ކޮމެންޑެޑް ރިޕޯޓު ލިބުނު ކުދީންގެ ނަންތައް އިޢުލާން ކުރަމުން ދިޔައެވެ. ހިތް ތެޅިތެޅި އިން ފިރާޝް ވެސް ލިބުނު ހައިރާންކަމާއެކު ގޮނޑިން ތެދުވުމަށް ފަހު ހިނގައިގަތެވެ. އެއީ ފިރާޝް އެ ނިޔަތުގައި ސްޓޭޖަށް އަރާން ހިނގައިގަތް ފުރަތަމަ ފަހަރެވެ. ތަރުހީބުގެ އަތްތިލަބަޑިއާ އެއްވަރަށް ހިނގަމުން ދިޔަ ފިރާޝްގެ ދެ ލޮލަށް ކެތެއް ނުކުރެވުނެވެ. ރިޕޯޓު ފޮތް އަތަށް ލިބުނު ވަގުތު ފިރާޝްގެ ލޮލުން ފޭދިގެން ދިޔައީ ހޫނު ކަރުނައެވެ.

"އުފާކުރޭ! މިއީ ފިރާޝްގެ މަސައްކަތް. ތިޔަ ކުރި ހިތްވަރަށް ހަމަ ސާބަސް! އަބަދު ވެސް ތިޔަ ގޮތުގައި ދެމިހުންނާތި! ފިރާޝަށްވާނެ! ތިޔައީ މޮޅުކުއްޖެއް." ސެލޯފެން ލާފައި އޮތް ރިޕޯޓުފޮތަށް ވެއްޓުނު ކަރުނަތިކި ނީރުނު ދެ ލޯ ފުހެލައިދެއްވަމުން ފިރާޝަށް ހިތްވަރު ދެއްވީ ޕްރިންސިޕަލެވެ. ފިރާޝަށް ރޮވެވުނީއެވެ. މީގެ ކުރިން ދުވަހަކު ވެސް އެފަދަ ކާމިޔާބެއް ލިބިފައި ނެތުމުންނެވެ. އެފަދަ އުފަލެއް ލިބިފައިނުވާތީއެވެ.

ހަފުލާ ނިމުމާއެކު ފިރާޝް ނުކުތީ ހޯލުން ބޭރަށެވެ. އިންތިޒާރުގައި މަންމަ ހުންނާނެ ކަމަށެވެ. ކަންތައްވީ ހީކުރި ގޮތާ ޚިލާފަށެވެ. އެތައް އިރެއް ވީއިރު ވެސް މަންމައެއް ނައެވެ. ފިރާޝަށް ޖެހުނީ އިންތިޒާރު ކުރާށެވެ.

އިންތިޒާރުގެ ވަގުތުތަކުން ފިރާޝްގެ ހިތާ ބައްދަލުކުރީ އިހުސާސްތަކެކެވެ. އެ އިހުސާސްތައް އުފަންކުރީ ފިރާޝްގެ ލޮލުންނެވެ. ބައެއް ކުދިން އެ ކުދިންގެ މަންމައާއި ބައްޕަގެ އަތުގައި ހިފައިގެން އެ ދަނީ ކިހައި ލޯބިކޮށް ހެއްޔެވެ؟ އެ ކުދިން އެ އު ޅެނީ ކީހައި އުފަލުގައި ހެއްޔެވެ؟ އެ ކުދީންގެ ގައި އެ ބައްދާލަނީ ކިހައި މަތިވެރި ކުލުނަކާއެކު ހެއްޔެވެ؟ ބައްޕަ ދުނިޔޭގައި ހުރި ނަމަ މިއަދު މަންމައާއި ބައްޕަ ވެސް ފިރާޝް ބަލާ އައީހެވެ. އެ ދެ މީހުން ކިހައި އުފާވީސް ހެއްޔެވެ؟ ފިރާޝަށް ވަދެވުނީ މާޒީގެ ދޮރުން ބައްޕަގެ ދުނިޔެއަށެވެ. ބައްޕަގެ އެންމެ ފަހު ދުވަހަށެވެ.

