ރ. އަތޮޅުގެ ރަށްތަކަކީ ކުށްމަދު އަމާން މާހައުލެއް ގާއިމްވެފައިވާ ރަށްތަކަކަށް ހެދުމަށްޓަކައި އެރަށްތަކުގައި ހާއްސަ ހަރަކާތްތަކެއް ހިންގައިފިއެވެ.

އެގޮތުން، އެއަތޮޅުތަކުގައި ފުލުހުންގެ ހިދުމަތްތައް ގާއިމްނުވާ ރަށްރަށުގައި ފުލުހުންގެ ދައުރު ފުޅާކުރުމުގެ މަސައްކަތެއްގެ ގޮތުން ރ. މާކުރަތުގައާއި ފައިނުގައި ފުލުހުންވނީ ހަރަކާތްތަކެއް ހިންގާފައެވެ.

އެދެ ރަށުގައިވެސް މިހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަމަހުގެ 21 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހާއި ހަމައަށެވެ.

މި ހަރަކާތުގައި އެދެރަށުގައިވެސް ކުށުވެ ވެށީގެ ހާލަތު ދެނެގަތުމުގެ މަސައްކަތް އެކި ވަގުތުތަކުގައި ޕެޓްރޯލްކޮށްގެން ކޮށްފައިވެއެވެ.

އަދި އެދެ ރަށުގައިވެސް ދުއްވާ އުޅަނދުތަކާއި ކަނޑުމަގުން ދުއްވާ އުޅަނދުފަހަރުގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މީގެއިތުރުން އެދެރަށުގައި އެކި ވިޔަފާރިތައް ކުރާ ފަރާތްތަކުގެ މައުލޫމާތުތަށް ހޯދައި، އެދެ ރަށުގައި ދިރިއުޅެމުންދާ ބިދޭސީންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތްވެސް ކޮށްފައިވެއެވެ.

މިހަރަކާތްތަކުގެ ތެރެއިން، ރަށުގެ އާންމު ރައްޔިތުންނާ ބައްދަލުކޮށް ފުލުހުންގެ މަސައްކަތްތަކާ ގުޅޭގޮތުން މުހިއްމު މައުލޫމާތު ފޯރުކޮށްދީފައި ވާއިރު، ކުށް މަދުުކުރުމަށް ރައްޔިތުންނާއި ފުލުހުންނާ ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވެއެވެ.

އެދެ ރަށުގައި ހިންގި ހަރަކާތްތަކުގެ ތެރެއިން މާކުރަތު ސްކޫލުގެ ޓީޗަރުންނަށް ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގަައި ފިޔަވަޅު އަޅަންވީ ގޮތްތަކާއި، ގެވެށި އަނިޔާއާ ބެހޭގޮތުން އެކި މަޢުލޫމާތުތައް ފޯރުކޮށްދީފައެވެ

ހަމައެހެންމެ މާކުރަތުގައިވާ މުއައްސަސާތަކާ ބައްދަލުކޮށް ޓްރެފިކް ޤާނޫނަށް އަލަށް ގެނެސްފައިވާ އިސްލާހުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

އަދި ފުލުހުންނާއި އެކިއެކި މުއައްސަސާތަކާ ގުޅިގެން އެ ރަށްތަކުގައި ކުށް މަދުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކޮށްފައިވެއެވެ.