ފުރަތަމަ ލެގުން ބަލިވެ މާޔުސްވުމުގެ ބަދަލުގައި އެންމެން ހައިރާންކޮށްލާ ދެވަނަ ލެގު ފަސޭހަ ކަމާއިއެކު ކާމިޔާބުކޮށް ކޮޕާ ޑެލްރޭގެ ފައިނަލަށް ދަތުރުކުރެވުނީ، ފަހުވަގުތާއި ޖެހެންދެންވެސް އުންމީދު ކަނޑާނުލާ މުޅިޓީމުން ދެއްކި ގަދަ ހިތްވަރުގެ ސަބަބުންކަމަށް ބާސެލޯނާގެ ކޯޗް، ރޮނާލްޑް ކޫމަން ބުނެފިއެވެ.

ކޮޕާ ޑެލްރޭގެ ސެމީފައިނަލުގެ ދެވަނަ ލެގުގައި ބުދަ ދުވަހުގެރޭ ސެވިއާގެ މައްޗަށް ފަސޭހަ ކަމާއިއެކު ބާސާއިން ކުރިހޯދީ 0-3 ގެ ނަތީޖާއަކުންނެވެ. މެޗަށްފަހު ވާހަކަދައްކަމުން ކޫމަން ބުނީ މެޗުން މޮޅުވުމުގެ ސިއްރަކީ ފަހުވަގުތާއި ޖެހެންދެން ކުޅުންތެރިން ދެއްކި ގަދަ ހިތްވަރުކަމަށާއި، ކުޅުންތެރިންގެ ކިބައިން އެދޭނެ އިތުރުކަމެއް ނެތް ކަމަށެވެ. އަދި ރޭގެ މެޗުގައި ހުރިހާ ކުޅުންތެރިންވެސް ޓީމެއްގެ ގޮތުގައިކުޅެ ދެއްކި މޮޅުކުޅުމާއިމެދު ކޯޗުގެ ހައިސިއްޔަތުން ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށާއި ދެލެގުގެ ނަތީޖާއަށް ބަލާ، މޮޅު ޓީމަކީ ބާސާކަން އެންމެނަށްވެސް މިހާރު ސާބިތުވެއްޖެ ކަމަށްވެސް ކޫމަން ބުންޏެވެ.

ސެމީގެ ފުރަތަމަ ލެގުގައި މިދިޔަ ފެބްރުއަރީ މަހު ސެވިއްޔާއިން ވަނީ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން ބާސާ ބަލިކޮށްފައެވެ. އެހެންނަމަވެސް ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި ކުޅެ ބާސާއިން ވަނީ މޮޅު ކުޅުމެއްދައްކާ 3-2 ގެ އެގްރިގޭޓް ނަތީޖާއިން ކުރިހޯދައިގެންނެވެ.

ރޭގެ މެޗުގައި ބާސާގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް އޮސްމާނޭ ޑެމްބެލޭ އެވެ. މިލަނޑަށްފަހު މެޗުގެ އެންމެ ފަހު ވަގުތުކޮޅާއި ޖެހެންދެންވެސް ލަނޑެއް ފެނިގެންގޮސްފައި ނުވާއިރު ނަތީޖާ ހަމަހަމަކުރުމަށް މެޗުގެ 73 ވަނަ މިނެޓުގައި ސެވިއާއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެހެންނަމަވެސް އެ ޓީމުގެ ލޫކަސް އޮކަމްޕޯސް ފޮނުވާލި ޕެނަލްޓީ ބާސާގެ ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓޭގެން ވަނީ މަތަކޮށްފައެވެ.

ނޭވާ ހިފަހައްޓާލައިގެން ތިބި ބާސާގެ އެތައް ސަޕޯޓަރުންނަށް ހިތްހަމަޖެހުމެއް ލިބިގެންދިޔައީ މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ހަތަރުވަނަ މިނެޓުގައި އެންޓޮއިން ގްރީޒްމަން ނަގައިދިން ހުރަސް، ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ތަޖުރިބާކާރު ޑިފެންޑަރ ޖެރާޑް ޕީކޭ ކާމިޔާބުކޮށްދިން ލަނޑާއިއެކުގައެވެ. އެގްރިގޭޓް ނަތީޖާ އެއްވަރުވެ ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގެ ތެރޭގައި ބާސާއަށް ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ޖޯޑީ އަލްބާ ތަނަވަސްކޮށްދިން ފުރުސަތަކުން މާޓިން ބްރެތުވެއިޓެވެ.

މި މޮޅާއެކު މުބާރާތުގެ ފައިނަލަށް ބާސާ ދަތުރުކުރިއިރު، ފައިނަލުގައި ބާސާ ބައްދަލުކުރަން ޖެހޭނީ ލެވަންޓޭ ނުވަތަ އެތުލެޓިކް ބިލްބާއޯއާއެވެ. ލެވަންޓޭ އާއި ބިލްބާއޯ ބައްދަލުކުރާ ސެމީގެ ދެވަނަ ލެގު ބުރާސްފަތި ދުވަހުގެރޭ ކުޅޭއިރު، އެ ދެ ޓީމު ބައްދަލުކުރި ސެމީގެ ފުރަތަމަ ލެގު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.