކަނޑާދިމާއަށް އޮންނަ ރަށް)، "ކަނި ފިނޮޅު" (ކަނުގައި އޮތް ފިނޮޅު) މި ފަދަ ވަރަށް ގިނަ ރަށްރަށް ދިވެހިރާއްޖޭގެ ޗާޓުފޮތްތަކުން ފެނިވަޑައިގަންނަވާނެއެވެ. މި ފަދަ ނަންތައް ހުރުމާ އެކު ލަފާކުރެވެނީ، މީގެ ގިނަ ނަންތައް ކިޔައިފައިވާނީ، އެ ރަށްތައް ފެންނަފަށުން، ކަނޑުމަތީގައި ގިނައިން ދަތުރުކޮށް އުޅުނު މަސްވެރިން ފަދަ މީހުން ކަމަށެވެ.

ދިވެހި ރަދީފުގައި ބަޔާންކުރައްވައިފައިވާ ގޮތުގައި، ދިވެހީންގެ މާޒީގައި، "މުއްކަވާރު" މި ނަން ބޭނުންކޮށް އުޅުނީ މަލާބާރީންގެ ތެރޭގައި އުޅުނު ކަނޑުފޭރޭ މީހުންނަށެވެ. އެ ޒަމާނުގައި ކަނޑުމަތީގެ ކަންތައްތައް ހުރި ގޮތުން، ކަނޑުމަތިން ދިމާވާ ބަޔަކާ ހަމަލާ ދިނުމަކީ ވަރަށް ޢާއްމު ކަމެކެވެ. ޚާއްޞަކޮށް ވިޔަފާރި މުދާއުފުލާ ނަވެއް ފެނިއްޖެ ނަމަ، އެ ނަވަކަށް ހަމަލާއެއް ނުލިބި ސަލާމަތްވުމަކީ ވަރަށް ނާދިރުކަމެކެވެ. އެކި ޤައުމުތަކުގެ ކަނޑުފޭރޭ މީހުންގެ ފަރާތުން މި ފަދަ ނައުފަހަރަށް މެދުވެރިކޮށް އުޅުނު ނުރައްކައުތައް ވަރަށް ވެސް ބޮޑެވެ. މި ކަންކަން ހިނގަނީ ހަމައެކަނި އިންޑިޔާ ކަނޑަކު ނޫނެވެ. އެޓްލާންޓިކް ކަނޑާއި އަދި ދުރުއިރުމަތީގެ ކަނޑުތަކުގައި ވެސް "ކަނޑުފޭރޭ މީހުންގެ ބަލި" އެޒަމާނުގައި ވަރަށް ބޮޑަށް އޮތެވެ.

މީލާދީން 10ވަނަ ޤަރުނާއި 12ވަނަ ޤަރުނާ ދެމެދުގައި، ދެކުނު އިންޑިޔާގެ ޗޯޅާއިން އެހިސާބުގެ ހުރިހައި ރަށެއް އަތުލައިގަތުމަށް ފަހު، ލަންކާގެ އުތުރުބަޔާއި، ދިވެހިރާއްޖޭގެ ދެއަތޮޅެއް ހިފައިގެން ތިބި ވާހަކަ ރެކޯޑުކުރެވިފައި ވެއެވެ. މިކަން ކުރީ ވެސް އެހިސާބުގެ ކަނޑުތަކުން ދަތުރުކުރާ ވިޔަފާރި ނައުފަހަރު އަތުލައި، އެނައުތަކުގައި ހުންނަ މުދާތައް ފޭރުމުގެ ބޭނުމުގައި ކަމަށްވެއެވެ. މި ރަށްތަކުގެ ކައިރީގައިވާ ކަނޑުތަކުން، މެދު އިރުމައްޗަށާއި އަދި ދުރުއިރުމައްޗަށް، މުދާއަރުވާ ބަރުކޮށްފައިވާ ވިޔަފާރި ނައުފަހަރު ދަތުރުކޮށް އުޅުނެވެ. ޗޯޅާއިންގެ މީހުން ދިވެހިރާއްޖޭގެ މި ދެންނެވި ރަށްތައް ހިފައިގެން ސަތޭކަ ވަރަކަށް އަހަރު ވަންދެން ތިބިކަމަށް ވެއެވެ.

