މިއަހަރު އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަށްފަހު މާލެ ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ އަންނާނެކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުލް ސައްތާރު ވިދާޅުވެއްޖެއެވެ.

އަނަސް މިހެން ވިދާޅުވެފައިވަނީ މިއަދުގެ ވަގުތެއްގައި، ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އަނަސް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އިސްލާހުތައް ގެންނައިރު މާލެސިޓީ ކައުންސިލްގެ ދަށުގައި ހުޅުމާލެ އޮންނާނެ ކަމަށާއި، ހުޅުމާލެއަށް މުނިސިޕަލްޓީގެ ޚިދުމަތްތައްވެސް ފޯރުކޮށްދެވޭނީ ސިޓީ ކައުންސިލްގެ ފަރާތުންކަމަށެވެ.

އަނަސް ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދޭނެގޮތް އެންމެ ރަނގަޅަށް އެނގޭނީ އެމްޑީޕީއަށް ކަމަށާއި، އެމްޑީޕީގެ ވެރިކަމުގެ ދެދައުރުގަވެސް ލާމަރުކަޒީ ނިޒާމު ބަލިކަށިކޮށް އެބާރުތައް ސަރުކާރުގެ ކެބިނެޓް ތެރެއަށް ގެނެސްފައިވާކަމަށެވެ.

އެމްޑީޕީގެ ސަރުކާރަކާއެކު މިނިޒާމު މިހާރު ދަނީ އިތުރަށް ފުރިހަމަ ވަމުންކަމަށް އަނަސް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީއަކީ ބާރުތައް ވަކިވަކިން ހިންގަން ތާއީދުކުރާ ޕާޓީއަކަށްވުމުގެ ސަބަބުން މި އިންތިހާބު ކާމިޔާބުކުރުމަކީ އެ ޕާޓީއަށް މުހިންމު ކަމެއް ކަމަށް އަނަސް ފާހަގަކުރެއްވިއެވެ.

ވުމާއިއެކު ކައުންސިލްތަކަށް ދެވޭ ބާރުތަކުގެ މެދަށް އެމްޑީޕީ ސަރުކާރުން ނުވަތަ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ މީހުން ވަންނަން ބޭނުން ނުވާނެކަމަށް އަނަސް ވިދާޅުވެފައިވެއެވެ.

ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ދަށުން ހުޅުމާލެ ހިއްކައި އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ތަނަކަށް ހުޅުމާލެ ހަދާފައިވާއިރު ރައީސް މައުމޫންގެ މިސިޔާސަތު ރައީސް މުހައްމަދު ނަޝީދާއި، ރައީސް ޑރ. މުހައްމަދު ވަހީދު، ރައީސް އަބްދުﷲ ޔާމީން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ވެސް ތަންފީޒު ކުރަމުންދެއެވެ.