• މިހާތަނަށް ވެކްސިން ދިން މީޙުންގެ އަދަދު 123،665 އަށް އަރައިފި
  • އެކްޓިވް ކޭސްގެ އަދަދު 2،605 ގައި، ހޮސްޕިޓަލްތަކުގަ 186 މީހުން

ރާއްޖެއިން އިތުރު 165 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓު ކުރެވުނީ 4،970 ސާމްޕަލް ކަމަށެވެ. އޭގެތެރެއިން ޕޮޒިޓިވްވީ 165 ސާމްޕަލްއެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 132 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 13 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭ ރަށްތަކަށެވެ. 19 މީހުން ނިސްބަތްވަނީ ރިސޯޓްތަކަށެވެ. އެކަކު ނިސްބަތްވަނީ ސިނާއީ މަސައްކަތްކުރާ ރަށަކަށެވެ.

އަލަށް ޕޮޒިޓިވްވި 165 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 20،144 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 127 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 17،470 އަށް އަރާފައެވެ.

އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 2،605 ގައެވެ. މީގެތެރެއިން 186 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް ބައްޔަށް ވެކްސިން ދިނުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިން މާލެ ސަރަހައްދުން މިއަދު 2،105 މީހަކަށް އަދި އަތޮޅުތެރެއިން 4،445 މީހަކަށް ވެކްސިން ދީފައިވާ ކަމަށެވެ.

މިއާއެކު، ރާއްޖެއިން މިހާތަނަށް ކޮވިޑް ވެކްސިން ދިން މީޙުންގެ އަދަދުވަނީ 123،665 އަރާފައެވެ. އެއީ، މާލެ ސަރަހައްދުން ވެކްސިންދިން 79،356 މީހުންނާއި، އަތޮޅުތެރެއިން ވެކްސިންދިން 44،309 މީހުންނެވެ.