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވި މީހުން ވާހަކަދައްކައި އުޅުނީ ކޮން ބަހަކުން ކަމެއް އެނގޭކަށް ނެތެވެ. ނަމަވެސް ދިވެހިބަހުގައި އެކުލެވިފައިވާ ޑްރެވީޑިއަން ލަފުޒުތައް، މިސާލަކަށް، ކަނޑު، ތީމު، ފަރު، ފުށި، ފަދަ ބަސްތަކުން ލަފާކުރެވެނީ، އެބައިމީހުން ބޭނުންކުރި ބަހަކީ ޑްރެވީޑިއަން ޢާއިލާގެ ބަހެއް ކަމަށެވެ. އެއަށްފަހުގައި ރާއްޖެއަށް ގިމަށްއައި (ވަޒަންވެރިވާންއައި) މީހުންނަކީ، އުތުރުކަރައިން ދެކުނަށް ދަތުރުކުރި އާރިއަން ނަސްލުގެ ބައެކޭ ދެންނެވިދާނެއެވެ. މިގޮތުން އައި މީހުންނަކީ، ތަންދޮރުފިލާފައި ތިބި ބައެއް ކަމަށް، ފެންނަންހުރި ހެކިތަކުން ދައްކައެވެ. ލިޔުމުގެ ހުނަރުވެރި ކަމާއި، ބޭސްވެރިކަމާއި، ނުޖޫމީ ޢިލްމުވެރިކަމާއި، އެ މީހުންގެ ސަޤާފަތްވެސް މި ރާއްޖެއަށް ގެނައެވެ. ގަލުގެ މަސައްކަތްތެރިކަމާއި ރަނގަޅު ފެންވަރެއްގެ ޢުމްރާނީ މަސައްކަތްކުރުމުގެ ކުޅަދާނަކަން ވެސް އެމީހުންގައި ހުއްޓެވެ. މިބައިމީހުން އައުމުން ދިވެހިރާއްޖޭގެ ސަޤާފަތް ކުރިއަރާފައި ވާނެއެވެ. ރަސްކަމެއް އުފެއްދީ މިބައިމީހުން ކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިއީ ސްރީލަންކާގެ މަހަވަންސާގައި ބުނެފައިވާ ޕްރިންސް ވިޖަޔާގެ ރަށުގެ މީހުން ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. މިހެން ދެންނެވެނީ، ވިޖަޔާގެ ނައުކޮޅާ އެކުގައި ދަތުރުކުރި ނަވެއް ބެހިގެން ދިވެހިރާއްޖެއަށް އައި ކަމަށް އެ ރެކޯޑުގައި ލިޔެފައިވާތީއެވެ.

ފެންނަންހުރި ހެކިތައް ދައްކާ ގޮތުން، މި ދެންނެވި މީހުންގެ ބަހަކީ ސާންސްކިރިތުން އުފެދިފައިވާ ބަހެކެވެ. މި ބަހުން ވާހަކަދައްކާ މި ނަސްލުގެ އެހެން ބަޔަކު، އެއިރު ލަންކާއަށް ވެސް ދިޔައެވެ. ލަންކާއާއި، އިންޑިޔާއާއި، ދިވެހިރާއްޖޭގެ ސަޤާފީ ކަންތައްތަކުގައި ހުންނަ ގާތްކަމުން ލަފާކުރެވެނީ، މި ރަށްރަށުގެ މީހުންގެ ސަޤާފަތަކީ އެއް އަސްލެއްގެ އެކި ގޮފިތަކުން އައިސްފައިވާ ސަޤާފަތެއް ކަމަށެވެ. މި ދުވަސްވަރަކީ، ދެކުނު އިންޑިޔާގެ ނަސްލުތަކުގެ ތެރެއިން ކަނަޑާ، ތެލެގޫ، ތަމަޅަ އަދި ލަންކާގެ ސިންގަޅައިން، ވަކިވަކި ނަސްލުތަކުގެ ގޮތުގައި ތާރީޚީ ލިޔުންތަކުގައި ފާހަގަކުރެވެން ފެށި ދުވަސްވަރެވެ. މި ދެންނެވި ނަސްލުތަކުގެ މީހުންނަކީ ދިވެހިރާއްޖެއާ އެންމެ ކައިރީގައިވާ ހިސާބުތަކުގައި އުޅުނު މީހުންނެވެ.

