ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެމްބަރު ކަމުން ވަކިކުރި މުހައްމަދު ޒާހިދު އިލެކްޝަންސް ކޮމިޝަންގެ ކޮމްޕްލެއިންސް ބިއުރޯގެ ވެރިޔާގެ މަގާމަށް އައްޔަންކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ބަލަން ފަށައިފިއެވެ.

މިމައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ބަލަން ފަށާފައިވާ ކަމަށް އެ ކޮމެޓީގެ މުގައްރިރު ރޮޒެއިނާ އާދަމް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ އިސްވެރިން މިއަދު މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކޮށް ދެއްކެވި ވާހަކައިގައެވެ.

ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމަށް ފާސްކޮށް އެޗްއާރުސީއެމްގެ މެމްބަރުކަމުން ވަކިކޮށްފައިވާ ޒާހިދު އިލެކްޝަންސް ކޮމިޝަންގެ ކޮމްޕްލެއިންސް ބިއުރޯގެ ވެރިޔާއަށް އައްޔަންކުރި މައްސަލައާ ގުޅިގެން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ކޮމިޝަންގެ ކޮމްޕްލެއިންސް ބިއުރޯގެ ވެރިޔާގެ މަގާމަށް ޒާހިދު އައްޔަންކޮށްފައިވަނީ އާންމުކޮށް ކޮމްޕްލެއިންސް ބިއުރޯއަށް އިއުލާންކުރި މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ތެރެއިން އިންޓަރވިއު ކުރުމަށްފަހު އިންޓަރވިއުއިން ނެގުނު ފަސްމީހުންގެ ތެރެއިން ކަމަށެވެ.

އަދި ޒާހިދު އެ މަގާމަށް އައްޔަންކުރީ ފަސް މީހުންގެ ތެރެއިން އެންމެ ތަޖުރިބާހުރި މީހެއްގެ ގޮތުގައި ޒާހިދު ކޮމިޝަންގައި ތިއްބެވި ފަސް މެމްބަރުންނަށް ފެނި އަދި ފަސް މެމްބަރުންގެ އިއްތިފާގުން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ދެން އެއްވެސް ހާލެއްގައި ޒާހިދަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުބާރު ނެތްކަމަށް ފާސްކޮށްފައިވާ ބޭފުޅެއް ކަމަށް ބަލައިގެން އެ ގޮތުގެ މަތީން ނަގާފައިވާ ބޭފުޅެއްނޫން. ހަމަ އާންމު އުސޫލުތަކުގެ ތެރެއިން އެކަމަށް ކަނަޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކުރިމަތިލައިގެން އިންޓަރވިއު ޕްރޮސެސްއަކުން އެޕްރޫވްވެގެން ޒާހިދު ނަގާފަ ހުރީ."
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް

އެކަމުގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މެމްބަރުން ނުވަތަ މަޖިލީހުގެ ރައީސް ދެކެވަޑައިގަންނަވާ ގޮތެއް ކޮމިޝަނާ ހިއްސާކުރުމަކީ ރަނގަޅު ގޮތެއްކަމަށް ގަބޫލުކުރައްވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.