މިމަހުގެ ފަހުކޮޅު ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ޕޯޗުގަލް ކުޅޭ މެޗުތަކުގައި އެގައުމު ތަމްސީލު ކުރުމުގެ ފުރުސަތު ޒުވާން މިޑްފީލްޑަރު ބްރޫނޯ ފެރްނާންޑޭޒް އަށް ނުލިބިދާނެ ކަމުގެ އިޝާރާތެއް އޭނާ ކުޅެމުންދާ ކުލަބު، މެންޗަސްޓަރ ޔުނައިޓެޑްގެ ކޯޗު، އޮލެގަނަ ސޯލްޝެއާ ދީފިއެވެ.

ރޭ ޕްރިމިއަރ ލީގުގައި ކްރިސްޓަލް ޕެލަސް އާއި ވާދަކޮށް ޔުނައިޓެޑް އެއްވަރުވި މެޗަށްފަހު ވާހަކަދައްކަމުން ސޯލްޝެއާ ބުނީ ރަސްމީކޮށް އަދި ފެރްނާންޑޭޒް އާއި މަޝްވަރާނުކުރާ ކަމަށާއި އެހެންނަމަވެސް ޓީމުގެ މުހިންމު ކުޅުންތެރިއަކު ބައިނަލްއަގްވާމީ ބްރޭކުގައި އަމިއްލަ ގައުމަށް ފޮނުވުމަށްފަހު އެނބުރި އައުމުން 10 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރަން ޖެހި، މުހިންމު މެޗުތަކެއްގައި ނުކުޅެވުމުކަމީ އޭނާއަށް ގަބޫލްކުރަން އުނދަގޫ ކަމެއްކަމަށެވެ.

އަދި ކުޅުންތެރިންނަށް މުސާރަދެނީ ކުލަބުތަކުންކަމަށާއި ފީފާގެ ގަވައިދުގައިވާގޮތުން ކޮވިޑްގެ މިހާލަތުގައި ކުލަބުތަކަށް ކުޅުންތެރިން ގައުމު ތަމްސީލުކުރުމަށް ދިޔުމުގެ ފުރުސަތު ނުދިނުމުގެ ބާރު އެބައޮތް ކަމަށެވެ. އެހެންކަމުން އެ އިހްތިޔާރު ކޯޗުގެ އަތުގައި އޮއްވާ "ރެޑް ލިސްޓް" ކޮށްފައިވާ ގައުމަކަށް ކުޅުންތެރިއަކު ފޮނުވުމަކީ ކޯޗެއްގެ ހައިސިއްޔަތުން ނިންމަން ވަރަށް އުނދަގޫ ނިންމުމެއްކަމަށްވެސް ސޯލްޝެއާ ވަނީ ބުނެފައެވެ.

ކޮވިޑް-19 ގެ ސަބަބުން އިނގިރޭސިވިލާތުގެ ސަރުކާރުން ނެރެފައިވާ ހަރުކަށި އުސޫލުތަކުގެ ސަބަބުން ކުޅުންތެރިއަކުވިޔަސް ރެޑް ލިސްޓް ކޮށްފައިވާ ގައުމަކަށް އެތެެރެވުމަށްފަހު އެނބުރި އިނގިރޭސިވިޅާތައް އައުމުން 10 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރަން ޖެހެއެވެ. ބްރޫނޯ ފެރްނާންޑޭޒް ބައިނަލްއަގްވާމީ ބްރޭކުގައި ޕޯޗުގަލް އަށްގޮސް އެނބުރި އައުމުންވެސް މިމުއްދަތު ކަރަންޓީނުގައި ފުރިހަމަކުރަން ޖެހިއްޖެނަމަ އޭނާއަށް އޭޕްރިލް މަހުގެ ތިންވަނަ ދުވަހު ޔުނައިޓެޑުން ބްރައިޓަން އާއިދެކޮޅަށް ނުކުންނަ މެޗާއި، އެމަހުގެ 10 ވަނަ ދުވަހު ޓޮޓެންހަމާއި ދެކޮޅަށް ނުކުންނަ މެޗުގައި ނުކުޅެވޭނެއެވެ.

ރޭގެ މެޗުގައި ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި މެޗު އެއްވަރުވީނަމަވެސް، މިސީޒަނުގެ މިހާތަނަށް ޔުނައިޓެޑް ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލުގެ ދެވަނަައިގައި އޮތުމުގައި ފެރްނާންޑޭޒްގެ ދައުރު ވަރަށް ބޮޑެވެ. އެގޮތުން މިސީޒަނުގައި އޭނާވަނީ ހުރިހާ މުބާރާތަކުން ޔުނައިޓެޑަށް 22 ލަނޑު ކާމިޔާބުކޮށްދީ 13 އެސިސްޓްވެސް ކޮށްދީފައެވެ.

ރޭގެމެޗުން އެއްވަރުވުމާއިއެކު ޔުނައިޓެޑަށް ތިންވަނައިގައި އޮތް ލެސްޓަރ ސިޓީއާއި ދެމެދު އޮތް ފަރަގު ބޮޑުކުރަން ލިބުނު ފުރުސަތު ގެއްލުނުއިރު އެޓީމު ތާވަލުގެ ދެވަނައިގައި އޮތީ 27 މެޗުން 51 ޕޮއިންޓު ހޯދައިގެންނެވެ. ލެސްޓަރ ތިންވަނައިގައި އޮތީ މިއަދަދަށް މެޗުކުޅެ 50 ޕޮއިންޓާއި އެކުއެވެ. ތާވަލަުގެ އެއްވަނައިގައި 14 ޕޮއިންޓުގެ ލީޑަކާއިއެކު އޮތީ ވާދަވެރި މެންޗަސްޓަރ ސިޓީއެވެ. ކްރިސްޓަލް ޕެލަސް އޮތީ ތާވަލުގެ 13 ވަނައިގައި 27 މެޗުން ލިބުނު 34 ޕޮއިންޓާއިއެކުއެވެ.