އެއީ މީގެ ހަތްމަސް ކުރިއެވެ. ކުލާހުގައި އިނުމަށް ފަހު ފާޚާނާއަށް ގޮސްވަނީ ހަތަރު ކުދިންގެ ގްރޫޕެކެވެ. ފިރާޝަށް ވެސް ބައިވެރިވާން މަޖުބޫރުވީއެވެ. އެކުވެރީންނަށް ނޫނެކޭ ބުނަން ނުކެރިގެންނެވެ. އެހެން ހަދައިފިނަމަ ދެން ލިބިދާނެ ލަނޑު މާ ބޮޑުވެދާނޭ ހިތައެވެ. ކަންދިމާކުރި ގޮތުން ހުރިހާ ކަމެއް ފަޅާއެރީ އެ ދުވަހުއެވެ. ފުލުހުން އައިސް ހަތަރު ބައިވެރީން ފުލުސް އޮފީހަށް ގެންދިއުމުންނެވެ. ކަން ހިނގިގޮތް އަލިފުން ޔާޔަށް ބައްޕަގެ ކުރިމަތީ ކިޔައިދޭން މަޖުބޫރުވުމުންނެވެ.

"ތިއީ ބައްޕަގެ ދަރިފުޅު ދުވަހަކު ވެސް ކޮށްފާނެ ކަމަށް، ބައްޕަ ހިތަށް އެރިކަމެއް ނޫން. އެކަމަކު ތިކަން ވެސް ދަރިފުޅު ތިޔަ ކުރީ. ބައްޕަމެންނާ ވަގަށް ދަރިފުޅު ސިނގިރޭޓް ވެސް ބުއީމު. އެހެން ކަންކަން ވެސް ދަރިފުޅު ކުރީމު. އެކަމަކު ތި ކަހަލަ އެއްވެސް ކަމެއް ބައްޕަ ކުރިންތަ؟ ދުވަހަކު ވެސް ދަރިފުޅު ދެރަ ކުރިންތަ؟ އެއްޗެއް ހޯދައި ނުދީ ހުރިންތަ؟ ބައްޕައާއި މަންމައަށް، ދަރިފުޅަށް ދޭން އެނގުނު އަގަކީ މީ!" ބައްޕަގެ އަނގައިން އެންމެ ފަހުން ބުނި ބަސްތައް ފިރާޝްގެ ބޮލަށް އައިސް ވަނީ މަރުތޭލަކުން ޖެހި މޮހޮރެއް ހެނެވެ.

ފިރާޝަށް އުޅެވުނީ ރަނގަޅަކަށް ނޫނެވެ. ގޯސްކުދިންނާއެކު ބޭރު ތެރޭގައި އުޅެވުނީ މަންމައާ ބައްޕަ ކެނޑިނޭޅި ދެމުން ދިޔަ ނަސޭހަތްތަކަށް ބީރު ކަންފަތެއް ދެމުންނެވެ. އެކުދިން ވިލިގިއްޔަށް ދިޔަ ދުވަސްދުވަހު މަންމައާއި ބައްޕައަށް ސިއްރުން އެ ރަށަށް ވެސް ގޮސް ހެދީއެވެ. އެކުދީންނާއެކު މަޖާކުރަމުން ސިނގިރޭޓް ވެސް ބުއީއެވެ. އެންމެ ފަހުން އެ ފޯރީގައި ޣާފިލުވެ އެ ގޯޅީގައި ތާށިވެ އެ ރޯޅިގައި މަސްތުވީއެވެ.

ފިރާޝަށް ހޭވެރިކަންވީ މަންމަ އައިސް ކޮނޑުގައި އަތްޖައްސައިލުމުންނެވެ. އޭރު ފިރާޝްގެ ލޮލުން ކަރުނަ ނީރެއެވެ. މަންމައަށް ފެނުނީ އެ މަންޒަރެވެ. އެހެންވެ ލިބުނީ ކޮން ރިޕޯޓެއްތޯ ބަލާކަށް މަންމަ ބޭނުމެއް ނުވިއެވެ.

"ބައެއް ފަހަރު އެހެންވާނެ. ދެރަނުވޭ ދަރިފުޅާ! އަދި ކާމިޔާބުވާނެ." މަންމަ ހީކުރީ ފިރާޝް ހިތްހަމަޖެހޭ ފަދަ ރިޕޯޓެއް ނުލިބުނީ ކަމަށެވެ.

"މަންމަ ނުބަލާނަންތަ ރިޕޯޓު ފޮތެއް؟" ސުވާލުނުކޮށް ފިރާޝަކަށް ނުހުރެވުނެވެ.

