އިންޑިއާގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުގެ އިސްތިއުފާއަށް އެތައްހާސް ބަޔަކު ގޮވާލަމުން އެބަގެންދެއެވެ.
އިންޑިއާގެ އުއްތަމަ ފަނޑިޔާރު ޝަރަދް އަރްވިންދު ބޮބްޅޭގެ އިސްތިއުފާއަށް އެތައްހާސް ބަޔަކު ގޮވާލަމުން ގެންދަނީ، ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތެއްގައި، ސްކޫލް ކުއްޖަކު ރޭޕްކުރިކަމުގެ ތުހުމަތު ކުރެވިފައިވާ މީހެއްގާތު، އެ އަންހެން ކުއްޖާއާ އިންނަން އެއްބަސް ވެދާނަންތޯ ސުވާލު ކުރެއްވުމުންނެވެ.
ރޭޕްގެ ޝިކާރައަކަށް ވެފައިވާ ސްކޫލް ކުއްޖާއާ ކައިވެނިކުރަން އެއްބަސްވާނަމަ، ރޭޕްގެ ތުހުމަތު ކުރެވިފައިވާ މީހާ ޖަލުގެ އަދަބުން ސަލާމަތް ކުރެވިދާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ބޮބްޅޭގެ ވާހަކަތައް މީޑިއާއިން ރިޕޯޓްކުރުމާއެކު، އިންޑިއާގައި އެތައްހާސް ބައެއްގެ ރުޅިގަނޑު ކެކި އުތުރިއަރައިގެން ގޮސްފައި ވެއެވެ.
އަދި އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ އެކްޓިވިސްޓުންވަނީ، އުއްތަމަ ފަނޑިޔާރު ބޮބްޅޭ ވަގުތުން އިސްތިއުފާ ދެއްވުމަށް ގޮވާލައި، ސިޓީއެއްވެސް އާންމުކޮށްފައެވެ.
މިކަމުގައި އިސްކޮށްއުޅޭ ވަނީ ސުބްރަމާނިއަން ބުނީ، އުއްތަމަ ފަނޑިޔާރުގެ އިސްތިއުފާއަށް ގޮވާލައި އާންމުކޮށްފައިވާ ސިޓީގައި މިހާތަނަށް 5،000 އަށްވުރެ ގިނަމީހުން ސޮއިކޮށްފައިވާ ކަމަށެވެ.
ސިޓީގައި އިތުރުކަމެއްވެސް ފާހަގަކޮށްފައި ވެއެވެ. އެއީ، ފިރިހެންމީހާ ގަދަކަމުން ކުރިޔަސް، ކައިވެނިކޮށްގެން އުޅޭ ދެމަފިރިއެއްގެ ދެމެދުގައި ހިންގާ ޖިންސީ ގުޅުމެއް އެއްވެސް ގޮތަކުން ރޭޕަކަށް ވެދާނެތޯ، ހޯމަދުވަހު އޮތް ޝަރީއަތެއްގައި އުއްތަމަ ފަނޑިޔާރު ބޮބްޅޭ ސުވާލު ކުރެއްވި މައްސަލައެވެ.
އިންޑިއާއަކީ ރޭޕްގެ މައްސަލަތައް ވަރަށްބޮޑު ގައުމެކެވެ. ރޭޕްކުރުމުގެ ރެކޯޑު މަތި ގައުމެކެވެ.
އިންޑިއާގެ ރޭޕްގެ މައްސަލަތައް ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވަނީ، 2012 ވަނަ އަހަރު ނިއުދިއްލީގައި ބަހެއްގެ ތެރޭގަ ގްރޫޕަކުން ކިޔަވާކުއްޖަކު ރޭޕްކޮށް މަރާލި މައްސަލައަށް ފަހުގައެވެ. އެ ހާދިސާއާ ގުޅިގެން މުޅި އިންޑިއާގައި ވަރުގަދަ މުޒާހަރާތަކެއް ފެށިގެންދިޔައެވެ.
ރޭޕްގެ ޝިކާރައަކަށްވާ އަންހެން ކުދިންނާއި އަންހެނުންނަށް ފުލުހުންނާއި، ކޯޓުތަކުގައި ކުރިމަތިލާންޖެހެނީ ވަރަށް ހިތްދަތި ގޮތްތަކެކެވެ.
ފުލުހުންނާއި ކޯޓުތަކުންވެސް، ގިނަ ފަހަރަށް ބާރުއަޅައި ހިތްވަރުދެނީ މައްސަލައިގެ ހައްލަކަށް ރޭޕްކުރި މީހުންނާ ކައިވެނިކުރުމަށެވެ.