މިމަހު 21 ގައި ދިރާގު ދިވެހި ޕްރިމިއަރ ލީގު އަލުން ފެށުމަށް މަސައްކަތްކުރަމުން އަންނަކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އޮންލައިން މީޑިއާއަކަށް މައުލޫމާތުދެމުން ޖަވާ ވިދާޅުވީ ލީގު އަލުން ފަށަން އެފްއޭއެމުން އަމާޒުހިފާފައިވާ ދުވަހަކީ މި މަހުގެ 21 ވަނަ ދުވަސް ކަމަށެވެ. އެހެންނަމަވެސް މިދުވަހަށް ލީގު ފެށޭނީ ނުވަތަ ފެށޭނެ ވަކިދުވަހެއް ޔަގީންކަމާއިއެކު ބުނަން އެނގޭނީ، މާލޭގައި ކޮވިޑްގެ ހާލަތައް ބަދަލު އަންނަގޮތަށް ބެލުމަށްފަހު އެޗްޕީއޭގެ މަޝްވަރާތަކުގެ މަތިން ކަމަށެވެ. ނަމަވެސް އަންނަ އޭޕްރީލް މަހު އޭއެފްސީ ކަޕުގެ ކޮލިފައިންގ ބުރު ފަށަން ތާވަލުކޮށްފައި އޮތުމާއެކު، އެ ހުރިހާ ކަމަކަމަށް ބަލަން ޖެހޭ ކަމަށްވެސް ޖަވާޒް ވިދާޅުވިއެވެ.

ލީގު އަލުން ފެށުމުގެ މަސައްކަތް އެފްއޭއެމްއިން ކުރަމުން އަންނައިރު، އާދިއްތަ ދުވަހުންފެށިގެން ޕްރިމިއަރ ލީގުގެ ކުލަބުތަކަށް ފަރިތަކުރުންތައް ފެށުމުގެ ހުއްދަވަނީ ދީފައެވެ. އަދި ފަރިތަކުރުންތައް ފަށާ، ލީގު އަލުންފެށުމުގެ އުންމީދުގައި ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުގެ ހުރިހާ އޮފިޝަލުންނާއި ކުޅުންތެރިންވަނީ މިހާރު ވެކްސިންގެ ފުރަތަމަ ޑޯޒުވެސް ފުރިހަމަކޮށްފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ނިންމީ ކޮވިޑުގެ ކޭސްތައް މާލެ ސިޓީގައި އިތުރުވުމާއެކު އެޗްޕީއޭއިން ނެރުނު އައު އުސޫލުތަކާ ގުޅިގެން ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހުއެވެ. އަދި ކުއްލިއަކަށް ލީގު މެދުކަނޑާލަން ނިންމުމާއި ގުޅިގެން ފުރަތަމަ ޑިވިޝަނުގައި ކުޅޭ ކުލަބުތަކުގެ ކުޅުންތެރިންނާއި ކުލަބުތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ދެވަނަ ބުރުގެ މެދުތެރެއިން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ވަގުތީ ގޮތުން މެދުކަނޑާލިއިރު، މި ސީޒަން ފެށުމަށް އެންމެ ފުރަތަމަ ކުލަބުތަކުން އޮކްޓޯބަރު މަހު ފަރިތަކުރުންތައް ފެށީވެސް އެފްއޭއެމާއި އެޗްޕީއޭ ގުޅިގެން އެކުލަވާލި ހާއްސަ އުސޫލުތަކެއްގެ ދަށުންނެވެ. އަދި އޭގެ ފަހުން އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން މި ސީޒަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުއެވެ. އެގޮތުން ޗެރިޓީ ޝީލްޑް މެޗުން ސީޒަން ފެށިއިރު، ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށާފައިވަނީ އެ މަހުގެ 13 ވަނަ ދުވަހުއެވެ.

އަދި ދެވަނަ ބުރުގެ މެދުތެރެއިން ލީގު މެދުކަނޑާލިއިރު، މިހާތަނަށް ލީގުގައި ވަނީ ޖުމްލަ 34 މެޗު ކުޅެފައެވެ. ލީގު މެދުކަނޑާލުމާއި ހަމައަށް ކުޅުނު މެޗުތަކުގެ ނަތީޖާތަކަށް ބަލާލާއިރު ތާވަލުގެ އެއްވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. އެޓީމަށް ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ކުލަބު ވެލެންސިއާ އާއި ތިންވަނައިގައި އޮތް ދަ ގްރާންޑޭއަށް ނުވަ މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.