ތިލަފުށީގެ ގޮނޑުގައި މެހި އާލާވުން ހުއްޓުވުމާއި ދުން އެރުން ހުއްޓުވުމަށްޓަކައި މިދިޔަ އަހަރު ކުރި ޕްލޭންއާއި އެއްގޮތަށް އެ މަސައްކަތް ނުކުރެވުނީ މެޝިނަރީތައް ހަދާ ކާރުޚާނާތަކުގެ އޮޕަރޭޝަން ހުއްޓުމަކަށް އައުމާ ގުޅިގެންކަމަށް އެންވައިރަމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރަނގަޅު ފެންވަރެއްގައި ކުނި ނައްތާލާ ނިޒާމެއް ގާއިމްކުރުމަކީ ސަރުކާރުގެ ވައުދެއްކަމަށް ވާއިރު ސަރުކާރަށް 2 އަހަރުވާން ގާތްވިއިރުގައިވެސް މިކަމަށް އަދިވެސް ހައްލެއްނުލިބި ތިލަފުށީގައި މެހި އާލާވެ ދުންއެރުމުގެ މައްސަލަ ހައްލުނުވެގެން އުޅެނީ ކީއްވެގެންތޯއާއި އަދި އެންވައިރަމެންޓް މިނިސްޓްރީން ކުރަމުންދަނީ ކޮން މަސައްކަތެއްތޯ ބެލުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލުގެ ޖަވާބުގައެވެ.
މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ތިލަފުށީގެ ގޮނޑުގައި މެހި އާލާވުން ހުއްޓުވުމާއި ދުން އެރުން ހުއްޓުވުމަށް 2020 ވަނަ އަހަރު މިނިސްޓްރީން ޕްލޭންކޮށްފައި ވީނަމަވެސް އެކަން ނުކުރެވުނީ ކޮވިޑު-19 ޕެންޑަމިކްގެ ސަބަބުން ދުނިޔޭގެ ގައުމުތައް ބަންދުކޮށް މިކަމަށް ކަނޑައެޅި މެޝިނަރީތައް ހަދާ ކާރުޚާނާތަކުގެ އޮޕަރޭޝަން ހުއްޓުމަކަށް އައުމާ ގުޅިގެން ކަމަށް މެޝިނަރީތައް ރާއްޖެ ނުގެނެވިގެން ކަމަށެވެ.
ތިލަފުށީގައި މެހި އާލާވެ ކުނީގެ މައްސަލަ ހައްލުނުވެ އޮތުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ތިލަފުށްޓަކީ 1997 ވަނަ އަހަރުން ފެށިގެން ކުނިގެންގޮސް ޖަމާކޮށް ހާމައަށް ކުނި އަންދަމުންދާ ރަށެއްގެ ގޮތުގައި ހަދާފައިވާ އެންމެ ބޮޑު އެއް ރަށް ކަމަށާއި ތިލަފުށީގައި މެހި އާލާވެ ދުންއެރުމުގެ މައްސަލަ ހައްލުނުވެގެން އުޅޭ އެންމެ ބޮޑު ސަބަބަކީ މިކަން ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްކަތަކީ ނިސްބަތުން ބޮޑު ޚަރަދުވެސް ބޮޑު މަސައްކަތަކަށް ވުމުން ކަމަށެވެ.
އެހެންކަމުން މިފަދަ ހާލަތެއްގައި އެތަނަށް ސީދާ ފެން އަޅައިގެން އަލިފާން ނިއްވާލަން އުޅުމަކީ އޭގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގައިދާނެ ކަމެއްކަމުގައި މިކަމުގެ މާހިރުން ވިދާޅުވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.