265 އިން 238 ބީ. ސީ. އީ. އަށް އިންޑިޔާގައި ރަސްކަންކުރެއްވި މޯރިޔާ ދަރިކޮޅުގެ އަޝޯކާ ރަސްގެފާނު، އިންޑިޔާގެ ދެކުނުގެ ރަށްތަކަށާއި، ލަންކާއަށާއި، އިރުމަތީ އެތެރެވަރީގެ ރަށްރަށަށް، ބުޑިޒަމް އުނގަންނައިދޭނޭ އެދުރުން ފޮނުއްވި އިރު، މީގެ ބައެއް މީހުން ދިވެހިރާއްޖެއަށް ވެސް ފޮނުއްވާފައިވާ ކަމަށް ބުނެވެއެވެ. ދިވެހިރާއްޖެއަކީ އިންޑިޔާގެ މީހުން މާކުރީއްސުރެ ވެސް ދަންނަ ތަނަކަށް ވުމާއެކު، މި ކަން މިހެން ހިނގައިފައިވެދާނެއެވެ.

ދިވެހިރާއްޖޭގައި ހުރި ހުރިހާ އާސާރީ ސަރަޙައްދުތަކުގެ ތެރެއިން ސައިންޓިފިކް އުޞޫލުން ކޮނެ ދިރާސާކުރެވިފައިވާ ހަމައެކަނި ތަނަކީ، މާލެއަތޮޅު ކާށިދޫގައި އޮންނަ ކުރުހިންނަ ތަރާގަނޑެވެ. މި ސަރަހައްދުގައި ވަނީ އެވޭލާ ޒަމާނުގެ ބުޑިސްޓު ފައްޅިއަކާއި އެތަނާ ގުޅޭ ބިނާތަކެވެ. މި ތަނުން ވަރސް ގިނަ އަދަކަށް ދިވެހިބޮލި ފެނިފައިވެއެވެ. މި ބޮއްޔަކީ މީލާދީގެ ގާތްގަނޑަކަށް ތިންވަނަ ޤަރުނުގެ ތަކެއްޗެވެ. އެހެންކަމާއެކު، މި ތަން ބިނާކުރެވިފައި ވާނީ ގާތްގަނޑަކަށް އެދުވަސްވަރުގައި ނުވަތަ އެއާގާތް ދުވަސްވަރެއްގައި ކަމަށް ބެލިދާނެއެވެ.

ނިލަންދެއަތޮޅު ނިލަންދޫގައި އޮންނަ އާސާރީ ސަރަޙައްދުންނާއި ހައްދުންމަތީ ގަމުން ފެނިފައިވާ ބައެއް ތަންތަނަކީ، އިންޑިޔާގެ މަޝްހޫރު ބައެއް އާސާރީ ތަންތަނާއި، ލަންކާގައި ހުރި ޒަމާންވީ ބައެއް ބުޑިސްޓު ދީނުގެ ބިނާތަކާއި އެއްކަހަލަ ފަރުމާއެއް ހުރިކަން ފާހަގަކުރެވެއެވެ. އެހެންކަމާއެކު އެ ދުވަސްވަރުގައި ދީނީ ކަންކަމުގައި، މިސަރަޙައްދުގެ ރަށްރަށުގެ މެދުގައި ގުޅުންތައް ހިނގާފައިވާނޭ ކަމަށް ފެނެއެވެ.

