އިންޑިއާގެ އަހްމަދުއާބާދުގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ސްޓޭޑިއަމް އަށް، އިންޑިއާގެ ޕްރައިމް މިނިސްޓަރ ނަރެންދްރަ މޯދީގެ ނަމުންނަންދީފިއެވެ.

ކުރިން ސަރްދާރް ޕަޓޭލްގެ ނަމުން ނަންދެވިފައިވާ މި ސްޓޭޑިއަމް މަރާމާތުކޮށް އަލުން ހުޅުވުމުގެކުރިން ބޭއްވުނު ރަސްމިއްޔާތެއްގައި މިކަން ހާމަކޮށްފައިވަނީ އިންޑިއާގެ ރައީސް ރާމްނާތް ކޮވިންދް އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޑިއާގެ ހޯމް މިނިސްޓަރ، އަމިތް ޝާހް ވިދާޅުވީ މި ސްޓޭޑިއަމަކީ ބޮޑުވަޒީރު ނަރެންދްރަ މޯދީ ގުޖުރާތް ސްޓޭޓުގެ ޗީފް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރުން ފެށިގެން ގެންގުޅުއްވި ހުވަފެނެއްކަމަށެވެ. އަދި މިއީ ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ސްޓޭޑިއަމް ގުޖުރާތުގައި އެޅުމަށް ދެކުނު ހުވަފެނުގައި ހަގީގީ ކުލަޖެހުން ކަމަށްވެސް އަމިތް ޝާހް ވިދާޅުވިއެވެ.

100 މިލިއަން ޑޮލަރަށްވުރެ ބޮޑު ހަރަދެއް ހޭދަކޮށްގެން ހެދި މިސްޓޭޑިއަމުގައި 110،000 މީހުންގެ ޖާގަހުންނައިރު މިއީ މީގެކުރިން އެންމެ ބޮޑު ސްޓޭޑިއަމެއްގެ ގޮތުގައިހުރި އޮސްޓްރޭލިއާގެ މެލްބޯން ކްރިކެޓް ސްޓޭޑިއަމްގެ ޖާގައަށްވުރެ 10،000 މީހުންގެ ޖާގަ އިތުރު ސްޓޭޑިއަމެކެވެ. ކޮންމެ ދިމާލެއްގައިހުރި ސީޓެއްގައި މެޗުބަލަން އިންކަމުގައިވީނަމަވެސް ވަރަށް ފުރިހަމަ "ވިއު" އެއް ލިބިގެންދާނެ މި ސްޓޭޑިއަމް ފަރުމާކޮށްފައިވަނީ ވަށްކޮށެވެ. އަދި މި ސްޓޭޑިއަމްގެ ސީޓުތަކުގެ ކުލައަކީ އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ޖާޒީގެ ކުލަތައްކަމަށް އެގައުމުގެ މީޑިއާއިން ބުނެއެވެ.

2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް، ޑޮނާލްޑް ޓްރަމް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުވެސް ބޭއްވިފައިވަނީ މި ސްޓޭޑިއަމްގައެވެ. އެހެންނަމަވެސް އޭރު މި ސްޓޭޑިއަމްއަށް ކިޔަނީ ސަރްދާރް ވައްލައްބާއީ ޕަޓޭލް ކްރިކެޓް ސްޓޭޑިއަމް އެވެ. ކުރިން މި ސްޓޭޑިއަމްއަށް ނަންދެވިފައިވަނީ އިންޑިއާގެ އެންމެ ފުރަތަމަ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ސަރްދާރް ވައްލައްބާއީ ޕަޓޭލްގެ ނަމުންނެވެ.

ދަނޑު ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޑިއާގެ ރައީސް ކޮވިންދް ވިދާޅުވީ ޕްރައިމް މިނިސްޓަރ މޯދީގެ ނަމުން އަލުން މިދަނޑު ރީބްރޭންޑް ކުރެވިގެން ދިޔަނަމަވެސް މިދަނޑަކީ ސަރްދާރް ޕަޓޭލް އިންޑިއާގެ ކުޅިވަރަށް ކޮށްދީފައިވާ އަގުހުރި މަސައްކަތުގެ ރަމްޒެއްގެ ގޮތުގައި ތާއަބަދަށް ފެންނަންހުންނާނެ ތަނެއްކަމަށެވެ.

1.3 މިލިއަން މީހުން ނިސްބަތްވާ އިންޑިއާގެ އާބާދީގެ ބޮޑުބައެއް ކްރިކެޓަށް ލޯބިކުރިނަމަވެސް މިހާރުވެސް އެގައުމުގައި ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވޭނެ ފެންވަރުގެ އެތައް ސްޓޭޑިއަމެއް މިހާރުވެސް އެބަހުއްޓެވެ. މިފަދަ އެތައް ސްޓޭޑިއަމެއް މިހާރުވެސް އިންޑިއާގައި ހުއްޓާ، އިންޑިއާގައި ފަގީރުކަން ނައްތާލަން މަސައްކަތްކުރުމުގެ ބަދަލުގައި ކުޅިވަރަށް މިވަރުގެ ބޮޑު ހޭދައެއް ކުރުމުން އިންޑިއާގެ އިދިކޮޅު ޕާޓީތަކުން ދަނީ ޕްރައިމް މިނިސްޓަރ މޯދީއަށް ފާޑުކިޔަމުންނެވެ.