"ދަރިފުޅަށް ލިބުނީ ކޮން ކަހަލަ ރިޕޯޓެއްކަން ދަރިފުޅުގެ މޫނުން މަންމައަށް އެބަ ބުނެދޭ. އެހެންވެ ރިޕޯޓް ފޮތް ބަލާކަށް މަންމަ ބޭނުމެއް ނޫން." މަންމަ ދިނީ ވަރަށް ކުރު ޖަވާބެކެވެ.

"ނޫން. މަންމާ! ފޮތުގެ އެތެރެ ބަލައިފިނަމަ މަންމަ ވެސް އުފަލުން ރޯނެ. ބައްޕަ ހުރި ނަމަ އަދި މާ އުފާވާނެ. މިއީ ބައްޕަ ދެކެން ބޭނުންވި ދުވަސް. އެކަމަކު އެ ނަސީބު ނެތީ އަހަރެންނާ ހެދި. ބައްޕަ މި ދުނިޔެ ދޫކުރީ އަހަރެންގެ ސަބަބުން."

ފިރާޝް ބުނި ވާހަކައިން މަންމައަށް ލިބުނީ ހައިރާންކަމެވެ.

"ކީއްވެތަ ދަރިފުޅު ތިހެން ތިބުނީ؟ ތިޔަ ކަހަލަ ވާހަކަ ނުދައްކާ ދަރިފުޅާ! ތިޔައީ ބައްޕަ ވެސް އަދި މަންމަގެ ވެސް ހުރި ހަމައެކަނި ދަރިފުޅު. ދަރިފުޅު ކިހައި މޮޅު. ކިހާ ބަސްއަހާ. ކުރިން ދަރިފުޅުގެ ކިބައިން ގޯސް ކަންތައްތަކެއް ފެނުނު ނަމަވެސް މިއަދު މަންމަ މި ފަޚުރުވެރިވަނީ ދަރިފުޅަށް. ދަރިފުޅު ތިޔަ ހޯދި ކާމިޔާބީއަށް." ރިޕޯޓް ފޮތަށް ބަލަހައްޓައިގެން ހުރެ ފެންކަޅިވެފައިވާ ހާލު މަންމަ ބުނަމުން ދިޔައެވެ.

"ދަރިފުޅާ! މި ދުވަސް ދައްކަވާތޯ މަންމަ ވަރަށް ދުއާކުރިން. މިއީ ބައްޕަ ވެސް ދެކެން ބޭނުންވި ދުވަހެއް. އިރާދަ ކުރެއްވީތީ މިއަދު މި ދުވަސް މަންމައަށް ދެއްކެވީ. މިއަދު ބައްޕަ ނެތަސް ދަރިފުޅު މަންމައަށް ތިޔަ ހޯދައިދޭ ހިތްހަމަޖެހުމަކީ މަންމަ ހިތްއެދޭ ފަދަ ހިތްހަމަ ޖެހުމެއް. ދަރިފުޅު އިސްލާހުވީތީ މަންމަ ދަރިފުޅަށް ފަޚުރުވެރިވަން. ތިއީ މަންމަގެ ހުރި ހަމައެކަނި ދޫނި"

ފިރާޝްގެ ނިތްކުރީގައި ބޮސްދެމުން އެ މަންމަގެ އިހްސާސްތައް ފިރާޝްގެ ކުރިމައްޗަށް ބަނޑުން ކޮށްލިއެވެ. މަންމައަށް ފިރާޝްގައި އޮޅުލައިގަނެވުނެވެ. ފިރާޝް، އޭނާގެ ބައްޕަ މަތިން ހަނދާންކުރަމުން ދިޔައެވެ.

"ދަރިފުޅާ! ކޮންމެ ކުއްޖަކަށް ވެސް ގޯސް ކަމެއް ކުރެވިދާނެ! އެކަމަކު ވިސްނައިގެން އެކަމުން ދުރިހެލިވާން މަސައްކަތް ކޮށްފި ނަމަ އެ ކަމަކުން ދުރުހެލިވާނެ. ދަރިފުޅު މަސްތުވާތަކެތި ބޭނުން ނުކުރާނެކަން މަންމައަށް މިއަދު ޔަގީންވޭ. ދަރިފުޅު ދެން ދުވަހަކު ވެސް ސިނގިރޭޓު ނުބޯނެކަން މަންމައަށް މިއަދު ކަށަވަރު. މި މަންމަ ދަރިފުޅަށް މިއަދު އިތުބާރުކުރަން. ޓީޗަރުން ވެސް ދަރިފުޅަށް އިތުބާރު ކުރާނެ. ގޯސް ކަންކަމަކީ ސަލާމަތް ނުވެވޭނެ ކަމެއް ނޫން. މަސައްކަތް ކޮށްފިނަމަ ދަރިފުޅު ފަދައިން ކޮންމެ ކުއްޖަކަށް ވެސް އެ ކަމަކުން ސަލާމަތްވެވިދާނެ." މަންމަގެ ކޮނޑުގައި ބޯއަޅާލައިގެން އޮތް ފިރާޝަށް އެ މަންމަ ނަސޭހަތް ދެމުން ދިޔައީ ވައި އަޑުންނެވެ. ފިރާޝް ސަމާލުކަން ދިނީ އެ ވާހަކަތައް އަޑުއެހުމަށް ވުރެ ބޮޑަށް އެ ނަސޭހަތްތައް ހިތުން ގަބޫލުކުރާށެވެ. އަދި އެއަށް އަމަލު ކުރާށެވެ.

