އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ކޮވިޑް ވެކްސިން ޖައްސަވައިފިއެވެ.

ބޮޑުވަޒީރު މޯދީ ވެކްސިން ޖައްސަވާފައިވަނީ ނިއުދިއްލީގައި ހުންނަ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް ހޮސްޕިޓަލްގައެވެ.

ވެކްސިން ޖައްސަވާ މަންޒަރު ފެންނަ ފޮޓޯއެއް މޯދީވަނީ ޓްވީޓްވެސް ކުރައްވާފައެވެ.

ފޮޓޯއާއެކު ކުރެއްވި ޓްވީޓްގައި މޯދީވަނީ، ކޮވިޑް ބަލިމަޑު ހާލަތުން އިންޑިއާ ސަލާމަތް ކުރުމަށްޓަކައި ވެކްސިން ޖެހެންތިބި އެންމެން ވެކްސިން ޖެހުމަށް އިލްތިމާސް ކުރައްވާފައެވެ.

"ވެކްސިންގެ ފުރަތަމަ ޑޯޒް އަޅުގަނޑު ޖަހައިފިން. ވެކްސިން ޖެހޭ ހާލަތުގައި ތިބި އެންމެން ވެކްސިން ޖެހުމަށް އަޅުގަނޑު ގޮވާލަން. އެންމެން ގުޅިގެން އިންޑިއާއިން ކޮވިޑް-19 ނައްތާލަމާ ހިނގާ"
ނަރެންދުރަ މޯދީ

އުމުރުފުޅުން 70 އަހަރުގެ ބޮޑުވަޒީރު މޯދީ މިއަދު ވެކްސިން ޖެއްސެވި ނަމަވެސް، މޯދީ ޖެއްސެވީ ކޮން ކޮވެކްސިނެއް ކަމެއް މީޑިއާއިން ރިޕޯޓްކޮށްފައެއް ނުވެއެވެ. ހަމައެކަނި ބުނެފައިވަނީ، މޯދީ ޖެއްސެވީ އިންޑިއާގައި އުފައްދާފައިވާ ވެކްސިނެއް ކަމަށެވެ.

އިންޑިއާގެ ރައްޔިތުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ޖެނުއަރީ މެދުތެރެއިން ފެށިގެން ކުރިއަށް ގެންދާއިރު، އެގައުމުގައި ދެ ވެކްސިނެއް ގެންދަނީ ބޭނުން ކުރަމުންނެވެ.

އެއީ، އޮކްސްފޯޑް-އެސްޓްރަޒެނެކާއިން ތަރައްގީކޮށް އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނާއި، އިންޑިއާގެ ބާރަތު ބަޔޯޓެކާއި، އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް ގުޅިގެން ތަރައްގީކޮށް އުފައްދާފައިވާ ކޮވެކްސިންއެވެ.

އިންޑިއާއިން މިހާތަނަށް ސިއްހީ ޚިދުމަތްތެރިންނާއި، ފްރަންޓްލައިން މަސައްކަތްތެރިންގެ 12 މިލިއަނަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައި ވާއިރު، އިންޑިއާއިން އުންމީދުކުރި ބާރުމިނުގައި ވެކްސިން ދިނުމުގެ ކަންކަން ކުރިއަކަށް ނުދެއެވެ.

ސަބަބަކީ، ބާރަތު ބަޔޯޓެކްގެ ވެކްސިން ޖެހުމަށް ސިއްހީ ބައެއް ޚިދުމަތްތެރިންނާއި، ފްރަންޓްލައިން މަސައްކަތްތެރިންވެސް ފަސްޖެހުމެވެ.

12 މިލިއަނަށްވުރެ ގިނަމީހުން މިހާތަނަށް ވެކްސިން ޖަހާފައިވާއިރު، ބާރަތު ބަޔޯޓެކްގެ ވެކްސިން ޖަހާފައިވަނީ އެންމެ %11 މީހުން ކަމަށް ވެއެވެ.

އެ ވެކްސިން ޖެހުމަށް ގިނަމީހުން ފަސްޖެހެނީ، އެ ވެކްސިންގެ ކްލިނިކަލް ޓްރައިލްސްގެ އެންމެފަހު މަރްހަލާގެ ނަތީޖާ އާންމުކޮށްފައި ނުވާތީއެވެ.

ބާރަތު ބަޔޯޓެކާއި، އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗުން ބުނެފައިވަނީ، އެ މީހުން ތަރައްގީކޮށް އުފައްދާފައިވާ ކޮވެކްސިންއަކީ ރައްކާތެރި އަދި ބަލިން ދިފާއުކޮށްދޭ ވެކްސިނެއް ކަމަށެވެ. އަދި 26،000 ވޮލަންޓިއަރުން ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ އެންމެފަހު މަރްހަލާގެ ޓްރައިލްސްގެ ނަތީޖާ ވަރަށް އަވަހަށް އާންމުކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އިންޑިއާއިން މިއަދުވަނީ، ވެކްސިން ދިނުމުގެ ޕްރޮގްރާމް އިތުރަށް ފުޅާކޮށްފައެވެ. ވެކްސިން ޕްރޮގްރާމް ފުޅާކުރީ، ވީހާވެސް އަވަހަކަށް ވީހާވެސް ގިނަ ބަޔަކަށް ވެކްސިން ދިނުމުގެގޮތުންނެވެ. އެއީ، އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި ކޮވިޑްބަލި ވަރަށް ބާރަށް އަލުން ފެތުރޭން ފެށުމާ ގުޅިގެންނެވެ.

ގިނަބަޔަކު ވެކްސިން ޖެހުމަށް މަގުފަހި ކުރުމުގެގޮތުން، އިންޑިއާއިން މިހާރުވަނީ އެމީހަކު ބޭނުން ސެންޓަރަކުން ބޭނުން ވެކްސިނެއް ޖެހުމުގެ އިޚްތިޔާރުވެސް ހުޅުވާލާފައެވެ. ކޮވިޝީލްޑް ނުވަތަ ކޮވެކްސިން ޖަހަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައެވެ.