ކޮވިޑް-19 އާއި ގުޅިގެން ސިއްހީ ދާއިރާގެ އެކިއެކި ކަންކަމަށް 1.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ކޮވިޑް-19އާ ގުޅިގެން މިދިޔަ ފެބްރުއަރީމަހުގެ 25 ގެ ނިޔަލަށް ސިއްހީ ދާއިރާއަށް ކޮށްފައިވާ ޚަރަދު ވަނީ 1.50 ބިލިއަން ރުފިޔާއަށް އަރާފައެވެ.
އެމުއްދަތުގައި ސިއްހީ ދާއިރާއަށް ކުރި ޚަރަދުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީއަށް ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއެވެ. އެ އޮތޯރިޓީއަށް ކޮށްފައިވާ ޚަރަދު 783.8 މިލިއަން ރުފިޔާއަށް އަރާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ދެވަނައަށް އެންމެ ބޮޑު ހޭދައެއް ހެލްތް މިނިސްޓްރީއަށް ކޮށްފައިވާއިރު، މި މުއްދަތުގައި ހެލްތް މިނިސްޓްރީއަށް ކޮށްފައިވާ ޚަރަދު 376.8 މިލިއަން ރުފިޔާއަށް އަރާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ތިންވަނައަށް އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލަށް 91.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
މިމުއްދަތުގައި އެންމެ ބޮޑު ޚަރަދެއް ކޮށްފައިވާ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އެ އޮތޯރިޓީގެ ޚިދުމަތް ދިނުމަށާއި، ޚިދުމަތް ދިނުމަށް ބޭނުންވާ ސާމާނު ހޯދުމަށެވެ. މިކަމަށް އެ އޮތޯރިޓީން ވަނީ 362.7 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.
އެ އޮތޯރިޓީގެ މުވައްޒަފުންނަށް އެލަވަންސް ދިނުމަށް 36 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަންވެސް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ދެވަނައަށް އެންމެ ބޮޑު ޚަރަދެއް ކޮށްފައިވާ ހެލްތް މިނިސްޓްރީންވެސް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ސިއްހީ ދާއިރާގެ ޚިދުމަތް ދިނުމަށާއި، ޚިދުމަތް ދިނުމަށް ބޭނުންވާ ސާމާނު ހޯދުމަށެވެ.
ހެލްތް މިނިސްޓްރީން މިކަމަށް 205.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ސިއްހީ ދާއިރާގެ މަސައްކަތްތެރިންނަށް އެލަވަންސް ދިނުމަށް 14.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަކުރެއެވެ.