ކޮންމެ ގޮތަކުން ލިބުނަސް ސެޓްފިކެޓަކީ ވަރަށް ބޮޑު ފަޚްރެކެވެ. އުފާވެރިކަން ލިއްބައިދޭ ޝަރަފެއް ކަމުގައިވެސް މި ފަދަ ސެޓްފިކެޓްތައް ހިމެނެއެވެ.
އެހެން ނަމަވެސް ވެކްސިން ޖަހައިގެން ލިބޭ ސެޓްފިކެޓަކީ އޭގެ ބޭނުން ކުރެވޭ އެއްޗެއްތޯ ނުވަތަ ރަންގަނޑެކޭ ހިލަގަނޑެކޭ އެއްވަރޭ ބުނާފަދަ އެއްޗަކަށްވުމަކީ އެއްވެސް މީހަކު އެދޭނެ ކަމެއް ނޫނެވެ. މިގޮތަށް ކާރފިއުގަޑީގެ ފާސްތައްވެސް ބައެއްފަހަރު ފެންނަތަން އާދެއެވެ.
ޔޫރަޕުގެ ކޮމިޝަނުން ޑިޖިޓަލް ގްރީން ޕާސްގެ ނަމުގައި ކޮވިޑް-19 ޕާސްޕޯރޓެއް އުފެއްދުމަށް މަސައްކަތްކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ. އެއީ ހަމައެކަނި ވެކްސިން ޖަހައިގެން ތިބި މީހުނަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރެވޭނެ ގޮތެއް ހޯދައިދިނުމުގެ އަމާޒުގައެވެ.
ޔޫރަޕުގެ މި ފިޔަވަޅަކީ ވަރަށް ގިނަ ފާޑުކިޔުންތައް އެއަށް އަމާޒުވެގެން މިހާރުވެސް ދެބަސްވަމުން އަންނަ މައްސަލައެކެވެ. އެއީ ފަސޭހަ ގޮތެއްގައި އެ ވެކްސިން ނުލިބޭ މީހުނާއިމެދު ތަފާތު ކުރުންތަކެއް އޮތުމުގެ ފުރުޞަތު ބޮޑުކަމުންނެވެ.
ކޮމިޝަންގެ ރައީސާ އުރުސުލާ ވޮންޑަރ ލޭޔަން ވިދާޅުވީ މިމަހު ޤާނޫނީ ހުށަހެޅުމެއް ޔޫރަޕުގެ ޕާރލަމެންޓަށް ހުށަހަޅުއްވާނެ ކަމުގައެވެ. އަދި މަޤްޞަދަކީ ވެކްސިން ޖަހައިގެންތިބި މީހުން ޔޫރަޕުގެ އިއްތިޙާދުގެ ތެރޭގަޔާއި ޤައުމުން ބޭރަށް ދަތުރުފަތުރު މަޑުމަޑުން ހުޅުވައިލަދިނުން ކަމުގައެވެ.
ފަހުން ކުރެއްވި ޓްވީޓެއްގައި އެ ބަޔާނަށް އިތުރަށް އަލިއަޅުވައިވައްލަވާ ވިދާޅުވީ އެއީ ފަތުރުވެރިކަމަށް ވިޔަސް އަދި މަސައްކަތަށްވިޔަސް ތަންތަނަށް ދިއުމަށް މަގުފަހިކޮށްދިނުން ކަމުގައެވެ.
މި ޑިޖިޓަލް ޕާހަކީ ކޮވިޑް-19 ޕާސްޕޯރޓް އޮތް މީހާއަކީ ވެކްސިން ޖަހައިގެން ހުރި މީހެއްކަން ކަށަވަރު ކޮށްދިނުމެވެ. އަދި ވެކްސިން ނުޖަހައި ހުރި މީހުން ވަކިކޮށްދޭ ޓޭސްޓުތަކުގެ ނަތީޖާއެއްގެ ގޮތުގައެވެ. މީގެ އިތުރުން ކޮވިޑް-19އިން ރައްކާތެރިވަމުން އަންނަ ކަމުގެ މައުލޫމާތުވެސް އޮތުން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އެއީ ތަފާސް ހިސާބުތަކާއި ސަލާމާތާއި ޒާތީ ފިޠުރަތުގެ ރައްކާތެރިކަމަށް ކުރެވޭ އިޙުތިރާމަކަށްވެސް ވާނެކަމުގައެވެ.
މިކަމުގައި މާބޮޑު ޙައިރާން ކަމެއްނެތި ފެންނަނީ ޔޫރަޕުގެ ހުރިހާ މެމްބަރު ޤައުމުތަކަށް މިފަޔަވަޅު ހަމަހަމަކަމެއް ނުދޭތަނެވެ. ފަތުރުވެރިކަމަށް ބަރޯސާވެގެން އޮންނަ ގްރީސްގައިވަނީ އެމީހުންގެ އަމިއްލަ ކޮވިޑް-19 ޕާސްޕޯރޓެއް ހަދައިފައެވެ. އޭގައި ގްރީސްގެ ރަށްތަށް ހޫނު މޫސުމަށް ހުޅުވައިލެވޭނެ ނަޒަރަކަށް ބަލައިގެންނެވެ.
އިޓަލީގެ ސާރޑީނިއާއަކީ މިވަގުތު އެ ޤައުމުގައި އޮތް ހަމައެކަނި ވައިޓް ޒޯންގެ ގޮތުގައި އޮތް ރަށެވެ. އެއީ އެ ރަށުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކާއި އެކު އެރަށަށް ވަންނަ މީހަކީވެސް ބަލީގެ ކޮންޓްރޯލް ޤަވާޢިދުގެ ތެރޭގައި ހުރެވޭ ރަށެވެ. އަދި އެރަށަށް ފައިބާ މީހަކީވެސް ވެކްސިން ޖަހައިފައިވާ މީހަކަށް ވާންޖެހޭނެކަމަށް އެރަށުން ބުނެއެވެ.
ޕޮލެންޑާއި ޗެކް ރިޕަބްލިކް އަދި އިޓަލީއާއި ސްޕެއިން އަދި ޕޯރޗެގަލުންވެސްވަނީ އެ ޤައުމުތަކުގެ ޞިއްޙަތާއިބެހޭ ޤައުމީ އޮނިގަނޑުގެ ތެރެއިން ޤައުމީ ސެޓްފިކެޓްތަކެއް ދޫކުރަން ފަށައިފައެވެ. ވެކްސިން ފުރިހަމަކޮށްފައިވާ މީހުނަށް ދޫކުރާ މި ސެޓްފިކެޓަކީ ތޮށިން ބޭރުގައި ނުވަތަ ފަރުބޭރުން ޤަބޫލުކުރާ އެއްޗަކަށް ނުވެއެވެ.
ސްޕެއިންއާއި އިޓަލީން ވަނީ ޔޫރަޕުގެ ފުޅާދައިރާގެ މި ފިޔަވަޅުތަކަށް މަރުޙަބާ ކިޔައިފައެވެ. އެހެން ނަމަވެސް ވެކްސިން ދޭންފެށުމާއި އެކު އުނދަގޫ ކުރިމަތިލުންތަކެއްގައި އުޅެން ޖެހިފައިވެއެވެ. އެކަމަކު އެ އުނދަގޫތަކާއި އެކުވެސް މި ދެޤައުމުންވަނީ ކޮވިޑް-19 ޕާސްޕޯރޓަށް ނުރުހުން ފާޅުކޮށް އެކަމުން މަގުފަހިވާނީ ތަފާތުކުރުންތަކަށް ކަމަށް ބުނެފައެވެ.
ވަރަށް ގިނަ އެހެން ޤައުމުތަކުންވެސް ވަކަލާތު ކުރަމުންދަނީ ކޮވިޑްގެ ރައްކަތެރިކަން ކަށަވަރުކޮށްދޭ ހެކިތައް ބަޔާންކޮށްދިނުމަށެވެ. އެގޮތުން ވެކްސިން ޖަހައިގެން ތިބޭ މީހުން ނޮވިޑް ކޮރޯނާ ވައިރަސް ނުފަތުރާނެކަން ކަށަވަރުކޮށްދޭން ޖެހޭނެ ކަމުގައެވެ. ނަމަވެސް މިކަމަކީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއާއި ޞިއްޙީ ދާއިރާގައި އެންމެ ބޮޑަށް ތަޞައްރަފް ފުދިފައިވާ މުޖުތަމަޢުތަކުން ތަފްޞީލުކޮށްދޭން ޖެހިފައިވާ ކަމެކެވެ.
