ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ހައްގުތައް ރައްކާތެރިކުރުން ހަރުދަނާކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ގަރާރެއް ހުށަހަޅުއްވައިފިއެވެ.

މި ގަރާރު ހުށަހަޅުއްވާ ދެއްވަމުން މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، މި ގަރާރަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުން މިހާރަށް ވުރެ ބޮޑަށް ހަރުދަނާކުރުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއްދިނުމަށް އިލްތިމާސްކުރުމަށްޓަކައި ހުށަހަޅާ ގަރާރެއް ކަަމަށެވެ.

ދިވެހިރާއްޖެއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި އެކުލަވާލާފައިވާ ބައިނަލްއަގްވާމީ މުއާހަދާ "ކޮންވެންޝަން އޮންދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސްއޭބިލިޓީސް" ގަ ސޮއިކޮށްފައިވާ ގައުމަކަށްވާއިރު، އެ ގާނޫނުން ކޮންމެހެން ލާޒިމްކުރާ ބައެއްކަންކަން އެންމެ އެދެވޭ ގޮތުގައި ކުރެވިފައި ނެތުމުގެ ސަބަބުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރި ނުކުރެވުމާއި އެފަދަ އާއިލާތަކަށް ބަރުދާސްތުކުރަންޖެހޭ ވޭންތަކާއި ގޮންޖެހުންތައް އިތުރުވެ މުޖުތަމައުގައި އިތުރަށް ހަވާސާވަމުންދާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އެނގޭނެފަދަ ދަފްތަރެއް އެކުލަވާލެވިފައި ނެތުމާއި ފަރުވާ ފޯރުކޮށްދިނުމާއި އަރލީ އިންޓަވެންޝަނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދެވޭނެ ނިޒާމެއް ނެތުމާއި ޕިޒިއޮތެރަޕީ އާއި ސްޕީޗް ތެރަޕީ ފަދަ ފަރުވާތައް އަގުބޮޑުވުމާއި އާސަންދާގައި ނުހިމެނުމާއި އެންސްޕާއިން އެހީ ލިބުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި."
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު

އާދަމް ޝަރީފް ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދިމާވާ ޖިންސީ ގޯނާއާއި އަދި އެބާވަތުގެ އެތައް ކަމެއްގަ ހައްލު ހޯދުމުގަ ގާނޫނީ ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ވިލަރެސްކުރުން އެއް މުއައްސަސާއަކުން ބެލެހެއްޓުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމުގައި ދެކި އެކަންކަން ރަނގަޅު ކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.