މީލާދީން ގާތްގަނޑަކަށް ނުވަވަނަ ޤަރުނާއި ދިހަވަނަ ޤަރުނުގެ ތެރޭގައި އުފައްދާފައިވާ ވަރަށް ގިނަ ބުޑިސްޓު އާސާރުތައް ރާއްޖޭގެ ރަށްރަށުން ފެނިފައި ވެއެވެ. މީގެ ތެރޭގައި ގިނައީ ވަޖްރަޔާނާ ބުޑިޒަމްގެ (ތާންތްރިކް ބުޑިޒަމްގެ) ތަކެއްޗެވެ. ބުޑިޒަމްގެ މި މަޒުހަބަކީ، އެވޭލާ ޒަމާނުގައި ލަންކާގައި މާބޮޑަކަށް ފެތުރިފައި އޮތް މަޒުހަބެއް ނޫނެވެ. ބުޑިޒަމްގެ މި މަޒުހަބު އިންޑިޔާގައި ފުރަތަމަ އުފެދުނީ މީލާދީގެ ގާތްގަނޑަކަށް ފަސްވަނަ ޤަރުނުގައި ކަމަށް ބުނެވެއެވެ. އިންޑިޔާގައި ވެސް މި މަޒުހަބު ބޮޑަށް އޮތީ ބަންގާޅާއި އޮޅިއްސާއާއި އިރުމަތީ އިންޑިޔާގައެވެ. އިންޑޮނީޝިއާގައި ވެސް މި ދީން އޮތެވެ. މި ވައްތަރުގެ ބުޑިޒަމް އިންޑިޔާގައި ދެމިއޮތީ މީލާދީގެ ގާތްގަނޑަކަށް 8ވަނަ ޤަރުނާ ހަމައަށެވެ. އެއަށް ފަހުގައި، އެ ދީނުގެ މީހުން ހިންގަމުން ގެންދިޔަ ނޭދެވޭ ޢަމަލުތަކެއްގެ ސަބަބުން، އިންޑިޔާގެ އެތައް ރަށަކުން އެ މީހުން ފޮނުވައިލެވުނު ކަމަށް ބުނެވެއެވެ. އެއިރު ވަނީ ބުޑިޒަމް އޮތް އެތައް ރަށަކަށް މި މަޒުހަބު ފެތުރިގެންގޮސްފައެވެ. ޓިބެޓް ގައި މި މަޒުހަބު ވަރަށް ގަދައަށް އަށަގެންފައިވުމާ އެކު، މި މަޒުހަބަށް "ޓިބެޓަން ބުޑިޒަމް" ގެ ނަމުންވެސް ކިޔައި އުޅުނެވެ. ދިވެހިރާއްޖެއިން ވަޖްރަޔާނާ ބުޑިޒަމްގެ އާސާރުތައް ފެނިފައިވުމާ އެކު އަޅުގަނޑުމެންނަށް އެނގެނީ، އެ މަޒުހަބުގެ ބައެއް މީހުން ދިވެހިރާއްޖެއަށް ވެސް ހިޖުރަކޮށްފައިވާ ކަމެވެ. އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި، އިރުމަތީ އިންޑިޔާގެ ބަންގާޅާއި އޮޅިއްސާގެ މީހުންނާއި އަދި އިންޑޮނީޝިއާގެ މީހުން ވެސް، އެވޭލާ ޒަމާނުގައި ދިވެހިރާއްޖެއަށް ދަތުރުކޮށް އުޅުނެވެ. ވުމާއެކު ވަޖުރަޔާނާ މަޒުހަބު ދިވެހިރާއްޖެއަށް މިއިން ރަށަކުން ގެނެސްފައި ވުމަކީ އެކަށީގެންވާ ކަމެކެވެ.