ޖެނުއަރީމަހު ޔޫރަޕުގެ އިއްތިޙާދުން އެއްބަސްވެފައިވަނީ ދަހަމަލައިގެ ނިޒާމުގެ ތެރެއިން ޔޫރަޕުގައި ވެކްސިން ދިންކަމުގެ ސެޓްފިކެޓެއްގެ ކަންކަން ހަމަޖެއްސުމަށެވެ. ނަމަވެސް އަލަށް މި އެކުލަަވއިލާ ޤާނޫނަކީ ޔޫރަޕުން ބޭރަށްވެސް މި ސެޓްފިކެޓް ފުޅާކުރެވިގެންދާނެ ފުރުޞަތު ހުޅުވައިލަދޭނެ ޤާނޫނެކެވެ. އަދި ދޭސީންގެ އިތުރުން ފަރުދޭސީންނަށްވެސް އެމީހުން ވެކްސިން ޖަހައިފައިވާކަމުގެ ހެކި ކަރަންޓީނަކާއި ނުލައި ޔޫރަޕަށް ވަނުމަށް ހުރަހެއް ނޯންނާނެއެވެ.
ވޮންޑަރ ލޭޔަން އަދިވެސް ވިދާޅުވެފައިވަނީ އޭނާ ޤަބޫލުކުރައްވާ ގޮތުގައި މި ހޫނުމޫސުމުގެ ތެރޭގައި ޔޫރަޕުގެ އާބާދީގެ 70 އިންސައްތައަށް ވެކްސިން ދެވޭނެއެވެ. އަދި ވިދާޅުވީ އެއީ އެ ލަނޑުދަނޑިއަށް ވާޞިލުވެވިދާނެކަމުގެ އިތުބާރު ވަރަށް ބޮޑު މަސައްކަތެއް ކަމުގައެވެ.
ރާއްޖޭގައިވެސް ކޮވިޑް ވެކްސިން ޖެހިކަމުގެ ސެޓްފިކެޓެއް ނުވަތަ ކާޑެއް ތަޢާރަފްކޮށް ވެކްސިން ޖަހާ ކޮންމެ މީހަކަށް ދެއެވެ. އަދި މިކާޑަކީ ވެކްސިން ޖެހި މީހާއަށް ހިތްހަމަޖެހުމެއް ގެނެސްދޭ ކަމެއްތޯ ނުވަތަ ނޫންތޯ އެއީ އަދި އޮޅުންފިލުވަންހުރި ކަންކަމެވެ. ނަމަވެސް އެކަކު އަނެކަކާއި ބައްދަލުވާ ކޮންމެ ފަހަރަކު ވެކްސިން ޖެހިމީހާ އަނެކާ ހުރީ ވެކްސިން ޖަހައިގެންތޯ ސުވާލު ކުރުމާއި އޭނާ ވެކްސިން ޖަހައިގެން ހުރިކަން ދައްކައިދިނުމުގެ ގޮތުން ވެކްސިން ސެންޓަރުންދިން ކާޑު ދައްކައިލުން އެއީ އާންމު ކަމެކެވެ.
ނަމަވެސް ޤާނޫނީ ގޮތުން ނެރެފައިވާ އަމުރެއްގައި އެކާޑުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ކުރެވޭތޯއެވެ؟ ނުވަތަ އެ ކާޑަކީ ކަރަންޓީނުން ސަލާމަތްވާ ކާޑެއްތޯއެވެ. ނުވަތަ ތަނަކަށް ދާންވެއްޖެނަމަ ޕީސީއާރު ޓެސްޓު ނުކޮށް އެ ކާރޑަކީ ދަތުރުފަތުރުކުރުމުގެ ހުއްދަދޭ ލައިސަންސެއްތޯއެވެ؟
މި ސުވާލުތަކުގެ ޖަވާބު ހޯދުމުގައި އުނދަގޫ އުފުލަން ޖެހުމަކީ ހަތްހަތަވަޅުން ގާނެގުންފަދަ ބުރަ ކަމެކެވެ. ސާފު ޖަވާބެއް ލިބޭނެ ކަމުގެ ޔަޤީންކަމެއްވެސް ނޯވެއެވެ. ނަމަވެސް ސާފުވާ ހަމައެކަނީ ކަމަކީ ވެކްސިން ޖެހި ނަމަވެސް އެމީހަކީ ކޮވިޑް ނުފަތުރާ މީހެއް ނޫންކަން ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިންވެސް އަދި ޞިއްޙީ މާހިރުންގެ ފަރާތުންވެސް އަދި ޔަޤީންކޮށްދީފައި ނުވާކަމެވެ.