"މަންމާ! މަންމަ ވާ ލޯބި އަހަރެންނަށް އިހްސާސް ކުރެވޭ! ބައްޕަ ނެތުމުން އެ ހިތާމަ މިއަދު އަހަރެންނަށް އެބަ ކުރެވޭ! އަހަރެން ދެކެ އެންމެ ލޯބިވީ ތިޔަ މަންމައާއި ބައްޕަ. މައިބަފައިން ނުބައި ނަސޭހަތެއް ދަރިންނަށް ނުދޭނެކަން މިއަދު އަހަރެން ގަބޫލުކުރަން" ފިރާޝަށް ރޮވޭ ގޮތްވިއެވެ.

" މަންމާ! އަހަރެންނަށް މައާފްކުރޭ! ދެން ދުވަހަކު ވެސް މަސްތުވާތަކެތީގެ ދަލުގައި އަހަރެންނެއް ނުޖެއްސޭނެ! އެއީ ހިތާމަތަކާއި އުނދަގޫތައް ތަހައްމަލުކުރާން އަހަރެންނަށް ޖެއްސި ކެހިވެރިއެއް. އެ މަގަށް އަހަރެން ގެންދިޔައީ މި ތުންފަތާ ގުޅުނު ދުންފަތް. ހުރިހާވެސް މައްސަލައަކީ މަންމައާއި ބައްޕައަށް ކަންކަން އެ ކަންކަން ސިއްރުކުރުން. އެކުވެރިންގެ ވާހަކަތަކަށް ހެއްލި، އަމިއްލަ ނަފުސުގެ ޒިންމާ އަހަރެންނަށް ނަގާން ނޭނގުން. އެކުވެރިންގެ ކުރިމަތީ ނޫނެކޭ ބުނަން ނުކެރުން. މިއަދު އެހެނެއް ނުވާނެ. ގޯސްކަމެއް އަހަރެން ލައްވައެއް ނުކުރުވޭނެ. އެއްވެސް މީހަކަށް އެ ކަމެއް ނުވާނެ." ފިރާޝްގެ ދުލުން މަންމައަށް ދިނީ ދުވަހަކުވެސް ދިފައިނުވާފަދަ ޔަގީންކަމެވެ. އެ ޔަގީންކަމުގެ ހިންހަމަ ޖެހުމާއެކު މަންމައަށް ބުނެވުނެވެ.

"ދަރިފުޅާ! ދަރިފުޅު ސަލާމަތްވީ ހަމަ ކިރިޔަކިރިޔާ. މަސްތުވާތަކެއްޗަށް ދެވި ނުހިފަނީސް މަންމަމެންނަށް އެކަން އެނގުންވީ މަންމަ ވެސް އަދި ދަރިފުޅުގެ ވެސް ނަސީބަށް. އެހެން ނޫންނަމަ މިދުވަހެއް ނުފެނީސް."

މަންމަގެ ވާހަކަތަކާ ނަސޭހަތްތަކާއެކު ފިރާޝް ހިނގައިގަތެވެ. އުފާވެރި މޫނަކާއެކު މާދަމާއަށް ހިނިތުންވަމުންނެވެ. މާޒީގެ ހަނދާންތަކުން އިބުރަތް ލިބިގަންނަމުންނެވެ. ކިރިޔަކިރިޔާ ވީ ސަލާމަތުން މުޅި ޢުމުރު ސަލާމަތްކުރުމުގެ ޢަޒުމާއެކުއެވެ. (ނިމުނީ)