"ސޭފް ސްކޫލްސް ޑެކްލަރޭޝަން" ގައި ދިވެހިރާއްޖެއިން ބައިވެރިވުމާމެދު ރައްޔިތުންގެ މަޖިލީހުން ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައިވާ ސިޓީ މިއަދުގެ ޖަލްސާގައި އިއްވަވައިދެއްވަމުން މަޖިލީހުގެ އަމީންއާންމު ވިދާޅުވީ، އަސްކަރީ ހަމަނުޖެހުންތަކުން ދަރިވަރުންނާއި މުދައްރިސުން އަދި މަދަރުސާތަކާއި ޔުނިވަރސިޓީތައް ރައްކާތެރިކުރުމަށް ސިޔާސީގޮތުން ލާޒިމްކުރާ "ސޭފް ސްކޫލްސް ޑެކްލަރޭޝަން" ގައި ބައިވެރިވުމާ ގުޅޭގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުގައި ބޭއްވުނު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރުމަށްފަހު "ސޭފް ސްކޫލްސް ޑެކްލަރޭޝަން" ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ފެންނަ ކަމަށް ނިންމާފައިވާ ކަމަށެވެ.

މި ޑެކްލަރޭޝަންގައި އަސްކަރީ ހަމަނުޖެހުންތަކާއި ހަނގުރާމަތަކާ ގުޅިގެން ތައުލީމީ ދާއިރާއަށް ކުރާ ތަފާތު ނޭދެވޭ އަސަރުތައް ފާހަގަކޮށް، މެދުކެނޑުމެއް ނެތް ގޮތެއްގައި ތައުލީމީ ޚިދުމަތްތައް ދިނުމަށް ބާރުއެޅޭނެއެވެ.