މީގެ އިތުރުން މިގޮތަށް ދޫކުރާ ފާސްތަކާއި ހުއްދަތައް ބޭނުންކުރުމުގައި އޮންނަ އުޞޫލުގެ ތެރެއިންވެސް ބައެއްފަހަރު ތަކުލީފުތަކާއި ކުރިމަތިލާން ޖެހެއެވެ. ބައެއް ފަހަރު އެފަދަ ތަކެއްޗާއި ބެހޭގޮތުން ތަންފީޒުކުރައްވަން މަގުމަތީގައި ތިއްބަވާ ބޭފުޅުން ކުރައްވާ ސުވާލުތަކަކީ އަނެކާ ބިރު ގެންނެވުމުގެ މަޤުޞަދުގައި ކުރާ ކަމެކޭވެސް ހީވާ ފަހަރު އާދެއެވެ. މިސާލަކަށް ކާފިއުގަޑީގައި ބޭރުގައި އުޅުމުގެ ހުއްދަދީފައިވާ މީހަކު މަގުމަތީގައި އުޅެނިކޮށް ފުލުހުން ސުވާލުކުރާއިރު ކާޑު ފެންނަން އޮވެ އަދި ދެއްކުމުންވެސް އެމީހެއްގެ އައިޑީ ކާރޑުގެ ނަމްބަރު ހޯއްދެވުމަށް ބޭނުންފުޅުވުމާއި އެމީހާގެ ނުވަތަ އޭނާ އަރައިއިން އުޅަނދުގެ ނަމްބަރާއިއެކު ފޮޓޯނެގުންފަދަ ކަންކަމަކީ ބިރު ދެއްކުން ނޫނީ އެހެން ކޮންކަމެއް ބާވައޭ ހީވާފަހަރު އާދެއެވެ.
އަދި ބައެއް ފަހަރު ހުއްދަ އޮތްތޯ ސުވާލު ކުރުމެއްނެތި ދަނީ ކޮންތާކަށްތޯ، ކޮންތާކުންތޯ އަހައި މަގުމަތީގައި އުޅުމަކީ މަނާކަމެއްކަމާއި އަދި ޖޫރިމަނާ ކުރެވިދާނެކަމަށް ބުނުމަކީ އެކަން ކުރި އާންމު އިޢުލާނުން އަނެކާއަށް ނޭނގި އޮތް ކަމެއް ނޫންކަން ނޭނގި ތިއްބަވައިގެންވެސް ބިރު ދެއްކުން ނޫންބާވައޭ ހީވެއެވެ.
އާންމު ކޮންމެ މީހަކީ މިފަދަ ހޭލުންތެރިކަންކުޑަ ބައެއްކަމަށް ހީކުރުމުގެ ބަދަލުގައި އޯގާތެރިކަމާއިއެކު މުޢާމަލާތްކުރުން އެއީ މުހިންމު ކަމެކެވެ. އަދި އޯގާތެރިކަމާއިއެކު ކަންކުރައްވާ ބޭފުޅުންވެސް މަދެއްވެސް ނޫނެވެ. ނަމަވެސް އެންމެ މީހެއްގެ ސަބަބުންވެސް އެކަމުގެ ހުރިހާ ފުރައްސާރައެއް ރައްދުވާނީ މުޅި މުއައްސަސާއަށާއި އެތަނުގައި މަސައްކަތްކުރައްވާ ބޭފުޅުންނަށެވެ. އަދި އެތަނެއްގެ ވެރިއަކާއިމެދު ރައްޔިތުންގެ އިތުބާރުވެސް ކުޑަވެގެންދާނެ ކަމަކަށެވެ.