ދިވެހީންގެ ފޯކްލޯރުގެ ތެރެއިން ބައެއް ވާހަކަތަކާއި، ވަޖްރަޔާނާ ބުޑިޒަމްއާއި، ހިންދޫދީނުގެ ވާހަކަތަކާ ވެސް ގުޅިފައިވެއެވެ. ރަންނަމާރީގެ ވާހަކައާއި "ވަޖްރަޔާނާ ބުޑިޒަމް" (ނުވަތަ "ތާންތްރިކް ބުޑިޒަމް") އާ ގުޅެއެވެ. ހިންދޫ ދީނުގެ ބައެއް ލަފުޒުތައްވެސް އަޅުގަނޑުމެންގެ ފޯކްލޯރުގައި ހިމެނިފައިވާކަން ފާހަގަކުރެވެއެވެ. މިސާލެއް ދަންނަވާ ނަމަ، އަޅުގަނޑުމެންގެ ވާހަކަތަކުގައި މިކިޔާ "ހަންޑި"އާއި "ހާމުންޑި" އައިސްފައިވަނީ ހިންދޫ ދީނުގެ" ޗަންޑީ"އާއި "ޗާމުންޑީ" މި ދެ ނަމުންނެވެ. މިއީ އެދީނުގެ "ކާލީ" އާއި "ދުރުގާ" ކަލާނގެއަށް ނިސްބަތްވާ ދެ ނަމެވެ.

އިސްވެ ބަޔާންކުރެވުނު ހުރިހާ ހެކިތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވި މީހުންނަކީ، ހުޅަނގު ދެކުނު އިންޑިޔާގެ މީހުންކަމަށް ލަފާކުރެވެއެވެ. މިއީ ރަށްފުށުގެ ދިރިއުޅުން ފަށައިގަން މީހުންނެވެ. އެކިއެކި ހުނަރުތައް ލިބިފައި ތިބި، ލިޔެކިޔަން ދަންނަ އާރިޔަން ނަސްލުގެ މީހުން އައިސްފައިވަނީ އޭގެ ފަހުންނެވެ. އޭގެ ފަހުން ތަފާތު ޤައުމުތަކުގެ މީހުން، އެކި ދުވަސްވަރު ދިވެހިރާއްޖެއަށް އައިސް ދިރިއުޅެން ފެށިއެވެ. ނަތީޖާއަކަށްވީ ދިވެހިބަހާއި ސަޤާފަތް މުއްސަނދިވެ އެތައް ނަސްލެއްގެ މީހުން އެކުވެރިކަމުގައި ޞުލްޙައިގައި އުޅޭ "ދިވެހިރާއްޖެ" ނަމަކަށް ކިޔާ ޤައުމެއް އުފެދުމެވެ.

ޙަވާލާ:

· ލާޒް ވިލްގޮންގެ ކަލެކްޝަން ވޮލިޔޫމް 2 : "ދަ މޯލްޑިވް އާކިޕެލަގޯ އެންޑް އިޓްސް ޕީޕަލް".

· ތޯރ ހަޔަރޑާލްގެ "ދަ މޯލްޑިވް މިސްޓްރީ"

· ނަސީމާ މުޙައްމަދު : 1998މ. "ދިވެހީންގެ އަޞްލު".ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، މާލެ.

· ނަސީމާ މުޙައްމަދު: 30/3/2011މ. ދުވަހު ނޫސް "ހަވީރު" ގައި ޝާއިޢު ކުރެވުނު މަޒުމޫނު، "ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވުމާއި، ބައެއް ދިވެހީން އެހެން ރަށްރަށުގައި ވަޒަންވެރިވުން"

· ބާރނާޑް ކޮކްލިން ލިޔުއްވި މަޒުމޫނު "ޓްރޭޑް އެންޑް ޝިޕްސް އޮފް ދަ ސައުތް ސީޒް".

· ޑރ. ޕީ. ރަގުޕަތީ ލިޔުއްވި "ދަ ސައުތް އޭޝިއަން ހެރިޓޭޖް އޮފް އާރލީ މޯލްޑިވްސް" މާލެ.

· ވިންފްރެޑް ޑަކްވާތްގެ 'އޮން ދަ އެންތްރޮޕޯމެޓްރިކް ޑޭޓާ ކަލެކްޓަޑް ބައި ޕްރޮފެސަރ ޖޭ. އެސް. ގާޑިނަރ އިން ދަ މޯލްޑިވްސް އެންޑް މިނިކޯއި" ވިލްގޯން: 1991-1999މ. މޯލްޑިވް އޮޑް ހިސްޓްރީ 1-9. ސްޓޮކްހޯމް.